ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އެމެރިކާގެ ސުޕަމާކެޓެއްގައި ހިނގި ފޭރުމުގެ ހާދިސާއެއްގައި އިންޑިއާގެ އަންހެނަކު ބަޑި ޖަހާ މަރާލައިފި

ފޭރެން މަސައްކަތްކުރި ވަގު (ކ) އަދި މަރުވި އަންހެން މީހާ ---
ފޭރެން މަސައްކަތްކުރި ވަގު (ކ) އަދި މަރުވި އަންހެން މީހާ ---

އެމެރިކާގެ ވާޖީނިއާގައި ހުންނަ ސުޕަމާކެޓެއްގެ ތެރޭގައި ހިނގި ފޭރުމުގެ ނުރައްކާތެރި ހާދިސާއެއްގައި، އެ ތަނުގައި މަސައްކަތް ކުރަމުންދިޔަ އުމުރުން 45 އަހަރުގެ އިންޑިއާ އަންހެނަކު ބަޑި ޖަހާ މަރާލައިފިއެވެ.

މި ހާދިސާގައި މަރުވެފައިވަނީ އިންޑިއާގެ ގުޖުރާތަށް ނިސްބަތްވާ މެހެގްނާބެންގް ޕަޓޭލް ނަމަކަށް ކިޔާ އަންހެނެކެވެ. އޭނާއަކީ ފާއިތުވި 10 އަހަރު ދުވަހު އެ ސުޕަމާކެޓްގައި ވަޒީފާ އަދާކުރަމުންދިޔަ މީހެއް ކަމަށް އޭނާގެ އާއިލާއިން މައުލޫމާތު ދެއެވެ.

މި ބިރުވެރި ހާދިސާ ހިނގި ގޮތުގެ ސީސީޓީވީ ފުޓޭޖް މިހާރު ވަނީ އާންމުވެފައެވެ. އެ ފުޓޭޖުން ފެންނަ ގޮތުގައި، ޖަނަވާރުގެ ކުރެހުންތަކެއް ހުރި ޓްރެކްސޫޓަކާއި އަޅިކުލައިގެ ޖެކެޓެއްލައި، މޫނު ނިވާކޮށްގެން ހުރި މީހަކު ފިހާރަ ތެރެއަށް ވަދެ ކައުންޓަރު ކައިރިއަށް ދެއެވެ. އަދި ކައުންޓަރުގައި އިން މެހެގްނާއާ ކުޑަކޮށް ވާހަކަދެއްކުމަށްފަހު، ޖީބުން ބަޑިއެއް ނަގައި އޭނާގެ ގަޔަށް ބަޑިޖަހާ މަންޒަރު ފެނެއެވެ. އޭގެ ފަހުން އެ މީހާ ކައުންޓަރު މަތިން ފުންމާލައި، އިތުރަށް ބަޑިޖަހައި ކައުންޓަރު މަތީގައި ހުރި އެއްޗެހިތަކެއް ހިފައިގެން އެ ތަނުން ފިލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާއާ ގުޅިގެން އެމެރިކާގެ ފުލުހުން ދަނީ މައްސަލަ ވަރަށް ސީރިއަސްކޮށް ބަލައި، ތަހުގީގު ކުރަމުންނެވެ. މި ބަޑީގެ ހަމަލާއަކީ ފޭރުމުގެ ނިޔަތުގައި ދީފައިވާ ހަމަލާއެއް ކަމަށް ބެލެވޭ އިރު، މި ހާދިސާގެ ސަބަބުން އެމެރިކާގައި ދިރިއުޅޭ އިންޑިއާގެ މުޖުތަމައުއަށް ވަނީ ބޮޑު ސިހުމެއް ލިބިފައެވެ. މަރުވި މެހެގްނާގެ މައިންބަފައިން ދިރިއުޅެނީ އިންޑިއާގެ ގުޖުރާތުގެ މެހްސާނާ ޑިސްޓްރިކްޓްގެ ޖަންތުރާލް އަވަށުގައެވެ.

ފަހަކަށް އައިސް އެމެރިކާގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންނާއި ދަރިވަރުންނަށް އަމާޒުކޮށްދޭ މިފަދަ ނުރައްކާތެރި ހަމަލާތައް ވަނީ އިތުރުވެފައެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2020 އިން 2025 އާ ހަމައަށް އެމެރިކާގައި އެކި ހަމަލާތަކާއި އެކްސިޑެންޓްތަކުގައި އިންޑިއާގެ 160 އަށްވުރެ ގިނަ މީހުން މަރުވެފައިވާ އިރު، އޭގެ ތެރޭގައި 100 އަށްވުރެ ގިނަ ދަރިވަރުން ހިމެނެއެވެ. އަދި މި ހިނގާ 2026 ވަނަ އަހަރުގެ ތެރޭގައިވެސް މިފަދަ ހާދިސާތަކުގައި ބައެއް އިންޑިއާ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.