އިންޑިއާއިން ބިނާކުރާ މެގާޕޯޓުގެ ސަބަބުން ޗައިނާގެ ކަނޑުގެ ވިޔަފާރި މަގުތަކަށް ބޮޑު ފިއްތުންތަކެއް
އިންޑިއާގެ އެންމެ ދެކުނުގައި އޮންނަ ގްރޭޓް ނިކޮބާރް ޖަޒީރާގައި ތަރައްގީކުރާ ބިޔަ ބަނދަރުގެ މަޝްރޫއު ނިމުމުން، ޗައިނާގެ ތެލާއި ކަނޑުގެ ވިޔަފާރީގެ ބޮޑު ބައެއް ހިނގާ މަލެއްކާ ކަނޑުއޮޅި (ސްޓްރެއިޓް އޮފް މަލެއްކާ) ކައިރީގައި އިންޑިއާއަށް ދާއިމީ އަސްކަރީ އަދި އިގްތިސާދީ މަރުކަޒެއް ލިބިގެންދާނެއެވެ. މިއީ ޗައިނާގެ ކަނޑުގެ ވިޔަފާރި މަގުތަކަށް ބޮޑު ފިއްތުމެއް ކުރިމަތިވާނެ ކަމެކެވެ.
ނުވަ ބިލިއަން ޑޮލަރުގެ މި ބޮޑު މަޝްރޫއުގެ ދަށުން ގްރޭޓް ނިކޮބާރްގައި ކާގޯ ހަބަކާއި، ވައިގެ ބަނދަރަކާއި، އެހެނިހެން އަސާސީ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް 2028 ވަނަ އަހަރަށް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭއިރު، މުޅި މަޝްރޫއު އެއްކޮށް ނިންމާލުމަށް ތިރީސް އަހަރު ނަގާނެއެވެ.
މި ބަނދަރުގެ ސަބަބުން އިންޑިއާ ކަނޑުގެ އިރުމަތީ ބިތުގައި އިންޑިއާގެ ބާރުވެރިކަމާއި ހާޒިރުވުން ދާއިމީގޮތެއްގައި ދެމެހެއްޓުމަށް މަގުފަހިވެގެންދާނެއެވެ. މިއީ ސަރަހައްދީ ނުފޫޒު ހޯދުމުގައި އިންޑިއާއަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.
ޗައިނާއިން އަބަދުވެސް ދެކޭގޮތުގައި މަލެއްކާ ކަނޑުއޮޅިއަކީ އެގައުމުގެ ސަލާމަތީ އަދި އިގްތިސާދީ އެންމެ ބޮޑު ނާޒުކީ އެއް ސަރަހައްދެވެ. ސަބަބަކީ ޗައިނާއަށް އެތެރެކުރާ ހަކަތައާއި ތެލުގެ ބޮޑު ބައެއް ދަތުރުކުރަނީ މި ކަނޑުއޮޅި މެދުވެރިކޮށް ކަމަށްވާތީއެވެ. ދުނިޔޭގެ ކަނޑުމަގުން ކުރެވޭ ވިޔަފާރީގެ ހަތަރުބައިކުޅައެއްބަޔާއި ތިންބައިކުޅައެއްބަޔާ ދެމެދުގެ އަދަދަކަށް މުދާ ހޭންޑްލް ކުރަނީވެސް މި ބުނި ކަނޑުއޮޅިންނެވެ.
މި މަޝްރޫއުގެ ސަބަބުން ސިންގަޕޫރު، ކޮލަމްބޯ، އަދި ޕޯޓް ކްލޭންގް ފަދަ ބޭރުގެ ޓްރާންސްޝިޕްމަންޓް ބަނދަރުތަކަށް ބަރޯސާވުން އިންޑިއާއިން ކުޑަކުރާނެއެވެ. ހަމައެއާއެކު، މިއީ ކަނޑުގެ ސަރަހައްދުގައި ޗައިނާގެ މައްޗަށް ބާރު ފޯރުވުމަށް އިންޑިއާއިން ކުރާ މުހިންމު މަސައްކަތެކެވެ.
Ads by MACL
