ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އިބޯލާ ފެތުރޭތީ ދުނިޔޭގެ ސިއްހީ ކުއްލި ނުރައްކަލެއް އިއުލާނުކޮށްފި

މި ބަލިމަޑުކަމުގައި މިހާތަނަށް 80 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައި ---
މި ބަލިމަޑުކަމުގައި މިހާތަނަށް 80 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައި ---

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރުސީ) ގައި ހަލުވިކަމާ އެކު ފެތުރެމުންދާ އިބޯލާ ވައިރަހުގެ އާ ރޯގާއާ ގުޅިގެން، ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން އިއުލާނުކޮށްފި އެވެ.

މި ބަލިމަޑުކަމުގައި މިހާތަނަށް 80 އަށްވުރެ ގިނަ މީހުން މަރުވެ، ނުރައްކާ އިންތިހާއަށް ބޮޑުވެފައިވާއިރު، މިއީ ބައިނަލްއަގުވާމީ ސިއްހީ ގަވާއިދުތަކުގެ ދަށުން ނެރެވޭ ދެވަނައަށް އެންމެ މަތީ އެލާޓް "ޕަބްލިކް ހެލްތު އެމަޖެންސީ" އެކެވެ. ނަމަވެސް، ބަލިމަޑުކަން ފެތުރިފައިވާ އަސްލު މިންވަރު އަދި ސާފުނުވާތީ، އެންމެ މަތީ އެލާޓް ލެވެލް ކަމަށްވާ "ޕެންޑެމިކް އެމަޖެންސީ" އިއުލާނުކުރުމާ ހަމައަކަށް އަދި ނުދެ އެވެ.

މި ފަހަރު ޑީއާރުސީގައި ފެތުރެމުންދަނީ އިބޯލާގެ "ބުންޑިބުގްޔޯ" ސްޓްރެއިން ކަމަށްވާއިރު، މިއީ މީހުން މަރުވާ ރޭޓް ގާތްގަނޑަކަށް 50 އިންސައްތައަށް އަރާ ނުރައްކާތެރި ވައްތަރެކެވެ. ސިއްހީ މާހިރުން ވަނީ މި ސްޓްރެއިންއަށް ހާއްސަ ވެކްސިނެއް ނުވަތަ ފަރުވާއެއް މިހާތަނަށް ހޯދިފައި ނެތް ކަމުގެ އިންޒާރު ދީފަ އެވެ. މިހާރު ދުނިޔޭގައި ބޭނުންކުރަމުންދާ ވެކްސިންތަކަކީ 1976 ވަނަ އަހަރު ފެނުނު އަދި މަރުވާ ނިސްބަތް 60 އާއި 90 އިންސައްތައާ ދެމެދުގައި އުޅޭ "ޒަޔަ" ސްޓްރެއިންއަށް އެކަނި މަސައްކަތްކުރާ އެއްޗެހި ކަމަށް ޑީއާރުސީގެ ހެލްތު މިނިސްޓަރު ސެމިއުލް-ރޮޖާ ކަމްބާ ވިދާޅުވި އެވެ.

އެފްރިކާ ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (އެފްރިކާ ސީޑީސީ) އިން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ލޭނާރުތައް ހަލާކުވެ ލޭއަންނަ މި ހުން ޖެހިގެން 88 މީހަކު ވަނީ މަރުވެފަ އެވެ. އަދި ބަލިޖެހިފައިވާ ކަމަށް ޝައްކުކުރެވޭ 336 ކޭސް އެ ގައުމުން ރިޕޯޓްކޮށްފައިވެ އެވެ. މި ބަލިމަޑުކަން ފެނިގެން އުޅެނީ ޔުގެންޑާ އަދި ސައުތު ސޫދާނާ ބޯޑަރު ހިއްސާކުރާ ޑީއާރުސީގެ އިރުއުތުރު އިތޫރީ ޕްރޮވިންސުންނެވެ. މިހާރު މި ބަލި ވަނީ ބޯޑަރު ހުރަސްކޮށް އަވަށްޓެރި ޔުގެންޑާއަށް ވެސް ފެތުރި، އެ ގައުމުން ކޮންގޯގެ މީހަކު މަރުވެފަ އެވެ.

