ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އިނގިރޭސިވިލާތުގެ ބޯންމައުތު ބީޗުގައި ބޮޑު މާރާމާރީއެއް ހިންގައިފި

ބޯންމައުތު ބީޗުގައި ހިނގި ބޮޑު މާރާމާރީގެ ތެރެއިން --- ފޮޓޯ: އޭޕީ
ބޯންމައުތު ބީޗުގައި ހިނގި ބޮޑު މާރާމާރީގެ ތެރެއިން --- ފޮޓޯ: އޭޕީ

އިނގިރޭސިވިލާތަށް މިހާރު ކުރިމަތިވަމުންދާ ހީޓްވޭވް ނުވަތަ ހޫނުގަދަ ދުވަސްވަރާ ދިމާކޮށް، ގިނަ އަދަދެއްގެ ބަޔަކު ޖަމާވެފައި އޮތް ބޯންމައުތު ބީޗުގައި ބޮޑު މާރާމާރީއެއް ހިންގައިފިއެވެ.

ގިނަ އަދަދެއްގެ ފަތުރުވެރިންނާއި އާއިލާތައް މޫދަށް އެރި އުފާފާޅުކުރަން ތިއްބާ ހިނގި މި ހާދިސާގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި މިހާރު ދަނީ ވަރަށް ބޮޑަށް ދައުރުވަމުންނެވެ.

މި މާރާމާރީ ހިނގާފައިވަނީ ބޯންމައުތު ޕިއަރ ކައިރީގައި، ބޭންކް ހޮލިޑޭއާ ދިމާކޮށް ގިނަ ބަޔަކު އެއްވެފައި އޮތް ވަގުތެއްގައެވެ. ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ޒުވާނުންގެ ބޮޑު ގްރޫޕަކުން ވަނީ އެ ސަރަހައްދުގައި ހުރި ފިރިހެނަކަށް ފަހަތުން ދުވެ ގޮސް ހަމަލާދީފައެވެ. މި ހަމަލާތަކާ ގުޅިގެން ބީޗުގައި ތިބި އާއިލާތަކުން ސަލާމަތްވުމަށްޓަކައި ދުވެ، އެ ސަރަހައްދު ދޫކޮށް ދިޔައެވެ.

މި ހާދިސާ ހޫނުވެ، މަސްލަހަތު ކޮންޓްރޯލުން ނެއްޓުމާ ގުޅިގެން އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބަލަހައްޓާ މުވައްޒަފުން ވަނީ ފުލުހުންނަށް ރިޕޯޓްކޮށްފައެވެ. ފުލުހުން އެ ސަރަހައްދަށް ގޮސް ހަމަނުޖެހުން ކޮންޓްރޯލް ކުރަން އުޅުމުގެ ތެރޭގައި، އެތަނަށް އެއްވެ ތިބި މީހުންގެ ފަރާތުން ފުލުހުންނަށްވެސް ހަމަލާތަކެއް އަމާޒުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޑޯސެޓް ފުލުހުންގެ އެސިސްޓަންޓް ޗީފް ކޮންސްޓަބަލް މާކް ކަލަގަން ވިދާޅުވި ގޮތުގައި، މި ހާދިސާ މިހާރު ދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ. އަދި މި މާރާމާރީގައި ބައިވެރިވި މީހުން ދެނެގަނެ، އެމީހުންނާ މެދު ގާނޫނީ ގޮތުން އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ވަނީ ދީފައެވެ.

މި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށްޓަކައި ފުލުހުންގެ އިތުރު ޔުނިޓްތަކުގެ އިތުރުން ހެލިކޮޕްޓަރުވެސް ބޭނުންކޮށްފައިވެއެވެ. އިނގިރޭސިވިލާތުގައި ހޫނުގަދަވުމާ ގުޅިގެން އަތިރިމަތީގެ ސަރަހައްދުތަކަށް މީހުން އެއްވުން އިތުރުވެފައިވާއިރު، މިފަދަ ހަމަނުޖެހުންތަކާއި ވައްކަމުގެ މައްސަލަތައް އިތުރުވަމުންދާތީ ކަމާބެހޭ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.