ހައްޖުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ސައުދީން ޑްރޯންއާއި އޭއައި ބޭނުންކުރަނީ
މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވާ އެތައް މިލިއަން ހައްޖާޖީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ސައުދީ އަރަބިއްޔާގެ ކަމާބެހޭ އިދާރާތަކުން ޑްރޯންތަކާއި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި އެންމެ ފަހުގެ ޒަމާނީ ފާރަވެރިވުމުގެ ޓެކްނޮލޮޖީތައް ބޭނުންކުރަން ފަށައިފިއެވެ.
ސައުދީގެ ނޫހެއް ކަމަށްވާ "އޮކާޒް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ނިޒާމުތަކަކީ ހައްޖުގެ މާތް ބިމުގައި ހިނގާ ކަންކަން ބަލައި، ގަވާއިދާ ހިލާފުވާ ފަރާތްތައް ދެނެގަނެ، ހުއްދަނެތި އެ ސަރަހައްދުތަކަށް ވަންނަން އުޅޭ މީހުން ހުއްޓުވުމަށް އެކުލަވާލާފައިވާ އިންޓަގްރޭޓެޑް ސެކިއުރިޓީ ނިޒާމެއްގެ ބައެކެވެ.
"ހުއްދައާ ނުލައި ހައްޖެއް ނެތް" ކަމަށް ބުނާ ޝިއާރުގެ ދަށުން، ސައުދީ ސަލާމަތީ ބާރުތަކުން ދަނީ ހައްޖުގެ ގަވާއިދުތަކާ ހިލާފުވާ މީހުން ހޯދައި ހައްޔަރުކުރުމަށް ޑްރޯންތައް ބޭނުންކުރަމުންނެވެ. މީގެ އިތުރުން، ހުއްދައާ ނުލައި މާތް ބިމަށް ވަންނަން އުޅޭ މީހުން ދެނެގަތުމަށްޓަކައި ފިކްސްޑް-ވިންގް މަތިންދާބޯޓުތައްވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. މި ޑްރޯންތަކުގެ އެހީގައި ސަލާމަތީ ބާރުތަކަށް ކުރު މުއްދަތެއްގެ ތެރޭގައި ބޮޑެތި ސަރަހައްދުތައް ބަލައި ފާސްކުރެވޭއިރު، ޝައްކުކުރެވޭ ފަދަ ހަރަކާތްތަކާއި ވަގަށް ވަންނަން އުޅޭ އުޅުންތަކުގެ މައުލޫމާތު ވަގުތުން ވަގުތަށް މައިދާނުގައި ތިބޭ ޓީމުތަކަށް ލިބެމުންދެއެވެ.
މި ސަލާމަތީ ނިޒާމުގެ ތެރޭގައި ސްމާޓް ސަވައިލަންސް ނެޓްވޯކްތަކާއި، މަތީ ފެންވަރުގެ ހައި-ރިޒޮލިއުޝަން ކެމެރާތަކުގެ އިތުރުން ތާމަލް އިމޭޖިން ޑިވައިސްތައް ހިމެނެއެވެ. ހަމައެއާއެކު، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން މީހުން އެއްވާ މިންވަރު ދެނެގަންނަ ސިސްޓަމްތަކެއްގެ އެހީގައި، މަގުތައް ތޮއްޖެހުމުގެ ކުރިން އެކަން ދެނެގަނެ، މީހުން ގިނަވާ މަގުތަކުން އެހެން މަގުތަކަށް ހައްޖާޖީން ބަދަލުކުރުމުގެ މަސައްކަތް ކުރެވެއެވެ. އަދި ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކުރުމުގެ ގޮތުން މީހުން ދެނެގަތުމަށް ފޭޝަލް ރިކޮގްނިޝަން ޓެކްނޮލޮޖީވެސް ދަނީ ބޭނުންކުރަމުންނެވެ.
Ads by MACL
