ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ހޮރްމޫޒް ކަނޑުއޮޅީގައި އީރާނުން އާ ބާރުތަކެއް ހޯދައި، ކޮންޓްރޯލް ކުރާ ސަރަހައްދެއް ކަނޑައަޅައިފި

ހޮރުމޫޒު ކަނޑުއޮޅި ---
ހޮރުމޫޒު ކަނޑުއޮޅި ---

ދުނިޔޭގެ ވިޔަފާރި އާއި ހަކަތައިގެ އެންމެ މުހިންމު އެއް މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅީގައި އީރާނުން "ކޮންޓްރޯލް މެރިޓައިމް ޒޯން" އެއް ގާއިމްކޮށް، އެ ސަރަހައްދުން ދަތުރުކުރާ ހުރިހާ އުޅަނދުފަހަރަކުން އީރާނުގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަދައިފިއެވެ.

އީރާނުން އަލަށް އުފެއްދި "ޕާޝިއަން ގަލްފް ސްޓްރެއިޓް އޮތޯރިޓީ" (ޕީޖީއެސްއޭ) އިން ބުނި ގޮތުގައި، މި ސަރަހައްދުން ހުރިހާ ބާވަތެއްގެ އުޅަނދެއް ދަތުރުކުރަން ވާނީ އެ އިދާރާއާ ވިލަރެސްކޮށް، ދުރާލައި ހުއްދަ ހޯދުމަށްފަހުގައެވެ.

މި އާ ކޮންޓްރޯލް ޒޯން ފެށެނީ އީރާނުގެ ކުހޭ މުބާރަކް އަދި ޔޫއޭއީގެ ފުޖައިރާގެ ދެކުނުން ފެށިގެން، ހޮރްމޫޒް ކަނޑުއޮޅީގެ ހުޅަނގުން އީރާނުގެ ގޭޝްމް ރަށާއި ޔޫއޭއީގެ އުއްމުލް ޤުވައިން ގުޅޭ ރޮނގާ ހަމައަށެވެ. މިއީ ދުނިޔޭގެ ތެލާއި، އެލްއެންޖީ އަދި މުދާ އުފުލާ އުޅަނދުތައް ގިނަ އަދަދަކަށް ހުރަސްކުރާ ސަރަހައްދަކަށް ވުމުން، މި ނިންމުމާ އެކު ބައިނަލްއަގުވާމީ ޝިޕިން މާކެޓަށާއި ހަކަތައިގެ ބާޒާރަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ބެލެވެއެވެ.

މި ފިޔަވަޅު އަޅާފައި މިވަނީ މި ސަރަހައްދުގެ ކަނޑުގެ ދަތުރުފަތުރަށް ބޮޑެތި ބުރޫތަކެއް އަރާފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާ އާއި އިސްރާއީލާ ދެމެދު އުފެދުނު ހަމަނުޖެހުންތައް މިދިޔަ ފެބްރުއަރީ މަހު ގޯސްވުމާ ގުޅިގެން، އީރާނުން ވަނީ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރުން ކޮންޓްރޯލް ކޮށް އެ ގައުމުގެ އަމިއްލަ އުޅަނދުތަކަށް އެކަނި ދަތުުރުކުރެވޭގޮތަށް ހަނިކޮށްފައެވެ. އޭގެ ރައްދުގައި އެމެރިކާއިން ވެސް ވަނީ އީރާނުގެ ބަނދަރުތަކަށް އަމާޒުކޮށް ބްލޮކޭޑެއް ނުވަތަ ބަންދުކުރުމެއް އިއުލާނުކޮށްފައެވެ.

މި ދެފަރާތުގެ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ދުނިޔޭގެ ހަކަތަ ފޯރުކޮށްދިނުމުގެ ނިޒާމަށް ފަހުގެ ތާރީޚެއްގައި ނުފެންނަ ވަރުގެ ބޮޑު ލޮޅުމެއް އަރައި، ތެޔޮ ޓޭންކަރުތަކުގެ ދަތުރުތަކަށް ހުރަސް އެޅި، ކަނޑުގެ ސަލާމަތާ މެދު ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ވިދާޅުވި ގޮތުގައި، ހޮރްމޫޒް ކަނޑުއޮޅީގެ ދިގު މުއްދަތުގެ ސަލާމަތްތެރިކަން ދެމެހެއްޓުމަށްޓަކައި އޮމާނާ އެކު ގުޅިގެން މަސައްކަތް ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް އީރާނުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ކަނޑުގެ ސަރަހައްދީ އެހެން ގައުމުތަކާ އެކު ވެސް ރައްކާތެރިކަމާއެކު ދަތުރުފަތުރު ކުރެވޭނެ އުސޫލުތަކެއް އެކުލަވައިލުމަށް އީރާނު އޮތީ ތައްޔާރަށެވެ.