މިއަދަކީ އަރަފާތް ދުވަސް: މުޅި އިސްލާމީ އުންމަތަށް ބަރަކާތުން ފުރިގެންވާ މަތިވެރި ދުވަހެއް!
މިއަދަކީ މާތްވެގެންވާ އިސްލާމްދީނުގައި އެންމެ މަތިވެރިވެގެންވާ، އަދި ބަރަކާތުން ފުރިގެންވާ ޙައްޖު ދުވަހެވެ. މިއީ މުޅި ދުނިޔޭގެ އެކި ކަންކޮޅުން މާތްވެގެންވާ މައްކާގެ ބިމަށް ޖަމާވެފައިވާ މިލިއަނަކަށްވުރެ ގިނަ މުސްލިމުން އަރަފާތް ބިމުގައި ތިބެ، މާތް الله ގެ ރަޙްމަތާއި ފާފަފުއްސެވުމަށް އެދި ދުޢާ ދަންނަވާ އެންމެ މުޤައްދަސް ދުވަހެވެ. މިއީ މުޅި އިސްލާމީ އުންމަތަށް ލިބިފައިވާ ބޮޑުވެގެންވާ ނިޢުމަތެކެވެ.
މި ދުވަހުގެ މަތިވެރިކަމާ ބެހޭގޮތުން ކީރިތި ޤުރުއާނުގެ سورة المائدة ގެ 3 ވަނަ އާޔަތުގައި މާތް الله ވަޙީކުރައްވާފައިވެއެވެ. (ٱلْیَوْمَ أَكْمَلْتُ لَكُمْ دِینَكُمْ وَأَتْمَمْتُ عَلَیْكُمْ نِعْمَتِی وَرَضِیتُ لَكُمُ ٱلْإِسْلَـٰمَ دِینًا) މާނައަކީ: "މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ތަމާމްކޮށްދެއްވައިފީމެވެ. އަދި އިސްލާމްދީން އެއީ ތިޔަބައިމީހުންނަށް ދީނެއްކަމަށް ތިމަންރަސްކަލާނގެ ރުހިވޮޑައިގެންފީމެވެ." އެހެންކަމުން މިއީ އިސްލާމްދީނުގެ ބިންގާ ފުރިހަމަވެގެންދިޔަ، އީމާންކަމުގެ އެންމެ މަތީ ދަރަޖަ ދައްކުވައިދޭ ދުވަހެވެ.
ކީރިތި ރަސޫލާ ﷺ ގެ ސުންނަތުން އެނގޭ ގޮތުގައި ޙައްޖުގެ އެންމެ މުހިންމު ރުކުނަކީ އަރަފާތް ބިމުގައި މަޑުކުރުމެވެ. އެކަލޭގެފާނު ޙަދީޘްފުޅު ކުރައްވާފައިވެއެވެ. (الْحَجُّ عَرَفَةُ) މާނައަކީ: "ޙައްޖަކީ ޢަރަފާތެވެ." އަދި މިއީ ނަރަކައިން އެންމެ ގިނަ ބަޔަކު މުޢާތަޤުކުރައްވާ، ފާފަފުއްސަވައިދޭ ދުވަސްވެސް މެއެވެ. ލޮބުވެރި ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައިވެއެވެ. (مَا مِنْ يَوْمٍ أَكْثَرَ مِنْ أَنْ يُعْتِقَ اللَّهُ فِيهِ عَبْدًا مِنَ النَّارِ مِنْ يَوْمِ عَرَفَةَ) މާނައަކީ: "ޢަރަފާތް ދުވަހަށްވުރެ ގިނައިން الله ތަޢާލާ އަޅުތަކުން ނަރަކައިން މުޢާޠަޤުކުރައްވާ (މިނިވަންކުރައްވާ) އެހެން އެއްވެސް ދުވަހެއް ނުވެއެވެ."
މި ބަރަކާތްތެރި ދުވަހުގެ ސަވާބާއި ދަރުމަ ޙައްޖުގެ އަޅުކަމުގައި ބައިވެރިނުވެވޭ މުސްލިމުންނަށްވެސް ހޯދިދާނެ މަގު ކީރިތި ރަސޫލާ ﷺ ވަނީ ދައްކަވައިދެއްވާފައެވެ. އެކަލޭގެފާނު ޢަރަފާތް ދުވަހުގެ ރޯދައާ ބެހޭގޮތުން ޙަދީޘްކުރެއްވިއެވެ. (صِيَامُ يَوْمِ عَرَفَةَ، أَحْتَسِبُ عَلَى اللهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ، وَالسَّنَةَ الَّتِي بَعْدَهُ) މާނައަކީ: "ޢަރަފާތް ދުވަހު ރޯދަހިފުމަކީ، އިސްވެދިޔަ އަހަރާއި، ކުރިއަށް އޮތް އަހަރުގެ ފާފަ الله ފުއްސަވައިދެއްވާނެ ކަމެއް ކަމަށް ތިމަންކަލޭގެފާނު އުންމީދު ކުރައްވަމެވެ." މިއީ މުސްލިމް އަޅާއަށް الله ގެ ޙަޟްރަތުން ލިބޭ ރަޙްމަތުގެ ބޮޑުވެގެންވާ ފުރުޞަތެކެވެ.
މިއަދުގެ އެންމެ މާތް އަޅުކަމަކީ ގިނަގިނައިން ދުޢާކުރުމާއި ތަހުލީލު ކިޔުމެވެ. ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވެއެވެ. (خَيْرُ الدُّعَاءِ دُعَاءُ يَوْمِ عَرَفَةَ، وَخَيْرُ مَا قُلْتُ أَنَا وَالنَّبِيُّونَ مِنْ قَبْلِي: لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ) މާނައަކީ: "އެންމެ ހެޔޮ ދުޢާއަކީ ޢަރަފާތް ދުވަހުގެ ދުޢާއެވެ. އަދި ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނުގެ ކުރިން ފޮނުއްވުނު ނަބިއްޔުން ކިޔުއްވި އެންމެ ހެޔޮ ޛިކުރަކީ: الله މެނުވީ އަޅުކަންވެވުން ޙައްޤުވާ އެހެން އިލާހަކު ނުވެއެވެ. އެކަލާނގެއީ އެއްކައުވަންތަ، ބައިވެރިއަކު ނުވާ ރަސްކަލާނގެއެވެ. ވެރިކަމާއި ޙަމްދު މިލްކުވެގެންވަނީ އެކަލާނގެއަށެވެ. އަދި އެކަލާނގެއީ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ."
މިއަދު ކޮންމެ މުސްލިމެއްގެވެސް އަމާޒަކަށް ހަދަންވީ މި ބަރަކާތްތެރި ވަގުތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ތައުބާވެ، ދުޢާކުރުމުގައި ދެމިތިބުމެވެ.
Ads by MACL
