ޣައްޒާގެ ރައްޔިތުން މިއަހަރުވެސް ހައްޖުގެ މުގައްދަސް އަޅުކަމުން މަހްރޫމްކޮށްފި
އިސްރާއީލުގެ ހަރުކަށި ބަންދުކުރުންތަކާއި ހިންގަމުންދާ އަސްކަރީ ހަރަކާތްތަކުގެ ސަބަބުން، ޣައްޒާގެ ރައްޔިތުން މިއަހަރުވެސް ހައްޖުގެ މުގައްދަސް އަޅުކަމުން މަހްރޫމްކޮށްފިއެވެ.
މިއީ ބޭރު ދުނިޔެއާ ގުޅޭ ރަފަހް ބޯޑަރު އިސްރާއީލުން ހިފަހައްޓާފައި އޮތުމުގެ ސަބަބުން، ޣައްޒާގެ އަހުލުވެރިންނަށް މުގައްދަސް ބިމަށް ދަތުރު ނުކުރެވި ޖެހިޖެހިގެން ވޭތުވި ތިންވަނަ އަހަރެވެ. ސައުދީ އަރަބިއްޔާގައި ހައްޖުގެ މޫސުން ފެށިގެން ކުރިއަށްދާއިރު، ޣައްޒާގެ އެތައް ހާސް ބަޔަކު ތިބީ ގެފުޅުގެ މަންޒަރުތައް ޓީވީ އާއި ފޯނު ސްކްރީންތަކުން ބަލައި، ފުން ހިތާމައެއްގެ ތެރޭގައެވެ.
ފަލަސްތީނުގެ އައުގާފް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ ސިފައިން ބޯޑަރުތައް ބަންދުކޮށްފައި އޮތުމުގެ ސަބަބުން ފާއިތުވި ތިން އަހަރުގެ ތެރޭގައި 10,000 އަށްވުރެ ގިނަ ރައްޔިތުންނަށް ހައްޖަށް ދިއުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ. މީގެ އިތުރުން، ކުރީ އަހަރުތަކުގައި ހައްޖަށް ދިއުމަށް ރަސްމީ ގުރުއަތުން ހޮވިފައި ތިބި މީހުންގެ ތެރެއިން މަދުވެގެން 71 މީހަކު، މި މުގައްދަސް އަޅުކަން އަދާކުރުމުގެ ނަސީބު ނުލިބެނީސް އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވެފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
މި ހިސާރުކުރުމުގެ ސަބަބުން ޣައްޒާގެ ދީނީ ދަތުރުތައް އިންތިޒާމުކުރާ ދާއިރާއަށްވެސް ވަނީ ފޫނުބެދޭވަރުގެ ބޮޑު މާލީ ގެއްލުމެއް ލިބިފައެވެ. ފަލަސްތީނިއަން ސެންޓަރ ފޯ ޕޮލިޓިކަލް ސްޓަޑީޒްއިން ނެރުނު ދިރާސާއެއްގައި ބުނެފައިވަނީ، އިސްރާއީލުން ޣައްޒާގެ ހައްޖާއި އުމްރާގެ ދާއިރާ ބޭނުންކޮށްގެން "އިގްތިސާދީ ނަސްލު ނައްތާލުމުގެ" ސިޔާސަތެއް ހިންގަމުންދާ ކަމަށެވެ. މިގޮތުން އެ ސަރަހައްދުގައި ހަރަކާތްތެރިވާ ޓްރަވެލް އެޖެންސީތައް މުޅިން އިނދަޖެހި، 4 މިލިއަން ޑޮލަރަށްވުރެ ބޮޑު މާލީ ގެއްލުމެއް ލިބިފައިވާއިރު، މި ދާއިރާއިން އާމްދަނީ ހޯދަމުން އައި 1,500 އެއްހާ މުވައްޒަފުންގެ ދިރިއުޅުމަށް ވަނީ އޭގެ ނޭދެވޭ އަސަރުކޮށްފައެވެ.
ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް އިސްރާއީލުން ހިންގާ މި އަމަލަކީ ހަތަރުވަނަ ޖެނީވާ ކޮންވެންޝަނުން މަނާކުރާ "ޖަމާއީ އަދަބު" ދިނުން ކަމަށް ކަމާބެހޭ މާހިރުން ސިފަކުރެއެވެ. އަދި މިއީ އިންސާނީ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކުން ކަށަވަރުކޮށްދޭ ދީނީ މިނިވަންކަމާއި ދަތުރުފަތުރުކުރުމުގެ ހައްގަށް އަރައިގަތުމެކެވެ. ޣައްޒާގެ އައުގާފް މިނިސްޓްރީން ވަނީ ދީނީ އަޅުކަން ސިޔާސީ ކަންކަމާ މަސްހުރި ނުކުރުމަށާއި، ބޯޑަރު ހުޅުވައިދިނުމަށް މެދުވެރިއެއްގެ ދައުރު އަދާކޮށްދިނުމަށް ސައުދީ އަރަބިއްޔާ އާއި މިސްރުގެ އިތުރުން ބައިނަލްއަގުވާމީ މުޖުތަމައަށް ކުއްލި އިލްތިމާސެއް ކޮށްފައެވެ.
Ads by MACL
