އެމެރިކާ ފަހަތަށް ޖެހެމުންދާއިރު ޗައިނާއިން އެފްރިކާގައި ނުފޫޒު ގަދަކުރަނީ
ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެމެރިކާއިން އެފްރިކާއަށް ބާއްވާ ގުޅުންތައް ކުޑަކުރަމުންދާއިރު، ޗައިނާއިން އެ ބައްރުގެ ގައުމުތަކަށް ބޮޑެތި އެހީތަކާއި ލޯނުތައްދީ ނުފޫޒު ގަދަކުރަމުންދާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ބޮސްޓަން ގްލޯބަލް ޑިވެލޮޕްމަންޓް ޕޮލިސީ ސެންޓަރުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ވޭތުވެދިޔަ ވިހި އަހަރު ދުވަހުގެ ތެރޭގައި އެކަނިވެސް ޗައިނާއިން ވަނީ އެފްރިކާގެ 35 ގައުމަކަށް ހަކަތައިގެ ދާއިރާއިން 66.1 ބިލިއަން ޑޮލަރުގެ ލޯނު ދޫކޮށްފައެވެ.
މިލާދީ ސަނަތުން 2000 ވަނަ އަހަރުން ފެށިގެން ޗައިނާއިން އެފްރިކާގެ އެކި ދާއިރާތަކަށް ޖުމްލަ 180.9 ބިލިއަން ޑޮލަރުގެ އަގުހުރި 1,319 ލޯނު ދޫކޮށްފައިވެއެވެ. މީގެ ތެރޭގައި ތެލާއި، ގޭހާއި، ކޮގްނެޓިވް ކޯލްގެ އިތުރުން ނިއުކްލިއާ، ސޯލާ، ހައިޑްރޯ އަދި ކަރަންޓު ފޮނުވައިދޭ ނިޒާމުތައް ތަރައްގީކުރުމުގެ ބޮޑެތި މަޝްރޫއުތައް ހިމެނެއެވެ. ޗައިނާގެ ކުންފުނިތަކުން ދަނީ އެފްރިކާގެ ރިސޯސްތަކުގެ ބަދަލުގައި އިންފްރާސްޓްރަކްޗާ ބިނާކޮށްދިނުމުގެ އެއްބަސްވުންތައް ހަދައި، އެ ގައުމުތަކުން ކޮޕާ، ކޮބާލްޓް އަދި ބައުކްސައިޓް ފަދަ މައުދަނުތައް ހޯދަމުންނެވެ. މީގެ ބަދަލެއްގެ ގޮތުން ޗައިނާއިން އެ ގައުމުތަކުގައި މަގުތަކާއި، ހޮސްޕިޓަލްތަކާއި، ކަރަންޓުގެ ހިދުމަތްތައް ބިނާކޮށްދެއެވެ.
ޗައިނާގެ އެހީ އެންމެ ބޮޑަށް ލިބުނު ގައުމުތަކުގެ ތެރޭގައި އެންގޯލާ ހިމެނޭއިރު، އެ ގައުމަށް ތެޔޮ އުފެއްދުމަށާއި ރިފައިނަރީތަކަށް 27.3 ބިލިއަން ޑޮލަރުގެ 41 ލޯނު ދީފައިވެއެވެ. މީގެ އިތުރުން ސައުތު އެފްރިކާގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް 4.5 ބިލިއަން ޑޮލަރުގެ ތިން ލޯނު ދީފައިވާއިރު، ސޫދާނުގެ ތެޔޮ ހޮޅިތަކާއި ރިފައިނަރީތަކަށް 4.2 ބިލިއަން ޑޮލަރުގެ 21 ލޯނު ދީފައިވެއެވެ. އަދި އިތިއޮޕިއާގެ ހައިޑްރޯއިލެކްޓްރިކް ޑޭމްތަކަށް 3.4 ބިލިއަން ޑޮލަރު، ޒެމްބިއާގެ މައިނިންގް ދާއިރާއަށް 3.1 ބިލިއަން ޑޮލަރު، ޔުގެންޑާއަށް 2.6 ބިލިއަން ޑޮލަރު، ގާނާއަށް 2.3 ބިލިއަން ޑޮލަރު، އިކުއެޓޯރިއަލް ގިނީއަށް 1.8 ބިލިއަން ޑޮލަރު، ކެންޔާއަށް 1.8 ބިލިއަން ޑޮލަރު އަދި ކޯޓްޑިވުއާއަށް 1.6 ބިލިއަން ޑޮލަރުގެ ލޯނު އެހީ ޗައިނާއިން ވަނީ ފޯރުކޮށްދީފައެވެ.
ޗައިނާއިން މިގޮތަށް ކުރިއަށްދާއިރު އެމެރިކާއިން ދަނީ އެފްރިކާއާއެކު އޮތް ގުޅުންތަކުން ފަހަތަށް ޖެހެމުންނެވެ. އެގޮތުން ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާގެ "އެފްރިކަން ގްރޯތް އެންޑް އޮޕޮޗޫނިޓީ އެކްޓް" (އަގޯއާ) އެއްބަސްވުން އެންމެ އަހަރަކަށް އިތުރުކޮށްފައެވެ. މިއާއެކު މި އެއްބަސްވުން 2026 ވަނަ އަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް ހަމާވާނެއެވެ.
ބްރޫކިންގްސް އިންސްޓިޓިއުޝަން ތިންކް ޓޭންކުން ހާމަކުރާ ގޮތުގައި، މިއީ އެމެރިކާއަށް ގެއްލިގެންދާ ވަރަށް ބޮޑު ފުރުސަތެކެވެ. ސަބަބަކީ އަގޯއާ އެއްބަސްވުން ކުރު މުއްދަތަކަށް އިތުރުކުރުމުގެ ސަބަބުން، ދެމެހެއްޓެނިވި ގޮތެއްގައި ދިގު މުއްދަތަކަށް ކުރާ އިންވެސްޓްމަންޓްތަކަށް ހުރަސްއެޅި، ނޭދެވޭ އަސަރުތަކެއް ކުރާނެތީއެވެ. މި އެއްބަސްވުން ނެތިގެން ހިނގައްޖެނަމަ، އެފްރިކާގެ މަންފާލިބޭ ގައުމުތަކަށް އެކްސްޕޯޓްގެ ދާއިރާއިން 2029 ވަނަ އަހަރުގެ ނިޔަލަށް 189 މިލިއަން ޑޮލަރުގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ލަފާކުރެވެއެވެ.
Ads by MACL
