އިސްރާއީލުން ހުޅަނގު އައްސޭރީގައި ހިންގާ ގެދޮރު ހަލާކުކުރުމުގެ އަމަލުތައް އަދިވެސް ކުރިއަށް
އިސްރާއީލް ސިފައިން ފަލަސްޠީނުގެ ބައިތުލްލަޙަމް (ބެތުލެހެމް) ގެ އަވަށަކަށް ވަދެގަނެ، އެ ތަނުގައި ރައްޔިތުން ދިރިއުޅޭ އިމާރާތެއް ތަޅާލައިފިއެވެ. އިސްރާއީލްގެ ފައުޖުތަކުން މި އަމަލު ހިންގާފައިވަނީ އެ އަވަށަށް ކުއްލިގޮތަކަށް ވަދެ ހިންގި ހަމަލާތަކެއްގެ ތެރޭގައެވެ.
މިފަދަ ބޮޑެތި އަސްކަރީ ހަރަކާތްތަކާއި ވަދެގަތުންތަކަކީ އިސްރާއީލްގެ ބާރުތަކުން ފަލަސްޠީނުގެ އެކި ރަށްތަކާއި އަވަށްތަކުގައި ރޭވުންތެރިކަމާއެކު އާންމުކޮށް ހިންގަމުންދާ ކަންކަމެވެ.
ޚާއްޞަކޮށް ހަމަނުޖެހުން ބޮޑު ސަރަޙައްދުތަކުގައި، ދުވާލުގެ ވަގުތުތަކުގައި ފާރަލުމަށް އާންމުކޮށް ދަތުރުކުރުމާއި، ތަކުރާރުކޮށް އެ ސަރަޙައްދުތަކަށް ވަދެގަތުމަކީ އިސްރާއީލް ސިފައިން އަމަލުކުރަމުންދާ އާންމު އުޞޫލެކެވެ.
ބައިތުލްލަޙަމް ހިމެނޭގޮތަށް، ހުޅަނގު އައްސޭރީގެ އެކި ސަރަޙައްދުތަކަކީ 1967 ވަނަ އަހަރުގެ ހަނގުރާމައިން ފެށިގެން އިސްރާއީލުން ހިފާފައިވާ ބިންތަކެކެވެ.
ބައިނަލްއަޤުވާމީ ޤާނޫނުތަކުގެ ދަށުން މި ބިންތަކުގައި އިސްރާއީލުން ޔަހޫދީން އާބާދުކުރުމާއި، ފަލަސްޠީނު މީހުންގެ ގެދޮރު ހުއްދައެއް ނެތްކަމަށް ބުނެ ތަޅާލުމަކީ މަނާކަމެއް ނަމަވެސް، އިސްރާއީލް ސަރުކާރުން ދަނީ އެ ސިޔާސަތު ދަމަހައްޓަމުންނެވެ. މިގޮތުން ހިންގާ ގެދޮރު ތަޅާލުމުގެ އަމަލުތަކުގެ ސަބަބުން ކޮންމެ އަހަރަކު އެތައް ސަތޭކަ ފަލަސްޠީނު ރައްޔިތުންނެއް ހާލުގައި ޖެހި، މަގުމަތިވަމުންދެއެވެ.
Ads by MACL
