ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

"ހަމަލާތައް ނުހުއްޓަނީސް މަޝްވަރާއެއް ނެތް" – ހިޒްބުﷲ އިން އިސްރާއީލަށް ޝަރުތުތަކެއް

ހިޒްބުﷲގެ މަޖިލިސް މެންބަރު ޙުސައިން ޙާއްޖު ޙަސަން ---
ހިޒްބުﷲގެ މަޖިލިސް މެންބަރު ޙުސައިން ޙާއްޖު ޙަސަން ---

އިސްރާއީލުން ބަދަލުދިނުމުގެ ގޮތުން ވެފައިވާ ސުލްހައިގެ އެއްބަސްވުންތަކާ ތަކުރާރުކޮށް ޚިލާފުވަމުންދާތީ، މަޝްވަރާ ކުރެވޭނެ ފަދަ މާހައުލެއް ގާއިމުނުވަނީސް ސުލްހައިގެ އެއްވެސް ވާހަކައެއް ދެއްކުމުގެ ބޭނުމެއް ނެތް ކަމަށް ހިޒްބުﷲ އިން ބުނެފިއެވެ.

މިކަން ހާމަކުރެއްވީ ސްކައި ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ހިޒްބުﷲގެ މަޖިލިސް މެންބަރު ޙުސައިން ޙާއްޖު ޙަސަނެވެ. އޭނާ ވިދާޅުވި ގޮތުގައި އިސްރާއީލުގެ ހަމަލާތަކުގެ ދަށުގައި ތިބެގެން ހިޒްބުﷲ އިން އެއްވެސް މަޝްވަރާއެއް ނުކުރާނެއެވެ.

ނުސީދާކޮށް ކުރެވޭ ސުލްހައިގެ މަޝްވަރާތަކުގައި ބައިވެރިވުމަށް ހިޒްބުﷲ އިން ވަނީ މައިގަނޑު ތިން ޝަރުތެއް ކުރިމަތިކުރުވާފައެވެ. އެގޮތުން ފުރަތަމަ ޝަރުތެއްގެ ގޮތުގައި އިސްރާއީލުން ލުބުނާނަށް ދެމުންދާ ހުރިހާ ހަމަލާތަކެއް ވަގުތުން ހުއްޓާލަންޖެހެއެވެ.

ދެވަނަ ޝަރުތެއްގެ ގޮތުން އިސްރާއީލުގެ ސިފައިން ލުބުނާނުގެ ބިމުން ފުރިހަމައަށް ފޭބުމަށް ވަނީ ގޮވާލާފައެވެ. އަދި ތިންވަނަ ޝަރުތެއްގެ ގޮތުގައި އިސްރާއީލުން ހައްޔަރުކޮށްފައިވާ ލުބުނާނުގެ ރައްޔިތުން މިނިވަންކުރުމަށާއި، ހަނގުރާމައިގެ ސަބަބުން ގެދޮރު ދޫކޮށްދާންޖެހުނު މީހުންނަށް ރައްކާތެރިކަމާއެކު އެނބުރި އަމިއްލަ ރަށްތަކަށް އާދެވޭނެ މަގު ތަނަވަސްކޮށްދީ، އާންމު ދިރިއުޅުން އަލުން އާރާސްތުކުރުމުގެ ފުރުސަތު ދިނުމަށް ހިޒްބުﷲ އިން ވަނީ ޝަރުތުކޮށްފައެވެ.

އިސްރާއީލާއި ލުބުނާނުގެ ހިޒްބުﷲ ޖަމާއަތާ ދެމެދު ބަދަލުކުރެވެމުންދާ ހަމަލާތައް ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް ވަރުގަދަވެފައެވެ. ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމައުން އިސްނަގައިގެން، ޚާއްސަކޮށް އެމެރިކާ އާއި ފަރަންސޭސިވިލާތުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ސުލްހައިގެ އެއްބަސްވުންތަކެއް އެކުލަވާލުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް، އިސްރާއީލުން ލުބުނާނުގެ އެކި ސަރަހައްދުތަކަށް ދެމުންދާ ވައިގެ ހަމަލާތަކާއި، ބޯޑަރު ހުރަސްކޮށް ސިފައިން ފޮނުވައިގެން ހިންގާ އަސްކަރީ ހަރަކާތްތައް ހުއްޓާނުލާ ކުރިއަށްގެންދާތީ، ސުލްހައިގެ މަޝްވަރާތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.