ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އެމެރިކާގެ ފިޔަވަޅުތަކާ ހިލާފުވެގެން އަދާނީ ކުންފުނި ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި

އިންޑިއާގެ މަހުޖަނު ގޯތަމް އަދާނީ ----
އިންޑިއާގެ މަހުޖަނު ގޯތަމް އަދާނީ ----

އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކާ ހިލާފަށް ސިއްރުން ގޭސް އެތެރެކުރި މައްސަލައެއްގައި، އިންޑިއާގެ މަހުޖަނު ގޯތަމް އަދާނީގެ "އަދާނީ އެންޓަޕްރައިޒަސް ލިމިޓެޑް" (އޭއީއެލް) އިން އެމެރިކާ ސަރުކާރަށް 275 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 4.2 ބިލިއަން ރުފިޔާ) ގެ ބޮޑު ޖޫރިމަނާއެއް ދެއްކުމަށް އެއްބަސްވެއްޖެއެވެ.

އެމެރިކާގެ ޓްރެޒަރީ ޑިޕާޓްމަންޓުން ހޯމަ ދުވަހު ހާމަކުރި ގޮތުގައި، މި ފައިސާ ދައްކަން އެއްބަސްވީ އެމެރިކާގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އާއެކު ވެވުނު ސެޓްލްމަންޓެއްގެ ދަށުންނެވެ.
މި މައްސަލަ އުފެދިގެން އުޅެނީ ނޮވެމްބަރު 2023 އާއި ޖޫން 2025 އާ ދެމެދު އޭއީއެލް އިން ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) ގަތުމުގައި ހިންގާފައިވާ ކަމަށް ބުނާ މުއާމަލާތްތަކަކާ ގުޅިގެންނެވެ. އޯއެފްއޭސީ އިން ބުނި ގޮތުގައި އަދާނީގެ ކުންފުނިން ވަނީ އީރާނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާ ހިލާފުވި 32 މައްސަލައެއް ހައްލުކުރުމަށް މި ސެޓްލްމަންޓްގައި އެއްބަސްވެފައެވެ.

އަދާނީ އެންޓަޕްރައިޒަސް އިން މި ގޭސް އެތެރެކޮށްފައިވަނީ ދުބާއީގެ ސަޕްލަޔަރެއް މެދުވެރިކޮށެވެ. އަދި އެއީ އުމާން އަދި އިރާގުގެ ގޭސް ކަމަށް ދެއްކުމަށް މަސައްކަތް ކޮށްފައިވީ ނަމަވެސް، އެ ގޭހަކީ އަސްލު އީރާނުން އައިސްފައިވާ ގޭސްކަން އެނގޭނެ ފަދަ ސާފު "ރެޑް ފްލޭގްސް" ނުވަތަ ޝައްކު އުފެދޭ ނިޝާންތައް ހުރި ކަމަށް އެމެރިކާގެ ތަހުގީގީ އިދާރާއިން ފާހަގަކުރެއެވެ.

މި ބޮޑު ޖޫރިމަނާ ދެއްކުމުގެ އިތުރުން، އޭއީއެލް އިން ވަނީ އެމެރިކާގެ ތަހުގީގަށް ފުރިހަމައަށް އެއްބާރުލުންދީ، ކުރިއަށް އޮތް ތަނުގައި އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކަށް ބޯލެނބުމުގެ ނިޒާމު ކުންފުނީގެ ތެރޭގައި ވަރުގަދަކުރުމަށް ވެސް އެއްބަސްވެފައެވެ. މި މަހުގެ 14 ވަނަ ދުވަހު މި ސެޓްލްމަންޓް އެއްބަސްވުމުގައި ސޮއިކޮށްފައިވާކަން އަދާނީ ކުންފުނިން ވެސް މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ.

މި ސެޓްލްމަންޓް އިިއުލާން ކުރުމުގެ ކުޑަދުވަސްކޮޅެއް ކުރިން، ކޮރަޕްޝަނުގެ އެހެން މައްސަލައެއް ހައްލުކުރުމުގެ ގޮތުން އެމެރިކާގެ މަދަނީ ކޯޓަކަށް 18 މިލިއަން ޑޮލަރު ދައްކަން ވެސް އަދާނީން ވަނީ އެއްބަސްވެފައެވެ. އެއީ ކޯޓުގައި ކުށްވެރިވާ ކަމަށް އިއުތިރާފުވުމުގެ ބަދަލުގައި، މައްސަލަ ނިންމާލުމަށް ދައްކަން އެއްބަސްވި ފައިސާއެވެ.

އެ މައްސަލައިގައި އަދާނީގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ އިންޑިއާގައި ސޯލާ ހަކަތައިގެ ބޮޑެތި ކޮންޓްރެކްޓްތައް ހޯދުމުގެ ބޭނުމުގައި، 250 މިލިއަން ޑޮލަރުގެ ރިޝްވަތު ދިނުމުގެ ރޭވުމެއްގައި ބައިވެރިވި ކަމުގެ ތުހުމަތެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ގާތް ގުޅުމެއް އޮންނަ ގޯތަމް އަދާނީއަކީ އިންޑިއާގެ އެންމެ ނުފޫޒުގަދަ އަދި އެންމެ މުއްސަނދި ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ މީހެކެވެ. ނަމަވެސް ފާއިތުވި އަހަރުތަކުގައި ކުންފުނީގެ މާލީ މަކަރުތަކުގެ ތުހުމަތުތަކާއި، ހިއްސާގެ ބާޒާރުގައި ކުންފުނީގެ އަގުތައް ބޮޑުތަނުން ވެއްޓުމުގެ ސަބަބުން އޭނާގެ ވިޔަފާރިއަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.

ދުނިޔޭގެ ނިސްބަތުން ބަލާއިރު އިންޑިއާއަކީ ދެވަނައަށް އެންމެ ގިނައިން އެލްޕީޖީ އަދި ހަތަރުވަނައަށް އެންމެ ގިނައިން އެލްއެންޖީ އިމްޕޯޓްކުރާ ގައުމެވެ. އަދި އިންޑިއާއަށް ބޭނުންވާ މި ހަކަތައިގެ ބޮޑު ބައެއް ހިއްސާކުރަނީ މެދުއިރުމަތީގެ ގައުމުތަކުންނެވެ.