ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ހިޒްބުالله އިން އިސްރާއީލަށް ވަރުގަދަ 26 ހަމަލާއެއްދީ، ކޮމާންޑަރަކު މަރާލައިފި

ހިޒްބުالله އިން ވަނީ ގޮވާތަކެތި ހަރުކޮށްފައިވާ ޑްރޯން ބޭނުންކޮށްގެން ހަމަލާތައް ދީފަ --- ފޮޓޯ: ޕާސްޓްޑޭ
ހިޒްބުالله އިން ވަނީ ގޮވާތަކެތި ހަރުކޮށްފައިވާ ޑްރޯން ބޭނުންކޮށްގެން ހަމަލާތައް ދީފަ --- ފޮޓޯ: ޕާސްޓްޑޭ

ލުބުނާނުގެ ހިޒްބުالله ޖަމާއަތުން އިސްރާއީލުގެ ސިފައިންނާއި، އެމީހުންގެ މަގާމުތަކާއި އަދި އަސްކަރީ އުޅަނދުތަކަށް އަމާޒުކޮށް، ދެކުނު ފްރަންޓްލައިންގައި ކާމިޔާބު 26 އަސްކަރީ ހަރަކާތެއް ހިންގައިފި ކަމަށް އެ ޖަމާއަތުން ބުނެފިއެވެ.

އިސްރާއީލުގެ އުތުރުގައިވާ އަލް-އަދައިސާ އަދި ދިބްލް ފަދަ އަވަށްތަކުގައި ތިބި އިސްރާއީލު ސިފައިންގެ ގްރޫޕުތަކަށާއި އަސްކަރީ ފޭލިގެތަކަށް އަމާޒުކޮށް ހިޒްބުالله އިން ވަނީ ގޮވާތަކެތި ހަރުކޮށްފައިވާ ޑްރޯން ބޭނުންކޮށްގެން ހަމަލާތައް ދީފައެވެ. މީގެ އިތުރުން ތައިބޭ އަވަށުގައި ހުރި އިސްރާއީލުގެ މުވާސަލާތީ ވަސީލަތްތަކާއި، ރާސް އަލް-ނާގޫރާ ކަނޑުގެ ސަރަހައްދީ މަރުކަޒަށް ވެސް ޑްރޯން ހަމަލާތަކެއް ދީ އެ ތަންތަން ވަނީ ހަލާކުކޮށްލާފައެވެ.

މި ހަމަލާތަކުގެ ތެރޭގައި ހިޒްބުالله ގެ ހަނގުރާމަވެރިން ވަނީ ބެއިޓް ލިފް އަވަށުގައި ތިބި އިސްރާއީލު ސިފައިންނަށް މޯޓަރު ބަޑިން ހަމަލާދީ، އެމީހުންގެ މާކާވާ މަރުކާގެ ޓޭންކެއް ގޮއްވާލައި، ސިފައިންގެ ބަޔަކު މަރާލާާފައެވެ. އަދި ޖަލް އަލް-އާލަމް މަރުކަޒުގައި ހުރި އިސްރާއީލުގެ މަޝްހޫރު "އަޔަން ޑޯމް" އެއާ ޑިފެންސް ސިސްޓަމަށް ޑްރޯން ހަމަލާއެއްދީ، އެ ސިސްޓަމް އެއްކޮށް ހަލާކުކޮށްލާފައިވާ ކަމަށް ވެސް އެ ޖަމާއަތުން ހާމަކުރެއެވެ.

މި ހަމަލާތަކާ ގުޅިގެން އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ، ހިޒްބުالله އިން ދެކުނު ލުބުނާނުގައި ހިންގި ވަރުގަދަ ޕެރަގޮރިއްލާ ހަރަކާތެއްގައި، އިސްރާއީލުގެ މަގްލާން ސްޕެޝަލް ފޯސަސް ޔުނިޓުގެ ކޮމާންޑަރެއް ކަމަށްވާ، އުމުރުން 27 އަހަރުގެ ރިޒާވް މޭޖާ އިތަމާރު ސަވީރު މަރުވެފައިވާ ކަމަށެވެ. އަދި ހަމަ އެއާއެކު، ތެލް އަވީވްގައި ހުންނަ ކިރްޔާ އަސްކަރީ ހެޑްކުއާޓާޒްގެ ފާޚާނާއެއްގެ ތެރެއިން އިސްރާއީލު ސިފައިންގެ މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށާއި، އޭނާ މަރުވީ އަމިއްލައަށް މަރުވެގެން ކަމަށް ބެލެވޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. އިސްރާއީލު ސިފައިންގެ އަހަރީ ރިޕޯޓުގައިވާ ގޮތުން 2025 ވަނަ އަހަރު އެކަނިވެސް އެ ގައުމުގެ 21 ސިފައިން ވަނީ އަމިއްލައަށް މަރުވެފައެވެ.

ލުބުނާނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، ހިޒްބުالله ގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އިސްރާއީލުން ލުބުނާނުގެ ދެކުނުގެ އެކި ސަރަހައްދުތަކަށް ދިން ވައިގެ ހަމަލާތަކުގައި ލުބުނާނުގެ 19 މީހުން ވަނީ ޝަހީދުވެފައެވެ. އަދި މި ހަމަލާތަކުގައި އިތުރު 29 މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ވެސް އެ ވުޒާރާއިން ބުނެއެވެ.