އީރާނުގެ މިސައިލް ހަމަލާއެއްގައި އިސްރާއީލްގެ 9 މީހުން މަރުވެއްޖެ
އީރާނުން އިސްރާއީލަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް މިސައިލް ހަމަލާތަކެއްގައި، އިސްރާއީލުގެ ބައިތު ޝެމޭޝްގައި ހުރި ޔަހޫދީން އަޅުކަންކުރާ ސިނަގޮގަކަށް ބޮޑެތި ގެއްލުންތަކެއްވެ، އެތަނުގައި ހިމާޔަތް ހޯދައިގެން ތިބި ނުވަ މަދަނީން މަރުވެފައިވާ ކަމަށް އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.
"އޮޕަރޭޝަން ރޯރިންގް ލަޔަން" ގެ ނަމުގައި އީރާނުން ދިން މި ހަމަލާ ސިދާ އަމާޒުވެފައިވަނީ އާންމުން ދިރިއުޅޭ ސަރަހައްދަކަށް ކަމަށް އިސްރާއީލުގެ ބައިނަލްއަގުވާމީ ފުލުހުންގެ ތަރުޖަމާނު ޑީން އެލްސްޑުން ވަނީ ބުނެފައެވެ.
މިދިޔަ މާރިޗު މަހުގެ 1 ވަނަ ދުވަހު ދިން މި ހަމަލާގައި ސިނަގޮގުގެ ފާރުތައް ވެއްޓި، އަޅުކަންކުރާ ހޯލްތަކާއި ކައިރީގައި ހުރި އާންމުންގެ ގެދޮރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. ހަމަލާގެ ވަގުތުގައި އެތަނުގައި ކުޑަކުދިން ބައިވެރިވި ކޮސްޓިއުމް ޕާޓީއެއް ކުރިއަށްދިޔަ ކަމަށާއި، ހަމަލާއަށްފަހު އެ ސަރަހައްދުގައި ބޮޑު ހަލަބޮލިކަމެއް އުފެދުނު ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިސްރާއީލުގެ ފުލުހުންގެ ތަރުޖަމާނު މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އީރާނުން ހަމަލާދިނީ އަސްކަރީ މަރުކަޒަކަށް ނޫން ކަމަށާއި، މިއީ ގަސްތުގައި އާންމުންނަށް ދިން ހަމަލާއެއް ކަމަށެވެ. އަދި އީރާނުން ބޭނުންކުރި ބައެއް މިސައިލްތަކުގައި އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތައް ދެވޭ ފަދަ ކްލަސްޓާ ވޯހެޑް ހަރުކޮށްފައި ހުރި ކަމަށްވެސް އޭނާ ތުހުމަތުކުރިއެވެ.
މި ހަމަލާއާ ގުޅިގެން އިސްރާއީލުން ބުނެފައިވަނީ އެގައުމުގެ ހަނގުރާމައަކީ އީރާނުގެ، ލުބުނާނުގެ ނުވަތަ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ކުރާ ހަނގުރާމައެއް ނޫން ކަމަށެވެ. އެގައުމުގެ ހަނގުރާމައަކީ އިސްރާއީލު ހަލާކުކޮށްލަން އުޅޭ އީރާނުގެ ރެޖީމާއި އެ ގައުމުގެ ޕްރޮކްސީތަކާ ދެކޮޅަށް ކުރާ ހަނގުރާމައެއް ކަމަށްވެސް ބުނެފައިވެއެވެ.
އީރާނާއި އިސްރާއީލާ ދެމެދު އޮތް ނުތަނަވަސްކަން ފާއިތުވި އަހަރުތަކުގައި ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، މިއީ މައިގަނޑު ގޮތެއްގައި ސަރަހައްދީ ނުފޫޒު ހޯދުމަށާއި ސަލާމަތީ ކަންކަމާ ގުޅިގެން އުފެދިފައިވާ ހަމަނުޖެހުމެކެވެ.
Ads by BMLއިސްރާއީލުން އަބަދުވެސް ތުހުމަތުކުރާ ގޮތުގައި އީރާނުން ދަނީ އެގައުމާ ދެކޮޅަށް މަސައްކަތްކުރާ ހިޒްބުالله އަދި ހަމާސް ފަދަ ޖަމާއަތްތަކަށް މާލީގޮތުންނާއި ހަތިޔާރުގެ ގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަކީ އެގައުމުގެ ވުޖޫދަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި އިސްރާއީލުން ދެކެއެވެ.
މި ފަހަކަށް އައިސް ދެގައުމުގެ ދެމެދުގައި ސިއްރުން ކުރެވެމުންދިޔަ "ހިޔަނި ހަނގުރާމަ" ވަނީ ސީދާ އަސްކަރީ ކުރިމަތިލުންތަކަކަށް ބަދަލުވެފައެވެ. އީރާނުގެ އެތެރޭގައި ހުންނަ ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށް އިސްރާއީލުން ދޭ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، އީރާނުން ދަނީ އެގައުމުގެ އަމިއްލަ ފަސްގަނޑުން ސީދާ އިސްރާއީލަށް އަމާޒުކޮށް ދުރުރާސްތާ މިސައިލާއި ޑްރޯން ހަމަލާތައް ފޮނުވަމުންނެވެ.
މިގޮތުން އީރާނުން ފޮނުވާލާ ބެލިސްޓިކް މިސައިލްތަކުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެ، ބައިނަލްއަގުވާމީ މުޖުތަމައުގެ ކަންބޮޑުވުން ވަނީ އިންތިހާއަށް ބޮޑުވެފައެވެ.
އިސްރާއީލުން އެގައުމުގެ ވައިގެ ދިފާއީ ނިޒާމުތަކުގެ އެހީގައި ގިނަ މިސައިލްތަކެއް ހުރަސް ކުރި ނަމަވެސް، އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް އެރުމުގެ ސަބަބުން މަދަނީންގެ ފުރާނައަށް ލިބޭ ގެއްލުންތައް ވެސް ދަނީ އިތުރުވަމުންނެވެ.
Ads by MACL
