ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ހުރުމުޒު ކަނޑުއޮޅިއަކީ އީރާނުގެ ބިމުން ވަކިނުކުރެވޭނެ މުހިންމު މިލްކެއް: އީރާން

އީރާނުގެ ރޫޙާނީ ލީޑަރުގެ އެޑްވައިޒަރު އަދި އެހީތެރިޔާ މުޙައްމަދު މުޚްބިރު (ކ) އީރާނުގެ ޓީވީ ޗެނަލް 2 އަށް އިންޓަވިއު ދެއްވަނީ --- ފޮޓޯ: ޕާސްޓްޑޭ
އީރާނުގެ ރޫޙާނީ ލީޑަރުގެ އެޑްވައިޒަރު އަދި އެހީތެރިޔާ މުޙައްމަދު މުޚްބިރު (ކ) އީރާނުގެ ޓީވީ ޗެނަލް 2 އަށް އިންޓަވިއު ދެއްވަނީ --- ފޮޓޯ: ޕާސްޓްޑޭ

ހުރުމުޒު ކަނޑުއޮޅިއަކީ އީރާނުގެ ބިމުގެ ވަކިނުކުރެވޭނެ ބައެއް ކަމަށާއި، އެއީ އެޤައުމުގެ އެންމެ މުހިންމު އިސްތިރާޖީ، ޖަިއޮގްރަފީ، އަސްކަރީ އަދި ސިޔާސީ އެއް މިލްކު ކަމަށް އީރާނުގެ ރޫޙާނީ ލީޑަރުގެ އެޑްވައިޒަރު އަދި އެހީތެރިޔާ މުޙައްމަދު މުޚްބިރު ވިދާޅުވެއްޖެއެވެ.

އީރާނުގެ ޓީވީ ޗެނަލް 2 ގެ ޚާއްޞަ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މުޚްބިރު ވިދާޅުވީ، އީރާނުގެ ކޮންޓްރޯލްގެ ދަށުގައިވާ އެ ކަނޑުއޮޅީގެ މިހާރުގެ ޙާލަތުން ދައްކުވައިދެނީ އީރާނުގެ ސިޔާސީ ޖިއޮގްރަފީ އާއި އަސްކަރީ ބާރުވެރިކަން ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ އެމެރިކާއަށް އެ ސަރަޙައްދު ދޫކޮށްދާން މަޖުބޫރުވާނެ ކަމަށާއި، އެއީ އެމީހުންނަށް އެނޫން ގޮތެއް ނެތުމުން ކަމަށެވެ. އަދި އެމެރިކާއިން މިހާރު ހިފާފައިވާ މިޞްރާބަކީ ކުރިއަށް ގެންދެވޭނެ މަގެއް ނޫން ކަމަށާއި، އެކަމުގެ ސަބަބުން އެމީހުންނަށް އުފުލަންޖެހޭ ބުރަ ވަރަށް ބޮޑުވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން އިމާމް ޚުމައިނީ އާއި އިމާމް ޚާމަނާއީގެ ވެރިކަމުގެ ސަބަބުން އީރާނު މިއަދު އޮތީ އެއްވެސް ބާރަކަށް އެޤައުމާ ދެކޮޅަށް ކާމިޔާބު ނުހޯދޭނެ ފަދަ ވަރުގަދަ މަޤާމެއްގައި ކަމަށް މުޚްބިރު ފާހަގަކުރެއްވިއެވެ.

އީރާނުގެ ރައްޔިތުންނާއި، ވެރިންނާއި، އަދި ރޫހާނީ ލީޑަރާ ދެމެދު މިއަދު އޮތް އެއްބައިވަންތަކަމަކީ ދީނުގެ މައްޗަށް ބިނާވެފައިވާ ބަދަހި ގުޅުމެއް ކަމަށާއި، އެއީ އީރާނުގެ އިންޤިލާބު ގެނައުމާއި، ހަނގުރާމަ މެނޭޖުކުރުމާއި، އަދި މިއަދާ ހަމައަށް ޤައުމުގެ ހިންގުން ދެމެހެއްޓުމުގެ މައިގަނޑު އަސާސް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.