އޭޝިއާގެ ސަރަހައްދުން މިހާތަނަށް ފެނުނު އެންމެ ބިޔަ ޑައިނަސޯގެ ކަށިގަނޑު ތައިލެންޑުން ހޯދައިފި
މީގެ އެތައް މިލިއަން އަހަރެއް ކުރިން ދުނިޔޭގައި ރަސްކަންކުރި ބިޔަ މަޚުލޫގުތަކުގެ ތެރެއިން، މިހާތަނަށް ދެކުނު އިރުމަތީ އޭޝިއާއިން ފެނުނު އެންމެ ބޮޑު ޑައިނަސޯ ސައިންސްވެރިން ތައިލެންޑުން ދެނެގަނެފިއެވެ.
އިނގިރޭސިވިލާތާއި ތައިލެންޑުގެ މާހިރުން ގުޅިގެން ކުރި މި ތާރީޚީ ދިރާސާއިން ހާމަވި ގޮތުގައި، މިއީ ކުރިން އެނގިފައިނުވާ މުޅިން އައު ބާވަތެއްގެ ޑައިނަސޯއެކެވެ.
"ނާގަޓައިޓަން ޗައްޔަޕޫމެންސިސް" ގެ ނަމުން ނަންދީފައިވާ މި ބިޔަ ޖަނަވާރަކީ ގާތްގަނޑަކަށް 27 ޓަނުގެ ބަރުދަން ހުރި އެއްޗެކެވެ. މިއީ ބޮޑު ނުވަ އެލިފަންޓުގެ ބަރުދަނާ އެއްވަރުގެ މިންވަރެއް ކަމަށްވާއިރު، އޭގެ ދިގުމިނުގައި 88 ފޫޓު ހުރެއެވެ. މިއީ ދުނިޔޭގައި މަޝްހޫރުވެފައިވާ ޑިޕްލޮޑޯކަސް އަށް ވުރެ ވެސް ދިގު، އަދި ޓީ-ރެކްސް އަށް ވުރެ ދެގުނަ ބޮޑު އެއްޗެކެވެ.
މި ޑައިނަސޯއަކީ ދިގު ކަރުލީ އަދި ގަސްގަހާގެހި ކައިގެން އުޅުނު "ސޯރޮޕޮޑް" އާއިލާގެ މެންބަރެކެވެ. މި ޖަނަވާރު ދުނިޔޭގައި އުޅެފައިވަނީ މީގެ 100 އާއި 120 މިލިއަން އަހަރު ކުރިންނެވެ. މި ބާވަތުގެ ކަށިތައް ފުރަތަމަ ފެނިފައިވަނީ މީގެ ދިހަ އަހަރު ކުރިން ތައިލެންޑުގެ އިރުއުތުރު ޗައްޔަޕޫމް ޕްރޮވިންސުގެ ފެންގަނޑެއްގެ ކައިރިންނެވެ.
މި ހޯދުމުގެ އެންމެ މުހިންމު އެއް މަސައްކަތެއް ކުރެއްވީ ޔުނިވަރސިޓީ ކޮލެޖް ލަންޑަންގައި ޕީއެޗްޑީ ހަދަމުންދާ ތައިލެންޑުގެ ދަރިވަރު ތިތިވޫޓް ސެތަޕަނިޗްސަކުލް އެވެ. އޭނާ ހާމަކުރި ގޮތުގައި، މި ޑައިނަސޯގެ އެންމެ ކައްޓެއްގެ ދިގުމިން ވެސް އިންސާނެއްގެ އިސްކޮޅަށް ވުރެ ބޮޑެވެ. މިއީ ތައިލެންޑުން މިހާތަނަށް ނަން ދެވުނު 14 ވަނަ ޑައިނަސޯއެވެ.
ނާގަޓައިޓަން އުޅުނު ޒަމާނަކީ ދުނިޔޭގެ ހޫނުމިން އިންތިހާއަށް މަތިވި ދުވަސްވަރެއް ކަމަށްވުމުން، އެފަދަ ހޫނު މާހައުލެއްގައި މިހާ ބިޔަ ހަށިގަނޑެއްގެ ވެރި ޖަނަވާރެއް ދިރިއުޅުނު ގޮތާ މެދު ސައިންސްވެރިންގެ މެދުގައި ވަނީ ބޮޑު ޝައުގުވެރިކަމެއް އުފެދިފައެވެ. މި ހޯދުމުގެ ސަބަބުން މޫސުމަށް އައި ބަދަލުތަކާއެކު ޖަނަވާރުންނާއި ގަސްގަހާގެއްސަށް އައި ބަދަލުތައް ދެނެގަތުމަށް އައު މަގުތަކެއް ހުޅުވިގެންދާނެއެވެ.
Ads by MACL