މި ބަލި އެންމެ ފުރަތަމަ ޖެހުނު "ޕޭޝަންޓް ޒީރޯ" އަކީ ނަރުހެއް ކަމަށާއި، އޭނާ ބަލީގެ އަލާމާތްތަކާ އެކު އިތޫރީގެ ވެރިރަށް ބޫނިއާގެ ސިއްހީ މަރުކަޒަކަށް ދެއްކީ މިދިޔަ އެޕްރީލް މަހުގެ 24 ގައި ކަމަށް މިނިސްޓަރު ކަމްބާ ވިދާޅުވި އެވެ. އިބޯލާ ބަލީގެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ގަދައަށް ހުންއައުމާއި، ހޮޑުލުމުގެ އިތުރުން ހަށިގަނޑުގެ އެކި ގުނަވަންތަކުން ލޭއައުން ހިމެނެ އެވެ.

އިތޫރީ ސަރަހައްދުގެ މަދަނީ ޖަމްއިއްޔާއެއްގެ މަންދޫބެއް ކަމަށްވާ އީސާކް ނިއާކުލިންޑާ އޭއެފްޕީއަށް މައުލޫމާތު ދެމުން ބުނީ، ވޭތުވެދިޔަ ދެ ހަފުތާގައި މީހުން މަރުވާ ނިސްބަތް ވަރަށް އިތުރުވެފައިވާ ކަމަށެވެ. އަދި ބަލިމީހުން އެކަހެރި ކުރާނެ އެއްވެސް ވަސީލަތެއް ނެތުމުން ގިނަ ބަޔަކު މަރުވަނީ ގޭގައި ކަމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ނެތި ކަފުންކުރުމުގެ ކަންކަން އާއިލާތަކުން އަމިއްލައަށް ކުރަމުންދާ ކަމަށް އޭނާ ކަންބޮޑުވުމާ އެކު ފާހަގަކުރި އެވެ.

އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމްއިއްޔާއެއް ކަމަށްވާ ޑޮކްޓާސް ވިތައުޓް ބޯޑާސް (އެމްއެސްއެފް) އިން ބުނީ ބަލި ހަލުވިކަމާ އެކު އެކި ސިއްހީ ސަރަހައްދުތަކަށާއި ބޯޑަރު ހުރަސްކޮށް ފެތުރެމުންދާތީ އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ. އެ ޖަމްއިއްޔާގެ އެމަޖެންސީ ޕްރޮގްރާމް މެނޭޖަރު ޓްރިޝް ނިއުޕޯޓް ވިދާޅުވީ، ކުރު މުއްދަތެއްގެ ތެރޭގައި ގިނަ އަދަދެއްގެ ކޭސްތަކާއި މަރުތައް ފެނުމަކީ ބޮޑު ނުރައްކަލެއް ކަމަށާއި، އެހީތެރިކަން ފުޅާކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. ނަމަވެސް 100 މިލިއަނަށް ވުރެ ބޮޑު އާބާދީއެއް އޮތް ޑީއާރުސީއަކީ ދަތުރުފަތުރާއި މުއާސަލާތީ ވަސީލަތްތައް ދަށް ގައުމަކަށް ވުމުން، މެޑިކަލް ސާމާނު އުފުލުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވި އެވެ.

މިއީ ޑީއާރުސީއަށް އިބޯލާ ރޯގާ ކުރިމަތިވި 17 ވަނަ ފަހަރެވެ. ޑަބްލިއުއެޗްއޯ އިން ބުނާ ގޮތުގައި ފުރަތަމަ ނެގި ސާމްޕަލްތަކުން ބަލި ހުރިކަން ދެއްކި ނިސްބަތް މަތިވުމުން، މިހާރު ރިޕޯޓްކޮށްފައިވާ އަދަދުތަކަށް ވުރެ މާ ފުޅާކޮށް ބަލި ފެތުރިފައިވުމުގެ ފުރުސަތު ބޮޑެވެ. ވާލުގެ ޒަރީއާއިން އިންސާނުންގެ ގަޔަށް އަރާ މި ވައިރަސް ފެތުރެނީ ބަލިޖެހި، އަލާމާތްތައް ފެންނަ މީހުންގެ ހަށިގަނޑުން ބޭރުވާ ތެތްކަމެއް ނުވަތަ ލޭގެ ޒަރީއާއިންނެވެ. ބަލި އެތެރެހަށީގައި އާލާވުމަށް 21 ދުވަސް ނަގާއިރު، ވޭތުވެދިޔަ ބައިގަރުނު ތެރޭގައި އެފްރިކާއިން މި ބަލީގައި 15،000 އެއްހާ މީހުން މަރުވެފައިވެ އެވެ. އެ ގައުމުގައި 2018 އާއި 2020 އާ ދެމެދު ފެތުރުނު އެންމެ ނުރައްކާތެރި ބަލިމަޑުކަމުގައި 2،300 އެއްހާ މީހުން މަރުވި އެވެ.