ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އިންޑިއާގައި ދަތުރުކުރަމުންދިޔަ ރޭލެއްގައި ރޯވެއްޖެ

އިންޑިއާގައި ދަތުރުކުރަމުންދިޔަ ރޭލެއްގައި ރޯވެއްޖެ

އިންޑިއާގެ ޓްރެވެންޑްރަމުން ފުރައިގެން ވެރިރަށް ދިއްލީއަށް ދަތުރުކުރަމުންދިޔަ ރޭލެއްގައި ރޯވެ، އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް ހިނަގައިފިއެވެ.

މި ނުރައްކާތެރި ހާދިސާގައި އަލިފާން ރޯވީ "ތިރުވަންތަޕުރަމް – ހަޒްރަތް ނިޒާމުއްދީން ރާޖްދާނީ އެކްސްޕްރެސް" ގެ ކޯޗެއްއެވެ.

ކޭރަޅައިން ފުރައިގެން ވެރިރަށް ނިއު ދިއްލީއަށް ދަތުރުކުރި މި ޓްރެއިނުގައި އަލިފާން ރޯވީ މަދްޔަ ޕްރަދޭޝްގެ ރަތްލާމް ސަރަހައްދުގެ ވިކްރަމްގަޅު އަލޮޓް އާއި ލޫނީ ރިޗާ ސްޓޭޝަނާ ދެމެދުން، މިއަދު ހެނދުނު 5:15 އެހާކަންހާއިރުއެވެ. މި ޓްރެއިން ދިއްލީއަށް ދިއުމަށް ތާވަލުކޮށްފައި އޮތީ މިއަދު މެންދުރުފަހު 12:30 ގައެވެ.

މި ހާދިސާގައި އަލިފާން ރޯވެފައިވަނީ 68 ފަސެންޖަރުންނާއެކު ދަތުރުކުރި B-1 ނަމަކަށް ކިޔާ އޭސީ ކޯޗެއްގައެވެ. އަދި އޭގެ ފަހަތުގައި އޮތް ލަގެޖް-ކަމް-ގާޑް ވޭން (SLR) އަށްވެސް އަލިފާނުގެ އަސަރުކޮށްފައިވެއެވެ. ނަމަވެސް، ހާދިސާ ހިނގި ވަގުތު ހުރިހާ ފަސެންޖަރުން ރައްކާތެރިކަމާއެކު ސަލާމަތްކުރެވިފައިވާތީ، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ޓްރެއިނުން ބޯކޮށް ކަޅުދުން އަރަމުންދިޔައިރު، ރޯވި އަލިފާންގަނޑު ވަނީ މަގުމަތީގައި ހުރި ގަސްތަކަށްވެސް ފެތުރިފައެވެ.

https://twitter.com/ndtv/status/2055873747341717805?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2055873747341717805%7Ctwgr%5Ee9a2d9a81e44356b276b411fcb2fe49d67914339%7Ctwcon%5Es1_&ref_url=https%3A%2F%2Fpublish.twitter.com%2F%3Furl%3Dhttps%3A%2F%2Ftwitter.com%2Fndtv%2Fstatus%2F2055873747341717805

އަލިފާން ރޯވިކަން އެނގުމާއެކު ރެއިލްވޭގެ އޮފިޝަލުން ވަނީ އަލިފާން ރޯވި ކޯޗާއި ގާޑް ވޭން ޓްރެއިނުން ވަކިކޮށް، އެ ސަރަހައްދުގެ އޯވަހެޑް އިލެކްޓްރިކް ސަޕްލައި (OHE) ކަނޑާލާފައެވެ. އަދި އޭގައި ތިބި ފަސެންޖަރުން އެހެން ކޯޗުތަކަށް ބަދަލުކޮށްގެން ރާޖަސްތާންގެ ކޯޓާއާ ހަމައަށް ގެންގޮސްފައިވެއެވެ. ވެސްޓް ސެންޓްރަލް ރެއިލްވޭގެ ސީ.ޕީ.އާރު.އޯ ހަރްޝިތު ޝްރީވަސްތަވަ ވިދާޅުވި ގޮތުގައި ކޯޓާ ސްޓޭޝަނުން ޓްރެއިނަށް އިތުރު ކޯޗެއް ގުޅުވުމަށް ވަނީ ހަމަޖެހިފައެވެ. ހާދިސާއާ ގުޅިގެން މެދުކަނޑާލުމަށްފަހު، ޓްރެއިން އަލުން ދަތުރު ފަށާފައިވަނީ ހެނދުނު 9:45 ގައެވެ.

މި ހާދިސާ ހިނގިއިރު ޓްރެއިން ވަނީ ގާތްގަނޑަކަށް 2,500 ކިލޯމީޓަރުގެ ރާސްތާއެއް ކަނޑަތުކޮށްފައެވެ. އަދި އަލިފާން ރޯވި ސަރަހައްދަކީ ވެރިރަށް ދިއްލީއާ 650 ކިލޯމީޓަރު ދުރުގައި އޮތް ހިސާބެކެވެ. ރެއިލްވޭސް އިން މިހާރު ދަނީ މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ރަސްމީކޮށް ތަހުގީގު ކުރަމުންނެވެ.

މި ހާދިސާގެ ސަބަބުން އެ ރޫޓުގެ ރޭލު ދަތުރުތަކަށް ބޮޑެތި ބުރޫތަކެއް އަރައި، މަދުވެގެން 18 ޓްރެއިނެއްގެ ދަތުރު ވަނީ ހުއްޓުމަކަށް އައިސްފައެވެ. އޭގެ ތެރޭގައި މުމްބާއީ އާއި ބަރައުނީއާ ދެމެދު ދަތުރުކުރާ އަވަދް އެކްސްޕްރެސް، މުމްބާއީ ސެންޓްރަލް – ދުރޮންތޯ، ހަޒްރަތް ނިޒާމުއްދީން – ޕޫނޭ ސްޕެޝަލް، ހަރިދްވާރ – ބަންދުރާ ޓާމިނަސްގެ އިތުރުން ނިއު ދިއްލީ – އިންދޯރް އެކްސްޕްރެސް ހިމެނެއެވެ.