ފްލޮޓިލާގެ ބައިވެރިންނަށް ކުރި އަނިޔާތަކުގެ މައްސަލަ މެލޭޝިއާއިން ބައިނަލްއަގުވާމީ ކޯޓަށް ހުށަހަޅަނީ
ޣައްޒާއަށް އިންސާނީ އެހީ ހިފައިގެން ދިޔަ "ގްލޯބަލް ސުމޫދު ފްލޮޓިލާ" މިޝަނުގެ ބައިވެރިންނާ ދެކޮޅަށް އިސްރާއީލުން ހިންގާފައިވާ ލާއިންސާނީ އަމަލުތަކާއި، އަނިޔާވެރިކަމުގެ މައްސަލަތައް ބައިނަލްއަގުވާމީ ގާނޫނީ ފޯރަމްތަކަށް ހުށަހަޅައިގެން ކުރިއަށް ގެންދާނެ ކަމަށް މެލޭޝިއާ ސަރުކާރުން ބުނެފިއެވެ.
މިކަން ހާމަކުރެއްވީ "ސުމޫދު 2" ގާފިލާގައި ހިމެނޭ މެލޭޝިއާ ވަފުދުގެ އިސްވެރިޔާ އަދި ސެލަންގޫރުގެ ޗީފް މިނިސްޓަރު ދާތުކް ސެރީ އާމިރުއްދީން ޝާރީއެވެ. އޭނާ މިހެން ވިދާޅުވީ އެ ވަފުދުގެ 28 މެންބަރުން އެނބުރި ކުއާލަލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގަތުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުންނެވެ.
އާމިރުއްދީން ޝާރީ ވިދާޅުވި ގޮތުގައި އެ ގާފިލާގައި ހިމެނޭ އެކްޓިވިސްޓުންނަށް އިސްރާއީލުގެ ފަރާތުން ތަކުރާރުކޮށް ބޮޑެތި އަނިޔާތަކާއި ގޯނާތައް ވަނީ ކުރިމަތިވެފައެވެ. އެހެންކަމުން މެލޭޝިއާއިން މި މައްސަލަ ބައިނަލްއަގުވާމީ ކޯޓުތަކަށް ހުށަހަޅައިގެން ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
މީގެ އިތުރުން އިސްރާއީލުގެ ރެޖީމާ ދެކޮޅަށް ކުރާ ޑިޕްލޮމެޓިކް ފިއްތުންތައް މެލޭޝިއާއިން ކުރިއަށް ގެންދާނެ ކަމަށާއި، މިކަމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ ސެޝަންތައް މެލޭޝިއާގެ އެކި ކަންކޮޅުތަކުގައި ބާއްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ ތާއީދު ތަކުރާރު ކުރައްވަމުން އާމިރުއްދީން ވިދާޅުވީ، ފަލަސްތީނުގެ ދިފާއުގައި މަސައްކަތް ކުރުމަކީ މިހާރު ހަމައެކަނި ޝިއާރުތަކަކަށް ނުވަތަ އެއްވުންތަކަކަށް އެކަނި ބިނާވެފައި އޮތް ކަމެއް ނޫން ކަމަށެވެ. އަދި މެލޭޝިއާގެ ރައްޔިތުން މިފަދަ ނުރައްކާތެރި މިޝަންތަކުގައި ބައިވެރިވުމުން ދޭހަވަނީ ފަލަސްތީނުގެ ހައްގުގައި ގުރުބާނީތައް ވާން އެމީހުން ތައްޔާރަށް ތިބި މިންވަރު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ އިތުރަށް ހާމަކުރެއްވި ގޮތުގައި މި މިޝަން ނާކާމިޔާބު ކޮށްލުމަށްޓަކައި ރޭވުންތެރިކަމާއެކު ގިނަ މަސައްކަތްތަކެއް ހިންގާފައިވެއެވެ. އޭގެ ތެރޭގައި ދޮގު މައުލޫމާތު ފެތުރުމުގެ ކެމްޕޭންތަކާއި، ގާފިލާގެ މެންބަރުންނަށް އަމާޒުކޮށް ދިން ޖިސްމާނީ ހަމަލާތަކުގެ އިތުރުން، އެމީހުންގެ އާއިލާތަކަށް ނަފްސާނީ ގޮތުން ފިއްތުންތައް ކުރިމަތިކުރުވުން ހިމެނެއެވެ.
Ads by MACL
