ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އީރާނަށް ދޭ ހަމަލާއަކުން ގަލްފުގެ ދިއްލުންތައް ނިވިދާނެ: ސީއައިއޭގެ ކުރީގެ އެނަލިސްޓް

އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ (ސީއައިއޭ) ގެ ކުރީގެ އެނަލިސްޓެއް ކަމަށްވާ ލެރީ ޖޯންސަން ---
އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ (ސީއައިއޭ) ގެ ކުރީގެ އެނަލިސްޓެއް ކަމަށްވާ ލެރީ ޖޯންސަން ---

އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނަށް އާ ހަމަލާއެއް ދީފިނަމަ، މުޅި ގަލްފު ސަރަހައްދުގެ "ބޮކިތައް ނިވި" އަނދިރިވެގެން ހިނގައިދާނެ ކަމުގެ އިންޒާރު އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ (ސީއައިއޭ) ގެ ކުރީގެ އެނަލިސްޓެއް ކަމަށްވާ ލެރީ ޖޯންސަން ދީފިއެވެ.

އޭނާ ބުނި ގޮތުގައި ޑޮނަލްޑް ޓްރަމްޕް މި މައްސަލައިގައި ފަހަތަށް ޖެހެން ބޭނުމެއް ނުވެއެވެ. އެހެންކަމުން އީރާނާއެކު އާ ހަނގުރާމައެއް ފެށުމުގެ ފުރުސަތު އިންތިހާއަށް ބޮޑެވެ.

މި ހަމަލާއާ ގުޅިގެން މިހާރު އުފެދިފައިވާ އެންމެ ބޮޑު ސުވާލަކީ، ސައޫދީ އަރަބިއްޔާ، ޤަޠަރު އަދި ކުވެއިތުން އެމެރިކާގެ ބޭނުންތަކަށް އެ ގައުމުތަކުގެ ވައިގެ ސަރަހައްދާއި އެ ގައުމުތަކުގައި ބާކީ ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ ދެމުން ގެންދާނެތޯ ނުވަތަ ނޫންތޯ ކަމަށް ޖޯންސަން ފާހަގަކުރިއެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި އެ ގައުމުތަކުގެ އެހީތެރިކަމާ ނުލައި އީރާނަށް ދެވަނަ ހަމަލާއެއް ދިނުމަކީ އެމެރިކާއަށް ވަރަށް ބޮޑު ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭނެ، އަދި ނުރައްކާތެރިކަން ބޮޑު ކަމެކެވެ.

ޓްރަމްޕް ބޭނުންވާ ގޮތަށް އީރާނުގެ ހަކަތަ އުފައްދާ ވަސީލަތްތަކަށް ހަމަލާދިނުމަކީ ވަރަށް ނުބައި ޚިޔާލެއްގެ ގޮތުގައި ޖޯންސަން ވަނީ ސިފަކޮށްފައެވެ.

އިސްރާއީލަކީ ކުޑަ ގައުމަކަށް ވުމުން، އެ ގައުމުގެ ކަރަންޓުގެ ނިޒާމު ހަލާކުކޮށްލުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށް އޭނާ އިންޒާރު ދިނެވެ. އަދި ހަމައެއާއެކު ސައޫދީ އަރަބިއްޔާ، ޤަޠަރު، ކުވެއިތު، ބަހުރޭން އަދި ޔޫއޭއީ ފަދަ ގައުމުތަކުގެ ހަކަތައިގެ ނިޒާމުތަކަށްވެސް މިފަދަ ހަމަލާއެއްގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމަށް ޖޯންސަން ބުންޏެވެ.