ދުނިޔެއަށް އިރުއަރާނެ އެންމެ މާތް ދުވަސްތައް: ޙައްޖު މަހުގެ ފުރަތަމަ 10 ދުވަސް!
އިސްލާމީ ކަލަންޑަރުގެ ފަހު މަސްކަމަށްވާ ޙައްޖު މަހާ (ޛުލްޙިއްޖާ މަހާ) މުސްލިމުން
ބައްދަލުކުރާއިރު، މިއީ މާތްﷲ ޙުރުމަތްތެރި ކުރެއްވި ހަތަރު މަހުގެ ތެރެއިން އެއް
މަހެވެ.
މުއުމިނު އަޅުތަކުން އެކަލާނގެ ހަޟްރަތަށް ކުއްތަންވެ، ހެޔޮ އަމަލުތައް
ގިނަކޮށް، ދަރުމައާއި ޘަވާބު ހޯދުމަށް މަގުފަހިކޮށްދެއްވުމުގެ ގޮތުން މާތްﷲ ވަނީ
ބައެއް މައްސަރުތަކާއި ވަގުތުތަކަށް ޚާއްޞަ މާތްކަމެއް ދެއްވާފައެވެ. އެގޮތުން
ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހަކީ މުޅި އަހަރުގެ ތެރޭގައިވެސް އަންނަ
އެންމެ މާތް، އަދި އެންމެ ބަރަކާތްތެރި ދުވަސްތައް ކަމުގައި އިސްލާމްދީނުގައި
ވަނީ ކަނޑައަޅުއްވާފައެވެ.
މި ދުވަސްތަކުގެ މާތްކަމާއި މަތިވެރިކަން ކީރިތި ޤުރުއާނުގެ އާޔަތްތަކުން ވަރަށް
ސާފުކޮށް ފެންނަން އެބައޮތެވެ. އަލްފަޖްރު ސޫރަތުގެ ފުރަތަމަ ދެ އާޔަތުގައި
މާތްﷲ ވަނީ ފަޖުރުގެ ވަގުތު ގަންދެއްވައި، އަދި "ދިހަ ރޭ" ގަންދެއްވައި
ހުވާކުރައްވާފައެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. (وَالْفَجْرِ . وَلَيَالٍ
عَشْرٍ) މާނައީ: "ފަޖުރުގެ ވަގުތު ގަންދެއްވަމެވެ. އަދި ދިހަ ރޭ ގަންދެއްވަމެވެ."
Ads by BMLޢަބްދުﷲ އިބްނު އައްބާސްގެ ކިބައިން ރިވާވެގެންވާ ގޮތުގައި އަދި ގިނަ ތަފްސީރު
ޢިލްމުވެރިން އިއްތިފާޤުވެވަޑައިގަންނަވާ ގޮތުގައި، މިއާޔަތުގައި މާތްﷲ
ގަންދެއްވައި ހުވާކުރައްވާފައިވާ ދިހަ ރެޔަކީ ޙައްޖު މަހުގެ ފުރަތަމަ ދިހަ
ދުވަހެވެ.
މީގެ އިތުރުން އަލްޙައްޖު ސޫރަތުގެ 28 ވަނަ އާޔަތުގައި، ކަނޑައެޅިގެންވާ
ދުވަސްތަކެއްގައި ﷲ ގެ އިސްމުފުޅު ހަނދުމަކުރުމަށް އަންގަވާފައިވެއެވެ.
އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. (وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ
مَّعْلُومَاتٍ) މާނައީ: "އަދި ކަނޑައެޅިގެންވާ ދުވަސްތަކެއްގައި އެއުރެން ﷲ ގެ
އިސްމުފުޅު ހަނދުމަކޮށް އުޅުމަށެވެ." ޢިލްމުވެރިން ބަޔާންކުރައްވާ
ގޮތުގައި މިއާޔަތުގައިވާ ކަނޑައެޅިގެންވާ ދުވަސްތަކަކީ ވެސް ހަމަ ޙައްޖު
މަހުގެ ފުރަތަމަ ދިހަ ދުވަހެވެ. މާތްﷲ އެއްޗެއް ނުވަތަ ވަގުތެއް ގަންދެއްވައި
ހުވާކުރެއްވުމާއި، ޚާއްޞަ ގޮތެއްގައި އެދުވަސްތަކެއްގެ މަތިން ހަނދުމަކުރުމަށް
އެންގެވުމަކީ އޭގެ މަތިވެރިކަން އަންގައިދޭ އެންމެ ބޮޑު އެއް ހެއްކެވެ.
