އިރާނުގެ މިސައިލްތަކުގެ ކުރިމަތީގައި ހުޅަނގުގެ ހަތިޔާރުތައް ބާރުކަނޑުވާލައިފި
އިސްރާއީލުން ބޭނުންކުރާ މިސައިލް ދިފާއީ ނިޒާމުތަކަކީ އިރާނުން ފޮނުވާލާ މިސައިލްތައް ހުއްޓުވުމުގައި އެއްވެސް ފައިދާއެއް ނެތް ނިޒާމުތަކެއްކަން ސާބިތުވެފައިވާ ކަމަށާއި، އަދި އެމެރިކާގެ މަޝްހޫރު ޕެޓްރިއަޓް މިސައިލް ދިފާއީ ނިޒާމަށް ވެސް އެކަމުގައި އެދެވޭ އެއްވެސް ކުރިއެރުމެއް ހޯދިފައިނުވާ ކަމަށް މަޝްހޫރު ސައިންސްވެރިއަކު ބުނެފިއެވެ.
މެސެޗުސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގެ ޕްރޮފެސަރެއް ކަމަށްވާ ތިއޮޑޯ ޕޯސްޓޯލް ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގައި އެންމެ ކުރިއަރާފައިވާ ކަމަށް ބުނާ ހުޅަނގުގެ އަސްކަރީ ދިފާއީ ހަތިޔާރުތަކަށް އިރާނުގެ ހަމަލާތައް ހުއްޓުވުމަށް ވަނީ ނުކުޅެދިފައެވެ.
އޭނާ އިތުރަށް ވިދާޅުވީ، އެމެރިކާގެ އެންމެ ވަރުގަދަ އަދި އިތުބާރު ބޮޑު ހަތިޔާރެއްގެ ގޮތުގައި އިސްތިހާރުކުރަމުންދާ ޕެޓްރިއަޓް ނިޒާމަށް، އިރާނުން ފޮނުވާލާ ބެލިސްޓިކް މިސައިލްތައް ވައިގެ ތެރެއިން ހުއްޓުވުމަށް ނުކުޅެދިފައިވާ ކަމަށެވެ.
މި ފަހަކަށް އައިސް މެދުއިރުމަތީގައި އުފެދިފައިވާ އަސްކަރީ ނުތަނަވަސްކަމުގެ ތެރެއިން، އިރާނުން އިސްރާއީލަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް މިސައިލް ހަމަލާތަކުގައި އިސްރާއީލުގެ "އެރޯ" އަދި "ޑޭވިޑްސް ސުލިންގް" ފަދަ ވައިގެ ދިފާއީ ނިޒާމުތަކަށް ހުރަސްއަޅައި، ގިނަ މިސައިލްތަކެއް ވަނީ އަމާޒުތަކަށް ވާސިލްވެފައެވެ.
މި ހަމަލާތަކާ ގުޅިގެން ހުޅަނގުގެ އަސްކަރީ ޓެކްނޮލޮޖީގެ ގާބިލުކަމާ މެދު ބައިނަލްއަގުވާމީ ދިފާއީ މާހިރުންގެ މެދުގައި ބޮޑެތި ސުވާލުތަކެއް އުފެދިފައިވާއިރު، މިއީ ފަހުގެ ތާރީޚެއްގައި އެމެރިކާ އާއި އެގައުމުގެ ބައިވެރިންގެ ދިފާއީ އައްޑަނަޔަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.
Ads by MACL
