ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ޔަހޫދީ އިސްރާއީލްގެ ގޮތްކުޑަކަން އިންތިހާއަށް، އެއްވަގުތެއްގައި ޔަމަން، ލުބްނާން، ޣައްޒާ، ސޫރިޔާއަށް ހަމަލާދީ ބަޔަކު ޝަހީދުކޮށްލައިފި

ޔަހޫދީ އިސްރާއީލްގެ ގޮތްކުޑަކަން އިންތިހާއަށް، އެއްވަގުތެއްގައި ޔަމަން، ލުބްނާން، ޣައްޒާ، ސޫރިޔާއަށް ހަމަލާދީ ބަޔަކު ޝަހީދުކޮށްލައިފި

ޒަޔަނިސްޓު އިސްރާއީލުގެ ހައްދަފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް ޔަހޫދީ ފައުޖުން އެއް ވަގުތެއްގައި ފަލަސްޠީނުގެ ޣައްޒާއާއި، ލުބްނާނާއި، ޔަމަނާއި ސޫރިޔާއަށް ނިރުބަވެރި ޙަމަލާތަކެއް ދީފިއެވެ. ޔަހޫދީންގެ ޙަމަލާތަކުގައި އެ މީހުންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާއިން ވަނީ ބައިވެރިވެފައެވެ. ޔަހޫދީ ފައުޖުގެ ނިރުބަވެރި ޙަމަލާތައް ދީފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމާ އެކުގައެވެ.

ޔަމަނަށް ދީފައިވާ ގިނަ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އަލް-ޙުދަޔިދާ ބަނދަރު އޮތް ސަރަޙައްދަށެވެ. އޭގެ ތެރެއިން ބައެއް ޙަމަލާތައް، ބަނދަރު ކައިރީގައި ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ވެސް އަމާޒުކޮށްފައިވެއެވެ. އެ ޙަމަލާތަކުގައި ޔަހޫދީ ފައުޖުގެ 30އެއްހާ އަސްކަރީ މަތިންދާބޯޓު ބައިވެރިވެފައިވާ ކަމުގައި މަޞްދަރުތަކުން ބުންޏެވެ. ޙުދަޔިދާގެ އިތުރުން ޣައްޒާއާއި ލުބްނާން އަދި ސޫރިޔާއަށް ދީފައިވާ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 54އަށް އުފުލިފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ.

ޙުދަޔިދާގެ ބަނދަރު ސަރަޙައްދަށް ދީފައިވާ ޙަމަލާތަކުގައި އިތުރު 35 މީހުން ޒަޚަމު ކޮށްލާފައިވާ ކަމުގައި ޔަމަންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. މަޞްދަރުތަކުން ބުނީ، ޔަހޫދީ ފައުޖުގެ ޙަމަލާތަކާ ގުޅިގެން ޙުދަޔިދާ ބަނދަރުގެ އިތުރުން އެ ސަރަޙައްދުގައި އޮތް ސިމެންތި އުފައްދާ ކާރުޚާނާއެއް ބަންދު ކޮށްފައިވާ ކަމުގައެވެ. ބަނދަރަށް ލިބިފައިވާ ގެއްލުމުގެ ތަފުސީލުތައް ލިބިފައި ނުވާ ކަމުގައި ވެސް މަޞްދަރުތަކުން ބުންޏެވެ. ނަމަވެސް، ބަނދަރުގެ %70 ސަރަޙައްދެއް ސުންނާފަތި ކޮށްލާފައިވާ ކަމުގައި ބައެއް ރިޕޯޓުތައް ބުންޏެވެ.

އަލް-ޙުދަޔިދާ ބަނދަރަކީ ރަތް ކަނޑުގެ ސަރަޙައްދުގައި އޮތް ދެވަނައަށް އެންމެ ބޮޑު ބަނދަރެވެ. އަދި، ޔަމަނަށް އެތެރެ ކުރާ ކާބޯތަކެތީގެ %80 އެތެރެ ކުރަނީ އެ ބަނދަރުންނެވެ. ޙުދަޔިދާގެ ރައްޔިތުން ބުނީ، ބަނދަރުގެ އިތުރުން ޙުދަޔިދާގެ އަލް-ސަލްޚާނާއާއި އަލް-ޙަވާކު އަވަށަށް ޔަހޫދީ ފައުޖުން 10 ވަރަކަށް ފަހަރު މެދުކެނޑުމެއް ނެތި ޙަމަލާ ދީފައިވާ ކަމުގައެވެ. އެ ޙަމަލާތަކުގައި ބޭނުން ކޮށްފައި ވަނީ ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރުތަކެވެ.

