ވައިޓް ހައުސް ކައިރީގައި ބަޑީގެ ހަމަލާތަކެއް ދީފި، ޓްރަމްޕް ހުރީ ސަލާމަތުން
އެމެރިކާގެ ރިޔާސީ ގަޑުވަރު، ވައިޓް ހައުސްގެ ބޭރުގައި މީހަކު ބަޑިޖަހައި ހަމަލާތަކެއް ދީފިއެވެ. މި ހަމަލާ ދިން މީހާ ސީކްރެޓް ސަރވިސްއިން ބަޑިޖަހައި ވަނީ ހުއްޓުވާފައެވެ. މި ހާދިސާ ހިނގި ވަގުތު ރައީސް ޑޮނަލްޑް ޓްރަމްޕް ހުރީ ރައްކާތެރިކަމާއެކުގައެވެ.
މަންޒަރު ދުށް ފަރާތްތަކާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި، ހަމަލާ ދިން މީހާ ވައިޓް ހައުސްގެ ސަރަހައްދަށް ގޮސް ފިސްތޯލައަކުން މަދުވެގެން ތިން ފަހަރު ބަޑިޖެހިއެވެ. ނަމަވެސް، ސީކްރެޓް ސަރވިސްގެ އޮފިސަރުން ވަގުތުން ރައްދު ދީ، އެ މީހާގެ ގަޔަށް ބަޑިޖަހައި ވަނީ ބިންމައްޗަށް ވައްޓާލާފައެވެ.
ބަޑިޖެހި މީހާގެ ހާލު މިހާރު ވަރަށް ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ. މި ހާދިސާގައި ސީކްރެޓް ސަރވިސްގެ ނުވަތަ ގާނޫނު ތަންފީޒުކުރާ އެއްވެސް އިދާރާއެއްގެ މީހަކަށް އަނިޔާއެއް ނުވެއެވެ. ނަމަވެސް އެ ސަރަހައްދުގައި ހުރި އާންމު މީހަކަށް މި ހާދިސާގައި އަނިޔާވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް ވަނީ އެ އިދާރާގެ ޓީމުތައް މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާކަން ކަށަވަރުކޮށްދީފައެވެ. އެފްބީއައި އިން ދަނީ ސީކްރެޓް ސަރވިސްއާ ގުޅިގެން މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.
Ads by MACL
