ޓްރަމްޕާ ވައްތަރުވެގެން މަޝްހޫރުވި ބަފަލޯ ކަތިލުން ބަންގްލަދޭޝް ސަރުކާރުން ހުއްޓުވައިފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބޮލުގެ އިސްތަށިގަނޑާ ވައްތަރު ރަންކުލައިގެ އިސްތަށިގަނޑެއް ހުރުމުގެ ސަބަބުން ބަންގްލަދޭޝްގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބަފަލޯއެއް، އަޟްހާ އީދުގެ ގުރުބާނީއަށް ކަތިލަން އުޅެނިކޮށް އެ ގައުމުގެ ސަރުކާރުން އެކަން ހުއްޓުވައިފިއެވެ.
ބަރުދަނުގައި ގާތްގަނޑަކަށް 700 ކިލޯ ހުންނަ މި ބަފަލޯއަކީ އީދަށް ކަތިލުމަށްޓަކައި މީގެކުރިން ވިއްކާލާފައި އޮތް ޖަނަވާރެއް ނަމަވެސް، މިއީ ބަންގްލަދޭޝްއިން ވަރަށް މަދުން ނޫނީ ނުފެންނަ ކަހަލަ ހުދު (އަލްބީނޯ) ބަފަލޯއަކަށް ވުމުންނާއި ޓްރަމްޕާ ވައްތަރު ގޮތެއް ހުރުމުން އާންމުންގެ ސަމާލުކަން މިއަށް ވަނީ ވަރަށް ބޮޑަށް ހުއްޓިފައެވެ.
މި ސޮރު ބަލައިލުމަށްޓަކައި ދުރު ހިސާބުތަކުން ގިނަ އަދަދެއްގެ ބަޔަކު ފާމަށް ޖަމާވަމުންދިއުމާ ގުޅިގެން، ސަލާމަތީ ގޮތުން ނުރައްކާތަކެއް ކުރިމަތިވެދާނެތީ ބަންގްލަދޭޝްގެ ހޯމް މިނިސްޓްރީން ވަނީ ފަހު ވަގުތު އެ ސޮރު ކަތިލުން މަނާކުރަން ނިންމާފައެވެ.
ބަންގްލަދޭޝްގެ ހޯމް މިނިސްޓަރު ސަލާހުއްދީން އަހުމަދު ވަނީ އެ ބަފަލޯ ކަތިލުން ހުއްޓުވުމަށްފަހު، އެ ގަތް މީހާއަށް ފައިސާ އަނބުރާ ދެއްކުމަށް އަމުރުކުރައްވައި، އެ ޖަނަވާރު ރައްކާތެރިކަމާއެކު ބެލެހެއްޓުމަށްޓަކައި ޑާކާގައި ހުންނަ ގައުމީ ޒުލަށް ބަދަލުކުރުމަށް ނިންމަވާފައެވެ.
މި ބަފަލޯގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވައިރަލްވެ ބައިނަލްއަގުވާމީ ސަމާލުކަން ލިބިފައިވާއިރު، ފާމްގެ ވެރިޔާ ޒިއާއުއްދީން މްރިދާ ބުނި ގޮތުގައި މިއީ ވަރަށް މަޑުމައިތިރި އަދި ގަވާއިދުން ފެންވެރުވުމާއި ހާއްސަ ފަރުވާ ބޭނުންވާ ޖަނަވާރެކެވެ.
Ads by MACL
