ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ވޯލްޑް ކަޕްގައި ވަކިގައުމަކަށް ތަފާތުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން: އީރާން

އީރާނުގެ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ ފޯ ފޮރިން އެފެއާޒް ކާޒިމް ގަރީބްއާބާދީ ---
އީރާނުގެ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ ފޯ ފޮރިން އެފެއާޒް ކާޒިމް ގަރީބްއާބާދީ ---

ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ވޯލްޑް ކަޕް ބާއްވާ ގައުމަކުން ވަކި ގައުމެއްގެ ގައުމީ ޓީމަކާ މެދު ތަފާތުކުރުންތައް ގެންގުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އީރާނުގެ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ ފޯ ފޮރިން އެފެއާޒް ކާޒިމް ގަރީބްއާބާދީ ވިދާޅުވެއްޖެއެވެ.

ގަރީބްއާބާދީ ވިދާޅުވި ގޮތުގައި ވޯލްޑް ކަޕް ބާއްވާ ގައުމުގެ ހައިސިއްޔަތުން އެމެރިކާގެ މައްޗަށް ބޮޑު މަސްއޫލިއްޔަތެއް އެބައޮތެވެ. އެއީ މުބާރާތަށް ކޮލިފައިވާ ހުރިހާ ޓީމުތަކަކަށް ހަމަހަމަކަމާއި، އިހުތިރާމާ އެކު ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުމެވެ.

އީރާނުގެ ވަފުދަށް އެމެރިކާއިން ކުރިމަތިކުރާ އެއްވެސް ޣައިރު ގާނޫނީ ހުރަހަކީ ފީފާ އާއި މުބާރާތް ބާއްވާ ގައުމަށް ކުރިމަތިވާނެ ބޮޑު އިމްތިހާނެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ވިސާ ދިނުމާއި، އެތެރެވުމާއި، ހުރުމުގެ އިންތިޒާމުތަކަކީ ސިޔާސީ ނުފޫޒު ފޯރުވުމަށް ބޭނުންކުރާ ވަސީލަތްތަކަކަށް ހަދައިގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އީރާނުގެ ގައުމީ ޓީމަކީ ފީފާގެ ގަވާއިދުތަކާ އެއްގޮތަށް، ކުޅިވަރުގެ މައިދާނުން ޖާގަ ހޯދާފައިވާ ޓީމެއްކަން ފާހަގަކުރައްވައި ގަރީބްއާބާދީ ވިދާޅުވީ، ކުޅުންތެރިންނާއި އޮފިޝަލުންނަށް ހުރަސްއެޅުމަކީ ބައިނަލްއަގުވާމީ ކުޅިވަރުގެ ރޫހާ މުޅިން ހިލާފު ކަމެއް ކަމަށެވެ.

ކުޅިވަރުގެ މައިދާނުގައި ހަމަހަމަކަމާއި އިންސާފުވެރިކަން ދެމެހެއްޓުމަކީ މުބާރާތުގެ އަސާސީ އުސޫލެއް ކަމަށާއި، ވަކި ގައުމަކާ މެދު އިހުތިޔާރީ ގޮތެއްގައި އަމަލުކުރުމަކީ ބައިނަލްއަގުވާމީ ކުޅިވަރުގެ ގަވާއިދުތަކާ ހިލާފު ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.