ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އިންޑިއާގައި މުސްލިމުންނަށް އީދުނަމާދު ކުރުމަށް ހުރަސްތަކެއް ކުރިމަތި ކޮށްފި

އިންޑިއާގައި ގިނަޢަދަދެއްގެ މުސްލިމުން މިއަދުވަނީ ޢީދުނަމާދަށް ނިކުމެ ޢީދުނަމާދު ފުރިހަމަކޮށްފައި --- ފޮޓޯ: އޭޕީ
އިންޑިއާގައި ގިނަޢަދަދެއްގެ މުސްލިމުން މިއަދުވަނީ ޢީދުނަމާދަށް ނިކުމެ ޢީދުނަމާދު ފުރިހަމަކޮށްފައި --- ފޮޓޯ: އޭޕީ

އިންޑިއާގެ އެކި ސަރަހައްދުތަކުގައި އާންމު މައިދާންތަކާއި މަގުމަތީގައި މުސްލިމުން އީދު ނަމާދު ކުރުން އެގައުމުގެ ސަރުކާރުން ހަރުކަށިކަމާއެކު މަނާކޮށް، މުސްލިމުންނަށް އީދުނަމާދު ކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތި ކޮށްފިއެވެ.

އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހާއްސަކޮށް މުސްލިމުންގެ ބޮޑު އާބާދީއެއް އޮންނަ އުއްތަރަ ޕްރަދޭޝް ފަދަ ސްޓޭޓްތަކުގައި ފުލުހުންނާއި ހަރުކަށި ހިންދޫ ޖަމާއަތްތަކުން ދެމުންދާ އިންޒާރުތަކުގެ ސަބަބުން، މިއަހަރުގެ އީދު ނަމާދުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި މުސްލިމުންނަށް ވަނީ ބޮޑެތި ގޮންޖެހުންތަކާއި ބިރުވެރިކަމާ ކުރިމަތިލާން ޖެހިފައެވެ.

މިފަދަ ހުރަސްތަކެއް ކުރިމަތިވެފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ 2014 ވަނަ އަހަރު ވެރިކަމަށް އައި ފަހުން، އެގައުމުގެ ހަރުކަށި ހިންދޫ ޖަމާއަތްތަކަށް ސިޔާސީ ގޮތުން ބޮޑެތި ބާރުތަކެއް ލިބި، މުސްލިމުންގެ ދީނީ އަޅުކަންތަކަށް ހުރަސްއެޅުން އާންމު ކަމަކަށް ވެފައިވާ ދަނޑިވަޅެއްގައެވެ.

ދާދިފަހުން ވިޝްވާ ހިންދޫ ޕަރިޝާދު (ވީއެޗްޕީ) ކިޔާ ހަރުކަށި ގްރޫޕަކުން ވަނީ މަގުމަތީގައި ނަމާދުކުރުން މުޅި ގައުމުގައި މަނާކުރުމަށް ގޮވާލާފައެވެ. ނަމަވެސް މުސްލިމުން ބުނަމުންދަނީ، އާބާދީ ބޮޑު ސިޓީތަކުގައި ހުންނަ މިސްކިތްތަކުގައި އެއްފަހަރާ ހުރިހާ އެންމެންނަށް ނަމާދު ކުރެވޭނެހާ ޖާގަ ނުހުންނަ ކަމަށެވެ.

އުއްތަރަ ޕްރަދޭޝްގެ ހަރުކަށި ލީޑަރު ޔޯގީ އަދިިތްޔަނާތު ވަނީ މުސްލިމުން އީދު ނަމާދު ކުރަންވާނީ މިސްކިތްތަކުގެ އެތެރޭގައި "ޝިފްޓް" ތަކަކަށް ބަހާލައިގެން ކަމަށް ބުނެ، މިގޮތަށް ގަބޫލުނުކޮށްފިނަމަ އެހެން ގޮތްގޮތް ބޭނުންކުރަން ޖެހިދާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިންޒާރު ދީފައެވެ. މިފަދަ އަމުރުތަކުގެ ސަބަބުން، ނަމާދުކުރާ ވަގުތު ފުލުހުން އައިސް ހައްޔަރުކޮށްފާނެތީ ނުވަތަ ގެދޮރާއި މުދަލަށް އަރައިގަނެފާނެތީ މުސްލިމުން ތިބީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ.

މިސްކިތްތަކުގެ ކޮމިޓީތަކުން ވަނީ ނަމާދަށް އަންނަ މީހުން މަގުމައްޗަށް ފޭބިޔަނުދީ، މިސްކިތް ފުރުމުން ދެން ތިބި މީހުން ދެވަނަ ޖަމާއަތަކަށް މަޑުކުރުމަށް އަންގާ، ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައެވެ. އަދި ނަމާދަށްފަހު އެއްވެ ނުތިބުމަށާއި، ފުލުހުންނާއި ހަރުކަށި ގްރޫޕްތަކުން ކުރާ ޖެއްސުންތަކަށް ރައްދު ނުދީ ގެޔަށް ދިއުމަށްވެސް ވަނީ އިރުޝާދު ދީފައެވެ. މީގެ ކުރިން އުފާވެރިކަމާއެކު ފާހަގަކުރަމުން އައި އީދު ސުންގަޑިތައް، މި ހުރަސްތަކުގެ ސަބަބުން މިހާރު ބަދަލުވެފައިވަނީ ނުތަނަވަސްކަމާއި ހާސްކަމުން ފުރިގެންވާ ދުވަސްތަކަކަށެވެ.

ދުނިޔޭގެ އެހެން ސަރަހައްދުތަކަށް ބަލާއިރުވެސް މުސްލިމުންނަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް މަދެއް ނޫނެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަދަ ވެރިންނާއި، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ފަދަ ވެރިން ގެންގުޅޭ ހަރުކަށި ސިޔާސަތުތަކުގެ ސަބަބުން މުޅި ދުނިޔޭގައިވެސް މުސްލިމުންނާ މެދު އޮންނަ ބިރުވެރިކަން ނުވަތަ އިސްލާމްފޯބިއާ ވަނީ އިތުރުވެފައެވެ. ހާއްސަކޮށް އިސްރާއީލާއި އެމެރިކާގެ ވެރިން ފަލަސްތީނުގެ ޣައްޒާ ފަދަ ސަރަހައްދުތަކުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން، މިއަހަރުގެ އީދު ދުނިޔޭގެ އެކި ކޮޅުތަކުގައި ތިބި މުސްލިމުން ފާހަގަކުރަމުންދަނީ ވަރަށް ހިތާމަވެރި މާހައުލެއްގައެވެ.

އިންޑިއާގެ މުސްލިމުން ބުނާ ގޮތުގައި ހިންދޫންގެ ބޮޑެތި ދީނީ ހިނގާލުންތަކާއި ފެސްޓިވަލްތަކަށް ސަރުކާރުން މަގުތައް ބަންދުކޮށް، ހުރިހާ ވަސީލަތްތަކެއް ފަހިކޮށްދޭއިރު، މުސްލިމުންގެ މަދު މިނެޓުކޮޅެއްގެ ނަމާދަށް ހުރަސްއެޅުމަކީ ގާނޫނު އަސާސީން ލިބިދޭ ދީނީ މިނިވަންކަމާ ހިލާފު، ތަފާތުކުރުން ބޮޑު އަމަލެކެވެ.