ނީޓް ޔޫޖީ އިމްތިހާނުގެ ޕޭޕަރު ލީކްކުރި މޭސްތިރިޔާ ޕޫނޭއިން ހައްޔަރުކޮށްފި
އިންޑިއާގައި ގާތްގަނޑަކަށް 23 ލައްކަ ދަރިވަރުން ބައިވެރިވި ނީޓް ޔޫޖީ 2026 މެޑިކަލް އިމްތިހާނުގެ ޕޭޕަރު ލީކްކުރި މައްސަލައިގެ ތަހުގީގަށް ބޮޑު ކުރިއެރުމެއް ލިބި، އެ ޖަރީމާގެ މޭސްތިރިޔާ ކަމަށް ތުހުމަތުކުރެވޭ ޕޫނޭގެ ކެމިސްޓްރީ ޕްރޮފެސަރަކު ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ހައްޔަރުކޮށްފިއެވެ.
ހައްޔަރުކޮށްފައިވަނީ ނޭޝަނަލް ޓެސްޓިން އެޖެންސީ (އެންޓީއޭ) ގެ ފަރާތުން އިމްތިހާނުގެ މަސައްކަތްތަކުގައި އުޅުމުގެ ތެރޭގައި ޕޭޕަރަށް ސީދާ އެކްސެސް ލިބިފައިވާ ޕީވީ ކުލްކަރްނީ ނަމަކަށް ކިޔާ މީހެކެވެ. އޭނާ ވަނީ ތާލީމީ އިދާރާގެ ތެރެއިން ލިބުނު މި ފުރުސަތުގެ ނާޖާއިޒު ފައިދާ ނަގައިގެން ސުވާލުތައް ބޭރުކޮށްލާފައެވެ.
އަސްލު ލާތޫރަށް ނިސްބަތްވާ ކުލްކަރްނީ ޕޫނޭގައި "ރާޖް ކޯޗިން ކްލާސަސް" ގެ ނަމުގައި އަމިއްލަ ކްލާސްތަކެއް ހިންގަމުން ދިޔައެވެ. މިދިޔަ މެއި މަހުގެ 3 ވަނަ ދުވަހު އޮތް ބޮޑު އިމްތިހާނުގެ ކުޑަދުވަސްކޮޅެއް ކުރިން، އެޕްރީލް މަހުގެ ފަހު ހަފްތާގައި އޭނާގެ ގޭގައި ބޭއްވި ހާއްސަ ކްލާހެއްގައި އިމްތިހާނުގައި ހިމެނޭ ސުވާލުތަކާއި އޭގެ ސައްހަ ޖަވާބުތައް ދަރިވަރުންނަށް ކިޔައިދީފައިވާކަން ތަހުގީގަށް ވަނީ އެނގިފައެވެ. އެ ކްލާހުގެ ދަރިވަރުން އެ މައުލޫމާތުތައް ލިޔެފައިވާ ނޯޓްބުކްތައް އަތުލައި، އަސްލު އިމްތިހާނު ޕޭޕަރާ އަޅާކިޔިއިރު ގިނަ ސުވާލުތަކެއް ލަފްޒުން ލަފްޒަށް ދިމާވާތީ، މިއީ އިމްތިހާނުގެ ނިޒާމުގެ އެތެރެއިން ހިންގާފައިވާ ލީކެއްކަން ވަނީ ކަށަވަރުވެފައެވެ.
މި ނެޓްވޯކްގައި މެދުވެރިއެއްގެ ބައި އަދާކުރި މަނިޝާ ވަގުމާރޭ ނަމަކަށް ކިޔާ އަންހެނަކުވެސް ސީބީއައި އިން ވަނީ ބުރާސްފަތި ދުވަހު ހައްޔަރުކޮށްފައެވެ. ބިއުޓީ ޕާލަރެއް ހިންގާ މަނިޝާ ވަނީ މެޑިކަލް އިމްތިހާނުގެ ލީކްވެފައިވާ ޕޭޕަރާއި ކޮލެޖުތަކުން ޖާގަ ހޯދައިދޭނެ ކަމަށް ބުނެ ދަރިވަރުންގެ އަތުން ލައްކައެއްހާ ރުފިޔާ އަތުލާފައެވެ. އަދި ފައިސާ ދޭ ދަރިވަރުން އޭނާ ފޮނުވަމުން ދިޔައީ ސީދާ ޕްރޮފެސަރު ކުލްކަރްނީގެ ގާތަށެވެ.
މި ބޮޑު ލީކް ނެޓްވޯކް އިންޑިއާގެ އިތުރު ކިހާ ސްޓޭޓްތަކަކަށް ފެތުރިފައިވޭތޯ ބެލުމަށް ސީބީއައި އިން ދަނީ ގައުމީ ފެންވަރެއްގައި ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ. ފާއިތުވި 24 ގަޑިއިރު ތެރޭގައި އެކި ސަރަހައްދުތަކަށް ރެއިޑްކޮށް، މުހިންމު ލިޔެކިޔުންތަކާއި ފޯނުތަކާއި އިލެކްޓްރޯނިކް ސާމާނު ހޯދައި ފޮރެންސިކް ތަހުލީލުތަކަށް ވަނީ ފޮނުވާފައެވެ. މި މައްސަލައިގައި ސީބީއައި އިން ރަސްމީކޮށް ދައުވާ ރެޖިސްޓްރީ ކުރީ މިނިސްޓްރީ އۆފް އެޑިޔުކޭޝަންގެ ދަށުން ހިންގާ ޑިޕާޓްމަންޓް އۆފް ހަޔަރ އެޑިޔުކޭޝަނުން ހުށަހެޅި ޝަކުވާއަކާ ގުޅިގެންނެވެ.
މި މައްސަލައިގައި މިހާތަނަށް އިންޑިއާގެ ޖައިޕޫރު، ގުރުގްރާމް، ނާޝިކް، ޕޫނޭ، އަދި އަހިލްޔާނަގަރުން ޖުމްލަ 8 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މީގެ ތެރެއިން ބުރާސްފަތި ދުވަހު ކޯޓަށް ހާޒިރުކުރި 5 މީހަކު، ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި 7 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
Ads by MACL
