އޭއައިގެ ސަބަބުން އިންސާނިއްޔަތަށް ބޮޑު ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ސައިންސްވެރިން ދީފި
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ސަބަބުން އިންސާނުންނަށް ބޮޑު ކާރިސާއެއް ކުރިމަތިނުވާނެ ކަމަށް ގަބޫލުކުރުމަކީ ހަގީގަތާ ހިލާފު އުންމީދެއް ކަމަށް މަޝްހޫރު އިވޮލޫޝަނަރީ ބަޔޮލޮޖިސްޓް ބްރެޓް ވެއިންސްޓީން ބުނެފިއެވެ.
އޭނާ ހާމަކުރި ގޮތުގައި ވަރަށް އަވަސް މުސްތަގުބަލެއްގައި، އޭއައިގެ ބޭނުން ހިފާނެ ހުނަރު ނެތް ބިލިއަނަކަށްވުރެ ގިނަ މީހުން ދުނިޔޭގައި އުޅެންޖެހޭނެ ކަމަށް ލަފާކުރެވެއެވެ.
މި މައުލޫއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވިޔަފާވެރިޔާ ޑެން ޕްރީސްޓްލީ ވަނީ، މިހާރުގެ އިންސާނުންގެ ހާލަތަކީ 20 ވަނަ ގަރުނުގެ ކުރީކޮޅު މޮޓަރު އުޅަނދުތައް ތައާރަފުވުމުން ބޭނުންނެތް އެއްޗަކަށްވި އަސްތަކުގެ ހާލަތާ އެއްފަދަ ހާލަތެއް ކަމަށް ސިފަކޮށްފައެވެ. އަދި އޭއައިގެ ސަބަބުން އިންސާނުންގެ ބޭނުން ކެނޑިގެންދާނެތީ، "މިއީ އަހަރެމެންނަކީ އަސްތަކަކަށް ހަދާލާނެ ކަމެއް ބާއޭ" ގިނަ ބަޔަކު މިހާރު ސުވާލު އުފައްދަމުންދާ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
ބްރެޓް ވެއިންސްޓީން އިތުރަށް ބުނި ގޮތުގައި، އިންސާނުންގެ ސިފަޔަށް ހަދާފައިވާ ރޮބޮޓްތައް ތައާރަފުވުމުން ދުނިޔޭގައި ވަޒީފާނެތް މީހުންގެ އަދަދު އިންތިހާއަށް އިތުރުވެ، އިގްތިސާދީ ބޮޑު ހީނަރުކަމެއް ކުރިމަތިވާނެއެވެ.
މިފަދަ ހާލަތެއްގައި ދުނިޔޭގެ ނުފޫޒުގަދަ މަހުޖަނުންނާއި ވެރިންނަށް ދުނިޔޭގެ އާބާދީގެ ބޮޑު ބައެއްގެ ބޭނުން ނެތްކަން ވިސްނޭނެ ކަމަށާއި، މީގެ ސަބަބުން އިންސާނިއްޔަތަށް ބޮޑު ކާރިސާއެއް ކުރިމަތިނުވާނެ ކަމަށް ބުނެވޭނީ ހަމައެކަނި ދުނިޔޭގެ ހަގީގަތް ގަބޫލުކުރަން ބޭނުންނުވާ މާބޮޑަށް އުންމީދީ ވިސްނުންތަކެއް ގެންގުޅޭ މީހުންނަށް އެކަނި ކަމަށް އޭނާ ބުންޏެވެ.
ފަހަކަށް އައިސް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީއަށް އައިސްފައިވާ ހަލުވި ކުރިއެރުންތަކާއެކު، އިންސާނުން ކުރަމުން އައި ގިނަ މަސައްކަތްތަކެއް އޭއައި ސިސްޓަމްތަކާއި ރޮބޮޓްތަކުން ކުރަން ފެށުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ބަހުސްތަކެއް އުފެދިފައިވާ މައުލޫއެކެވެ.
މީގެ ކުރިންވެސް ސިނާއީ އިންގިލާބުތަކުގައި އާ އީޖާދުތަކުގެ ސަބަބުން ވަޒީފާތަކަށް ބަދަލު އައިސްފައިވީ ނަމަވެސް، އޭއައިގެ ސަބަބުން އިންސާނާގެ ވިސްނުމާއި ބުއްދީގެ ބޭނުން ކެނޑިގެން ހިނގައިދާނެ ކަމުގެ ބިރު ބޮޑެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ވަޒީފާގެ ބާޒާރަށާއި، އިގްތިސާދީ ފަންތިތަކުގެ މެދުގައިވާ ފަރަގަށް އަންނާނެ ނޭދެވޭ ބަދަލުތަކާ މެދު ސައިންސްވެރިންނާއި، އިގްތިސާދީ މާހިރުންގެ އިތުރުން ދުނިޔޭގެ ބޮޑެތި ޖަމިއްޔާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
Ads by MACL
