ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އެމެރިކާއިން އީރާނާ ގުޅުންހުރި ތެޔޮ ޓޭންކަރެއް އިންޑިއާ ކަނޑުން ހިފަހައްޓައިފި

ހޮރުމޫޒު ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކެއް --- ފޮޓޯ: ޔޫއެސް ނޭވީ
ހޮރުމޫޒު ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކެއް --- ފޮޓޯ: ޔޫއެސް ނޭވީ

އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރުމުގެ ގޮތުން، އެ ގައުމާ ގުޅުންހުރި ތެޔޮ ޓޭންކަރެއް އެމެރިކާއިން އިންޑިއާ ކަނޑުގެ ތެރެއިން ހިފަހައްޓާފައިވާ ކަމަށް އެމެރިކާގެ އޮފިޝަލުން ހާމަކުރައްވައިފިއެވެ.

ރޭގަނޑުގެ ވަގުތެއްގައި ހިފަހައްޓާފައިވާ މި ޓޭންކަރަކީ "ސްކައިވޭވް" ނަމަކަށް ކިޔާ އުޅަނދެކެވެ. މިއީ އީރާނުގެ ތެޔޮ އުފުލާ ކަމުގެ ތުހުމަތުގައި މިދިޔަ މާރިޗު މަހުގެ ތެރޭގައި ވެސް އެމެރިކާއިން ފިޔަވަޅު އަޅާފައިވާ އުޅަނދެކެވެ.

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި ތެޔޮ އެކްސްޕޯޓް ކުރުމާ ދެކޮޅަށް ވޮޝިންގޓަނުން ދަނީ އެ ގައުމަށް ދޭ ފިއްތުންތައް ބޮޑުކުރަމުންނެވެ. ކަނޑުދަތުރުފަތުރުގެ މައުލޫމާތުތަކުން ދައްކާ ގޮތުގައި، މި އުޅަނދު ހިފެހެއްޓުމުގެ ކުރިން އަންގާރަ ދުވަހު ދަތުރުކުރަމުން ދިޔައީ މަލާކާ ކަނޑުއޮޅިން ނުކުމެ، މެލޭޝިއާގެ ހުޅަނގު ފަރާތުންނެވެ.

ރިޕޯޓުތައް ބުނާގޮތުގައި މި ޓޭންކަރުގައި، މިދިޔަ ފެބުރުއަރީ މަހު އީރާނުގެ ޚާރްގް އައިލެންޑުން ބަރުކޮށްފައިވާ 1 މިލިއަނަށްވުރެ ގިނަ ބަރަލުގެ ސާފުނުކުރާ ތެޔޮ ހުރި ކަމަށް ބެލެވެއެވެ. ނަމަވެސް މި ތެޔޮ ފަހުން އޭޝިއާގެ ގައުމަކަށް ބާލާފައިވާކަމެއް އަދި ކަށަވަރެއް ނުވެއެވެ. އުޅަނދު ހަރަކާތްތެރިވަމުންދިޔަ ސަރަހައްދަކީ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވުމަށްޓަކައި، ސިއްރުން އެއް އުޅަނދުން އަނެއް އުޅަނދަށް ތެޔޮ ބަދަލުކުރުމުގެ މަސައްކަތްތައް ހިންގާ ސަރަހައްދެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ތަނެކެވެ.

މިއީ އިންޑިއާ ކަނޑުން އީރާނާ ގުޅުންހުރި "ޝެޑޯ ފްލީޓް" (ގަވާއިދާ ޚިލާފަށް ތެޔޮ އުފުލާ ސިއްރު ފްލީޓް) ގެ ޓޭންކަރެއް އެމެރިކާއިން ހިފެހެއްޓި ތިންވަނަ ފަހަރެވެ. މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ވެސް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ވަނީ "މެޖެސްޓިކް އެކްސް" އަދި "ޓިފާނީ" ނަމަކަށް ކިޔާ ދެ ޓޭންކަރެއް ހިފަހައްޓާފައެވެ.

މި "ޝެޑޯ ފްލީޓް" ގައި ހިމެނެނީ އިންޝުއަރެންސް ނެތް، ބާވެފައިވާ ގާތްގަނޑަކަށް 1000 އެއްހާ ތެޔޮ ޓޭންކަރެވެ. މި އުޅަނދުތައް ބޭނުންކުރަނީ އީރާނާއި ރަޝިއާ ފަދަ ފިޔަވަޅު އަޅާފައިވާ ގައުމުތަކުގެ ތެޔޮ، ސިއްރު ވެރިފަރާތްތަކެއްގެ ނަމުގައި އަދި ކަނޑުމަތިން އެއް އުޅަނދުން އަނެއް އުޅަނދަށް ބަދަލުކޮށްގެން ޗައިނާ އާއި އިންޑިއާ ފަދަ ގައުމުތަކަށް ވިއްކުމަށެވެ.

އެމެރިކާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި މި ފިޔަވަޅުތަކަކީ އީރާނުގެ ތެޔޮ އެކްސްޕޯޓް މުޅިން ހުއްޓުވުމަށް ކުރާ މަސައްކަތްތަކުގެ ބައެކެވެ. މިދިޔަ އޭޕްރީލް މަހު އެމެރިކާގެ އަސްކަރީ ލީޑަޝިޕުން ވަނީ އީރާނުގެ ދިދަ ނަގާފައިވާ އުޅަނދުތަކާއި، އީރާނަށް އެހީތެރިވާ އުޅަނދުތައް ހޯދައި ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އީރާނަށް އާ އަސްކަރީ ހަމަލާތަކެއް ދިނުމަށް އަމުރުކުރަން "އެއް ގަޑިއިރަށް ވެފައި" ވަނިކޮށް، ގަލްފުގެ ބައެއް ގައުމުތަކުން އެދުމުގެ މަތިން އެ ނިންމުން މަޑުޖައްސާލާފައިވާ ކަމަށެވެ. އަދި އީރާނާއެކު އެއްބަސްވުމަކަށް އާދެވުމުގެ "ވަރަށް ރަނގަޅު ފުރުސަތެއް" އެބައޮތް ކަމަށާއި، އެމަނިކުފާނު ބޮޑަށް ބޭނުންފުޅުވަނީ ހައްލެއް ހޯދުމަށް ސުލްހަވެރި ޑިޕްލޮމެޓިކް މަގު އިޚްތިޔާރުކުރަން ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.

އެމެރިކާއިން ދަނީ އީރާނުގެ ތެޔޮ ވިޔަފާރީގެ ނެޓްވޯކްތަކަށް ބާރުބޮޑުކުރަމުންނެވެ. މީގެ ތެރޭގައި އީރާނުން ސާފުނުކުރާ ތެޔޮ ގަންނަ ޗައިނާގެ ރިފައިނަރީތަކާ ދެކޮޅަށް ފިޔަވަޅު އެޅުން ވެސް ހިމެނެއެވެ. މި ފަހަރުގެ ޓޭންކަރު ހިފެހެއްޓި ހާދިސާއާ ގުޅިގެން އެމެރިކާގެ ޕެންޓަގަނުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.