ޙޫޘީން ނައްތައިލުމުގެ ނަމުގައި ޔަމަންގެ ޢާންމުންނާ ދެކޮޅަށް ހިންގާ ޖަރީމާ


ޔަހޫދީ ފައުޖުން ޔަމަނަށް ޙަމަލާ ދީފައި މި ވަނީ، އެ ޤައުމުގައި ހަރަކާތްތެރިވާ ޙޫޘީ ޖަމާޢަތުން ޒަޔަނިސްޓު އިސްރާއީލުގެ ވެރިރަށް ތެލް އަވީވަށް އަމާޒުކޮށް ދީފައިވާ މިސައިލް ޙަމަލާއެއްގެ ބަދަލު ހިފުމުގެ ގޮތުންނެވެ. ތެލް އަވީވް ކައިރީގައި އޮތް ބެން ގޫރިޔޮން ވައިގެ ބަނދަރު އޮތް ސަރަޙައްދަށް ބެލިސްޓިކް މިސައިލެއް ބޭނުން ކޮށްގެން ޙޫޘީން ދީފައިވާ ޙަމަލާއާ ގުޅިގެން އެ ވައިގެ ބަނދަރު ވަގުތީ ގޮތުން ބަންދު ކުރަން މަޖުބޫރުވިއެވެ. އަދި، އެ ޙަމަލާއާ ގުޅިގެން އެމެރިކާއާއި ވިލާތުގެ ޤައުމުތަކުގެ ބޮޑެތި އެއަރލައިންތަކުން ވަނީ ތެލް އަވީވަށް ކުރާ ވައިގެ ދަތުރުތައް މެދުކަނޑައިލާފައެވެ.
ޙުދަޔިދާއަށް ދީފައިވާ ޙަމަލާތަކުގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު ޙޫޘީން ވަނީ ދީފައެވެ. އެ ޖަމާޢަތުގެ އިސް އޮފިޝަލެއް ކަމުގައިވާ ޢަބްދުލްޤާދިރް އަލް-މުރްތަޟާ ވިދާޅުވީ ޔަހޫދީންނަށް ތަސައްވުރު ނުކުރެވޭ ވަރުގެ ނުރައްކާތެރި ޙަމަލާތަކެއް ޒަޔަނިސްޓުންގެ ރަށްތަކަށް އަމާޒުކޮށް ދިނުމަށް ތައްޔާރުވަމުންދާ ކަމުގައެވެ.


ޒަޔަނިސްޓު އިސްރާއީލާ ދެކޮޅަށް ޙޫޘީންގެ ޙަމަލާތައް އަމާޒު ކުރަން ފަށާފައި ވަނީ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދޫ ފައުޖުން ޤަތުލުޢާންމެއް ފެށުމާ ގުޅިގެންނެވެ. ޙޫޘީންގެ ބޭނުމަކީ ފަލަސްޠީނުގެ ރައްޔިތުންނާއި، ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ޖަމާޢަތްތަކަށް ވާގިވެރިވުމެވެ. އަދި، ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކަށް ނިމުމެއް ގެނައުމަށް ބާރު އެޅުމެވެ.

ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކަށް އަމާޒުކޮށް ޙަމަލާ ދިނުމުގެ އިތުރުން ޙޫޘީން ދަނީ ރަތް ކަނޑު ހުރަސްކޮށް ދަތުރު ކުރާ އާގުބޯޓުފަހަރަށް ވެސް ޙަމަލާތައް އަމާޒު ކުރަމުންނެވެ. އެ ޙަމަލާތައް އަމާޒު ކުރަމުން ދަނީ އިސްރާއީލަށް މުދާ ގެންދާ އަދި ޔަހޫދީންނާ ގުޅުން އޮތް އުޅަނދުފަހަރުގެ އިތުރުން ޔަހޫދީންގެ މަދަދުގާރުން ކަމުގައި އެމެރިކާއާއި އިނގިރޭސިވިލާތުގެ އަސްކަރީ މަނަވަރުތަކާއި، އެ ދެ ޤައުމާ ގުޅުން އޮތް އާގުބޯޓުފަހަރަށެވެ.