އިނގިރޭސިވިލާތުގެ ކޮންމެ 10 އަންހެން ކުއްޖަކުން އެކަކަށް ބްލެކްމެއިލްގެ ބިރު އެބައޮތް ކަމަށް ރިޕޯޓަކުން ހާމަކޮށްފި
އިނގިރޭސިވިލާތުގެ ކޮންމެ ދިހަ އަންހެން ކުއްޖެއްގެ ތެރެއިން އެކަކަށް، އެކުދިންގެ އޮނަސިލްސް (ނިއުޑް) ފޮޓޯތައް އެހެން މީހުންނާ ހިއްސާކުރާނެ ކަމުގެ ބިރުދެއްކުމާއި ބްލެކްމެއިލް ކުރުމުގެ މައްސަލަތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް އެގައުމުގެ ކުޑަކުދިންގެ ޗެރިޓީއެއް ކަމަށްވާ ބާނާޑޯސްއިން ނެރުނު ރިޕޯޓެއްގައި ހާމަކޮށްފިއެވެ.
މި ރިޕޯޓުން އެނގޭ ގޮތުގައި މިއީ ޒުވާނުންގެ މެދުގައި އޮންލައިންކޮށް ހިންގާ އަންހެނުންނަށް ނަފުރަތުކުރުމުގެ އަމަލުތަކާއި ފޮޓޯ ބޭނުންކޮށްގެން ކުރާ އަނިޔާތަކުގެ ބޮޑުވަމުންދާ ކްރައިސިސްއެކެވެ.
އުމުރުން 13 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން ކޮންމެ ހަތް ކުއްޖަކުން އެކަކަށް ނިއުޑް ފޮޓޯ ފޮނުވުމަށް އެދި ހުށަހެޅުންތައް ލިބިފައިވާކަން 4،000 ޒުވާނުން ބޭނުންކޮށްގެން ހެދި މި ސާވޭއިން ވަނީ އެނގިފައެވެ. އަދި އުމުރުން 13 އަހަރާއި 20 އަހަރާ ދެމެދުގެ ޒުވާނުންގެ ހަތަރުބައިކުޅަ އެއްބައި ކުދިން ބުނެފައިވަނީ، ސިއްރުވެރިގޮތެއްގައި ފޮނުވި އަމިއްލަ ޒާތީ ފޮޓޯތައް އެމީހުންގެ ހުއްދައެއް ނެތި އާންމުކޮށް ހިއްސާކޮށްފައިވާތަން ފެނިފައިވާ ކަމަށެވެ. މިއާއެކު މާހިރުން ދަނީ މިފަދަ ނޭދެވޭ އަމަލުތައް ކުޑަކުދިންގެ ދިރިއުޅުމުގެ އާންމު ކަމަކަށް ވަމުންދާތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިކަމާ ގުޅޭގޮތުން ބާނާޑޯސްގެ ސީނިއާ ޕްރެކްޓިޝްނަރެއް ކަމަށްވާ ލުނެޓާ ތާޖްބްލޯވާ ވިދާޅުވީ، އަންހެން ކުދިންނަށް މަޖުބޫރުކޮށްގެން އޮންލައިންކޮށް ޒާތީ ފޮޓޯތައް ޕޯސްޓްކުރުވާ ހިތާމަވެރި ހަގީގަތްތައް ފެންނަމުންދާ ކަމަށެވެ. އަދި އެ ފޮޓޯތައް އެހެން މީހުން ފަތުރާއިރު، އޭގެ ޒިންމާ އުފުލަންޖެހެނީ އަނިޔާ ލިބޭ އަންހެން ކުއްޖާއަށް ކަމަށް ބުނެ، މިއީ ނުރައްކާތެރި ދެކޮޅުނުޖެހޭ އުސޫލެއް ކަމަށް އޭނާ ފާހަގަކުރިއެވެ. ފޮޓޯ ފެތުރި މީހާއަށް އަދަބެއް ނުލިބި، އަންހެން ކުއްޖާއަށް "އެފަދަ ފޮޓޯއެއް ޕޯސްޓްކުރީ ކީއްވެގެންތޯ" ބުނެ ފާޑުކިއުން އަމާޒުވުމަކީ ރުހުމުގެ މާނަ އޮޅިފައިވާ މިންވަރު ދައްކުވައިދޭ ކަމެކެވެ.
