ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ނައިޖީރިއާގެ ރައީސް ޓިނޫބޫ ސްޓޭޖް މައްޗަށް ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯއެއް ގިނަބައެއްގެ ސަމާލުކަމަށް

ރައީސް ޓިނޫބޫ ސްޓޭޖް މައްޗަށް ވެއްޓޭ މަންޒަރު ---
ރައީސް ޓިނޫބޫ ސްޓޭޖް މައްޗަށް ވެއްޓޭ މަންޒަރު ---

ނައިޖީރިއާގެ ވެރިކަންކުރާ ޕާޓީ، އޯލް ޕްރޮގްރެސިވް ކޮންގްރެސް (އޭޕީސީ) އިން ބޭއްވި ބޮޑު ސިޔާސީ ހަރަކާތެއްގެ ތެރެއިން އެގައުމުގެ ރައީސް ބޯލާ އަހުމަދު ޓިނޫބޫ ސްޓޭޖް މައްޗަށް އަރާވަޑައިގަންނަވަނިކޮށް އަރިއަޅާލައި ސްޓޭޖް މައްޗަށް ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯއެއް މީޑިއާގައި އާންމުވެ، ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓިއްޖެއެވެ.

2027 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާ ގުޅުންހުރި މި ހަފްލާގައި ރައީސް ޓިނޫބޫ ސްޓޭޖާ ދިމާއަށް ހިންގަވާފައި ވަޑައިގަންނަވަނިކޮށް ފައި ކަހަލައިފި ގޮތަކުން ކުޑަކޮށް ބެލެންސް ކަޓައިގެން ދިޔަ ނަމަވެސް، މާގިނަ އިރެއްނުވެ އެމަނިކުފާނު ވަނީ އަމިއްލަފުޅަށް ހަށިގަނޑު ސީދާކުރައްވައި ސާބިތުކަމާއެކު ކުރިއަށް ވަޑައިގެންފައެވެ.

މި ހާދިސާ ހިނގި ކަމުގައި ވިޔަސް، ރައީސް ޓިނޫބޫ ވަނީ އެއްވެސް ހުރަހަކާ ނުލައި ހަފްލާގެ ހުރިހާ ހަރަކާތްތަކެއް ކުރިއަށް ގެންގޮސް، ތާވަލުކުރެވިފައިވާ ގޮތަށް ރަސްމިއްޔާތު ނިންމަވާލައްވާފައެވެ.

ސޯޝަލް މީޑިއާގައި މި ވީޑިއޯ ދައުރުވާން ފެށުމާއެކު އާންމުންގެ މެދުގައި ތަފާތު ޚިޔާލުތައް އުފެދިފައިވާއިރު، ބައެއް ފަރާތްތަކުން އެމަނިކުފާނުގެ ސިއްހީ ހާލަތާމެދު ކަންބޮޑުވުން ފާޅުކުރިއެވެ. ނަމަވެސް ސިޔާސީ މުހައްލިލުންނާއި އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން ބުނަމުންދަނީ މިއީ އާންމު ދިރިއުޅުމުގައި ކޮންމެ މީހަކަށްވެސް ދިމާވެދާނެ ކުޑަކުޑަ ކަމެއް ކަމަށާއި، މިފަދަ ކަންކަން ސިޔާސީ ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ.

އޭޕީސީގެ ސަޕޯޓަރުން ފާހަގަކުރި ގޮތުގައި ގައުމުގެ އިސްވެރިން ގިނަ ވަގުތު ރަސްމީ ހަރަކާތްތަކުގައި ހޭދަކުރައްވާއިރު، މިފަދަ ކުދިކުދި ހާދިސާތައް ހިނގުމަކީ އާދައިގެ ކަމެކެވެ.

މީގެ އިތުރުން، މި ހަފްލާއަކީ ޕާޓީގެ އެއްބައިވަންތަކަން ދައްކުވައިދިނުމަށާއި ކުރިއަށް އޮތް އިންތިޚާބަށް ތައްޔާރުވުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެއް ކަމަށާއި، ސަމާލުކަން ދޭންވީ ޕާޓީގެ ސިޔާސަތުތަކަށް ކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.

މި ބައްދަލުވުމުގައި ޕާޓީގެ ލީޑަރުން ވަނީ މިހާރުގެ ސަރުކާރުން ހޯދާފައިވާ ކާމިޔާބީތަކަށް އަލިއަޅުވާލައި، ކުރިއަށް އޮތް އަހަރުތަކުގައި ގައުމު ބިނާކުރުމަށް ހުރި ރޭވުންތައް ހިއްސާކޮށްފައެވެ.