ކީރިތި ރަސޫލާގެ ސުންނަތާއި ޙަދީޘްތަކަށް ބަލާއިރު، މިއީ ދުނިޔެމަތީގައިވާ އެންމެ
މާތް ދުވަސްތައްކަން އިތުރަށް ކަށަވަރުވެއެވެ. ޞަޙީޙް ބުޚާރީގައި ޢަބްދުﷲ އިބްނު
އައްބާސްގެ ކިބައިން ރިވާވެގެންވާ ޙަދީޘެއްގައި ކީރިތި ރަސޫލާ ﷺ
ޙަދީޘްކުރައްވާފައިވެއެވެ. (مَا مِنْ أَيَّامٍ الْعَمَلُ
الصَّالِحُ فِيهَا أَحَبُّ إِلَى اللهِ مِنْ هَذِهِ الْأَيَّامِ يَعْنِي
أَيَّامَ الْعَشْرِ، قَالُوا: يَا رَسُولَ اللهِ، وَلَا الْجِهَادُ فِي سَبِيلِ
اللهِ؟ قَالَ: وَلَا الْجِهَادُ فِي سَبِيلِ اللهِ، إِلَّا رَجُلٌ خَرَجَ
بِنَفْسِهِ وَمَالِهِ، فَلَمْ يَرْجِعْ مِنْ ذَلِكَ بِشَيْءٍ) މާނައީ: "މި
ދިހަ ދުވަހުގައި ކުރެވޭ ހެޔޮ އަމަލަށްވުރެ ﷲ ގެ ހަޟްރަތުގައި ލޮބުވެތިކަން
ބޮޑުވެގެންވާ އެހެން ދުވަސްތަކެއް ނުވެއެވެ. ޞަޙާބީން އެއްސެވިއެވެ. އޭ ﷲ
ގެ ރަސޫލާއެވެ! ﷲ ގެ މަގުގައި ޖިހާދުކުރުން ވެސް ތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. ﷲ ގެ
މަގުގައި ޖިހާދުކުރުން ވެސް މެއެވެ. އެކަމަކު އޭނާގެ ފުރާނަ އާއި މުދާ
ހިފައިގެންގޮސް އޭގެން އެއްވެސް އެއްޗަކާ ނުލައި (ޝަހީދުވެގެން)
އެނބުރި އައި މީހާ ފިޔަވައެވެ."
މި ދިހަ ދުވަހުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އަދި އެންމެ ބަރަކާތްތެރި އެއް
ދުވަހަކީ ޢަރަފާތް ދުވަހެވެ. ޙައްޖު މަހުގެ ނުވަވަނަ ދުވަސް ކަމުގައިވާ ޢަރަފާތް
ދުވަހު ރޯދަހިފުމަކީ ޙައްޖުވެރިން ފިޔަވައި އެހެން މީހުންނަށް ގަދަވެގެންވާ
ސުންނަތެކެވެ.
ޞަޙީޙް މުސްލިމްގައި ރިވާވެގެންވާ ޙަދީޘެއްގައި ކީރިތި ރަސޫލާ
ﷺ ޙަދީޘްކުރައްވާފައިވެއެވެ. (صِيَامُ يَوْمِ عَرَفَةَ أَحْتَسِبُ عَلَى اللَّهِ
أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ وَالسَّنَةَ الَّتِي بَعْدَهُ)
މާނައީ: "ޢަރަފާތް ދުވަހު ހިފާ ރޯދައިގެ ސަބަބުން، އިސްވެދިޔަ އަހަރުގެ
ފާފަތަކާއި ކުރިއަށް އޮތް އަހަރުގެ ފާފަތައް މާތްﷲ ފުއްސަވައިދެއްވާނެކަމަށް
ތިމަންކަލޭގެފާނު އުންމީދުކުރައްވަމެވެ."
