ޗައިނާއާ އޮތް ވާދަވެރިކަމުގެ ސަބަބުން އެމެރިކާގެ އޭއައި ގަވާއިދުތައް ހަރުކަށިކުރުން ޓްރަމްޕް ފަސްކޮށްފި
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާ ގުޅޭގޮތުން އެމެރިކާގެ ސަރުކާރުން ނެރެން ތައްޔާރުވެފައިވާ ރިޔާސީ އަމުރު (އެގްޒެކެޓިވް އޯޑަރ) އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުއްލި ގޮތަކަށް ފަސްކުރައްވައިފިއެވެ.
މި އަމުރުގައި ސޮއިކުރެއްވުމަށް ހަމަޖެހިފައި އޮތް ރަސްމިއްޔާތު ފަސްކުރެއްވުމަށްފަހު އޯވަލް އޮފީހުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ޓްރަމްޕް ވިދާޅުވީ، އެ އަމުރުގައި ހިމެނޭ ބައެއް ކަންކަމާ މެދު އެމަނިކުފާނު ހިތްޕުޅުހަމަޖެހިވަޑައިނުގަންނަވާ ކަމަށެވެ. އަދި އޭއައިގެ ދާއިރާއިން ޗައިނާއަށްވުރެ ކުރީގައި އޮތް އޮތުމަށް ބުރޫއަރާފާނެ އެއްވެސް ފިޔަވަޅެއް އަޅުއްވަން ބޭނުންފުޅުނުވާ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.
މި އަމުރު ފަސްކުރިކަން އިއުލާންކޮށްފައި މިވަނީ އެމެރިކާގެ އޭއައި ކުންފުނިތަކުގެ ސީއީއޯއިން ބައިވެރިވާ ރަސްމިއްޔާތެއްގައި ސޮއިކުރަން އޮތް ދުވަހުއެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މި އަމުރު މަޑުޖައްސާލުމަށް ބާރުއެޅުއްވީ އެކްސްއޭއައި (xAI) ގެ ބާނީ އިލޮން މަސްކާއި، މެޓާގެ ސީއީއޯ މާކް ޒަކަބާގްގެ އިތުރުން ޓްރަމްޕްގެ ކުރީގެ އޭއައި އެޑްވައިޒަރެއް ކަމަށްވާ ޑޭވިޑް ސެކްސްއެވެ. ނަމަވެސް، އިލޮން މަސްކް ވަނީ މި ވާހަކަތައް ދޮގުކުރައްވައި، އެ އަމުރުގައި އޮތް އެއްޗެއް އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށާއި، ރައީސް ޓްރަމްޕް ވާހަކަދެއްކެވީ ސޮއިނުކުރަން ނިންމެވުމަށްފަހު ކަމަށް ވިދާޅުވެފައެވެ.
މި އަމުރުގެ ދަށުން އެންމެ ކުރިއަރާފައިވާ އޭއައި މޮޑެލްތައް އާންމުކޮށް ދޫކޮށްލުމުގެ ކުރިން، އެކަމާ ގުޅޭގޮތުން އެމެރިކާ ސަރުކާރާއެކު އަމިއްލައަށް އިސްނަގައިގެން މަޝްވަރާކުރާނެ އޮނިގަނޑެއް އެކުލަވައިލުމަށް ހަމަޖެހިފައި އޮތް ކަމަށް މައުލޫމާތު ލިބެއެވެ. ޓެކްނޮލޮޖީ ދާއިރާގެ ބައެއް ފަރާތްތަކުން ކަންބޮޑުވަނީ، މިފަދަ ހަރުކަށި އުސޫލުތަކުގެ ސަބަބުން އާ މޮޑެލްތައް ނެރުން ލަސްވެ، ކުންފުނިތަކުގެ ފައިދާއަށް އަސަރުކޮށްފާނެތީއެވެ.
މީގެ އިތުރުން، ސައިބާ ސެކިއުރިޓީ ވަރުގަދަކުރުމަށްޓަކައި ބޭންކުތަކާއި ހޮސްޕިޓަލްތައް ފަދަ މުހިންމު ދާއިރާތަކުގައި މިފަދަ އޭއައި މޮޑެލްތައް ބޭނުންކުރުމަށް ސަރުކާރަށް އިރުޝާދު ދިނުންވެސް މި އަމުރުގައި ހިމެނެއެވެ.
Ads by MACL