ޕޯނޯގްރަފީ އަދި އަންހެނުންނަށް އިހާނެތިކޮށް ހިތާ މެޓީރިއަލްތަކުގެ ސަބަބުން ޒުވާނުންގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އިންޓަނެޓުން ފަސޭހައިން ފެންނަން ހުންނަ ޕޯން ވީޑިއޯތަކުގައި އަންހެނުންނަށް ކުރާ ބޭއިހްތިރާމާއި، ފިރިހެން ކުދިން އަންހެން ކުދިންނާ މެދު އަމަލުކުރާ ގޮތާ ސީދާ ގުޅުމެއްވާ ކަމަށް ތާޖްބްލޯވާ ބުންޏެވެ.
ސާވޭގައި ހަތަރުބައިކުޅަ އެއްބައި އަންހެން ކުދިން ވަނީ އޮންލައިންކޮށް އެކުދިންނަށް ހުތުރު ނަންނަމުން މުޚާތަބުކުރާ ކަމަށް ބުނެފައެވެ. އަދި ފިރިހެން ކުދިންގެ ތެރެއިން ގިނަ ކުދިން ބުނީ މިފަދަ ކަންކަމާ ދެކޮޅަށް ވާހަކަދައްކައިފިނަމަ ރައްޓެހިންގެ މެދުގައި ބާކީވެ، ފޫހި ކުއްޖެއްގެ ގޮތުގައި ސިފަވާނެތީ އެއްޗެކޭ ބުނަން ނުކެރޭ ކަމަށެވެ.
މި މައްސަލައިގެ ސަބަބުން ފިރިހެން ކުދިންނަށްވެސް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމަށް ރިޕޯޓުގައިވެއެވެ. ގްރޫޕްތަކުގެ ތެރޭގައި މޮޅުވެގަތުމަށްޓަކައި އަންހެނުންނަށް ދަށްކޮށް ހިތުމުގެ ސަގާފަތެއް ފިރިހެން ކުދިންގެ މެދުގައި އުފެދެމުންދާއިރު، ބައެއް ފިރިހެން ކުދިންނަކީވެސް އޮންލައިންކޮށް ސެކްސްޓޯޝަން ނުވަތަ ބްލެކްމެއިލްގެ ޝިކާރައަކަށްވާ ކުދިންނެވެ. ވޭތުވެދިޔަ 12 މަސްދުވަހުގެ ތެރޭގައި ކުދިންގެ މެދުގައި ހިންގާ ޖިންސީ ގޯނާގެ މައްސަލަތައް 29 އިންސައްތަ އިތުރުވެފައިވާއިރު، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ހަދާ "ޑީޕްފޭކް" ނިއުޑް ފޮޓޯތައް ހަދައިގެން އަންހެން ކުދިން ބްލެކްމެއިލް ކުރުންވެސް ވަނީ އިތުރުވެފައެވެ.
މި ހޯދުންތަކާ ގުޅިގެން ބާނާޑޯސްގެ ޗީފް އެގްޒެކެޓިވް ލިން ޕެރީ ވިދާޅުވީ، އޮންލައިންކޮށް އަންހެނުންނަށް ކުރާ ނަފުރަތަކީ ކުދިންގެ ދިރިއުޅުން ހަލާކުކޮށްލާ ކަމެއް ކަމަށެވެ. އެހެންކަމުން އިނގިރޭސި ސަރުކާރާއި، އެގައުމުގެ މުވާސަލާތީ ރެގިއުލޭޓަރީ ބޮޑީ "އޮފްކޮމް" އިން މިފަދަ ކަންކަމާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފައެވެ. އޮފްކޮމްއިން ބުނިގޮތުގައި ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ފީޑްތަކުން މިފަދަ ކަންކަން ހުއްޓުވުމުގެ ޒިންމާ އެ ފަރާތްތަކުން އުފުލަންޖެހޭނެއެވެ.
އިނގިރޭސި ސަރުކާރުންވެސް ވަނީ މިއީ ސީރިއަސް މައްސަލައެއްކަން ގަބޫލުކޮށް، އޮންލައިން ސޭފްޓީ އެކްޓްގެ ދަށުން އޭއައި މެދުވެރިކޮށް ހަދާ ފޮޓޯތަކާއި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.
Ads by MACL