ހަމައެއާއެކު، ޙައްޖު މަހުގެ ދިހަވަނަ ދުވަސްކަމަށްވާ ބޮޑު އީދު ދުވަހަކީވެސް
އާދަޔާޚިލާފު މާތްކަމެއް ލިބިގެންވާ ދުވަހެކެވެ. އިމާމް އަޙްމަދާއި
އަބޫދާވޫދު ރިވާކުރެއްވި ޙަދީޘެއްގައި ކީރިތި ރަސޫލާ ﷺ
ޙަދީޘްކުރައްވާފައިވެއެވެ. (إِنَّ أَعْظَمَ الأَيَّامِ عِنْدَ
اللَّهِ تَبَارَكَ وَتَعَالَى يَوْمُ النَّحْرِ) މާނައީ: "ހަމަކަށަވަރުން މާތްﷲ
ގެ ހަޟްރަތުގައި އެންމެ މާތްވެގެންވާ ދުވަހަކީ ނަޙްރު (އީދު) ދުވަހެވެ."
މި މަތިވެރި ދުވަސްވަރު މުސްލިމުން އަމަލުކުރަންވީ ގޮތަށް ބަލާއިރު، އެންމެ
މަތިވެރި އަޅުކަމަކީ ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމެވެ. ނަމަވެސް
އެކަމަށް ކުޅަދާނަކަން ލިބިގެންނުވާ މީހުންނަށް ވެސް ގިނަގުނަ ހެޔޮ އަމަލުތަކެއް
ކުރެވިދާނެއެވެ. އޭގެ ތެރޭގައި ޙައްޖު މަހުގެ ފުރަތަމަ ނުވަ ދުވަހު ރޯދަހިފުމާއި،
މާތްﷲ އަށް ތަކްބީރާއި ތަޙްމީދު އަދި ތަހުލީލު ކިޔައި ޛިކުރުކުރުން ގިނަކުރުން
ހިމެނެއެވެ.
މީގެ އިތުރުން ކުޅަދާނަކަން ލިބިގެންވާ މީހުން އީދު ދުވަހާއި
އައްޔާމުއްތަޝްރީޤުގެ ދުވަސްތަކުގައި އުޟްޙިޔާ ކަތިލުމާއި، ފަގީރުންނަށް
ޞަދަޤާތްކޮށް، ތެދުވެރި ތައުބާއަކުން ތައުބާވެ ފާފަތަކާ ދުރުހެލިވުމަކީ މި ރަން
ފުރުސަތުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމަށް ކުރެވިދާނެ ކަންކަމެވެ.
ރަމަޟާން މަހުގެ ފަހު ދިހައެއް ފަދައިން، ނުވަތަ އެއަށްވުރެވެސް މަތިވެރި
ދަރުމައާއި ޘަވާބު އެކުލެވިގެންވާ މި ދުވަސްތައް އަހަރެމެންނާ
ބައްދަލުކުރާއިރު، މިއީ ހަމަ ކޮންމެ މުސްލިމަކަށް ވެސް ލިބޭ އުފާވެރި
ޚަބަރެކެވެ.
ދުނިޔަވީ މަޝްޣޫލުކަން އެއްފަރާތްކޮށް، މި ބަރަކާތްތެރި
ދުވަސްތަކުގައި މާތްﷲ ގެ ރުއްސެވުމާއި ފުއްސެވުން ހޯދުމަށް ގަދައަޅައި
މަސައްކަތްކުރުމަކީ އާޚިރަތުގެ ކާމިޔާބީއަށް އެދޭ ކޮންމެ މީހަކުވެސް
ފަރުވާތެރިކަމާއެކު ކުރަންޖެހޭނެ ކަމެކެވެ.
Ads by MACL
