ހޫނުގަދަވެ ކަސޯލީގެ ޖަންގަލީގައި ރޯވި ބޮޑު އަލިފާންގަނޑު ނިއްވަން އިންޑިއާ ވައިގެ ސިފައިން ނުކުމެއްޖެ
އިންޑިއާގެ ހިމާޗަލް ޕްރަދޭޝްގެ މަޝްހޫރު ފަތުރުވެރި ސަރަހައްދެއް ކަމަށްވާ ކަސޯލީގައި ހުންނަ އެއާފޯސް ސްޓޭޝަން ކައިރީގެ ޖަންގަލިތަކުގައި ރޯވި ބޮޑު އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށްޓަކައި، އިންޑިއާގެ ވައިގެ ސިފައިން ޚާއްޞަ ހެލިކޮޕްޓަރުތަކަކާއެކު ކުއްލި އޮޕަރޭޝަނެއް ފަށައިފިއެވެ.
މިދިޔަ އަންގާރަ ދުވަހުގެ މެންދުރުފަހު ހިނގަން ފެށި މި ހާދިސާގައި، ރޭގަނޑުވި އިރު އަލިފާންގަނޑު މުޅި ސަރަހައްދަށް ފެތުރި، ވައިގެ ސިފައިންގެ މަރުކަޒާ ނުރައްކާތެރި މިންވަރަކަށް ގާތްވުމާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ވަނީ އަސްކަރިއްޔާގެ އެހީތެރިކަމަށް އެދިފައެވެ.
މި ނުރައްކާތެރި އަލިފާންގަނޑު ނިއްވުމުގެ މަސައްކަތުގައި ވައިގެ ސިފައިންގެ ހެލިކޮޕްޓަރުތަކުން ދަނީ ޗަންދީގަރްގެ ސުކްނާ ލޭކުން ފެން ނަގައިގެން، އަލިފާން ރޯވެފައިވާ ސަރަހައްދުތަކަށް މަތިން ފެން ޖަހަމުންނެވެ. ގާތްގަނޑަކަށް 7 ނުވަތަ 8 ގަޑިއިރަށް ދެމިގެންދިޔަ ބުރަ އޮޕަރޭޝަނަކަށްފަހު އެއާފޯސް ސްޓޭޝަން ކައިރީގައި ހުރި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް، އިއްޔެ މެންދުރާ ހަމައަށްދިޔަ އިރުވެސް އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައެއް ނުވެއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ އެ ސަރަހައްދަށް ކުރިމަތިވެފައިވާ ގަދަ ހޫނުގެ ސަބަބުން، ޖަންގަލީގައި ހުރި ހިކިފައިވާ ޕައިންޓްރީ ގަސްތަކުގެ ފަތްތަކުގައި ރޯވި ކުޑަ އަލިފާންކޮޅަކުންނެވެ. މި އަލިފާންގަނޑު އެ ސަރަހައްދުގައި ބާރަށް ވައިޖެހެމުންދިއުމުގެ ސަބަބުން، ކުޑަ މިނެޓްކޮޅެއްގެ ތެރޭގައި އެތައް ކިލޯމީޓަރެއްގެ ދުރަށް ފެތުރިގެންދިޔައީއެވެ.
އަލިފާން ނިއްވުމުގެ މި ބޮޑު ހަރަކާތުގައި ކަސޯލީ ކެންޓަންމަންޓް ބޯޑުގެ ފަޔަރު ބްރިގޭޑާއި، އެއާފޯސް ސްޓޭޝަންގެ ފަޔަރު ޔުނިޓުގެ އިތުރުން ކުތާރު އަދި ފަރުވާނޫގެ ފަޔަރު ޑިޕާޓްމަންޓުންވެސް ދަނީ ބައިވެރިވަމުންނެވެ. އަދި ފޮރެސްޓް ޑިޕާޓްމަންޓުގެ މުވައްޒަފުންނާއި ސިފައިން ގުޅިގެން މުޅި ރޭގަނޑު އެއްކޮށް އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ކޮށްފައިވެއެވެ.
ވައިގެ ސިފައިންގެ މަރުކަޒަށް އޮތް ނުރައްކާ މިހާރު ކުޑަކުރެވިފައިވީ ނަމަވެސް، ކަސޯލީގެ މޯލް ރޯޑް، ވީއައިޕީ އޭރިއާ، އަދި ޖަންގޭޝޫ-މަނޯން މަގު ފަދަ ސަރަހައްދުތަކުގައި އަދިވެސް އަލިފާން ނުނިވި ހުރިކަމަށް މައުލޫމާތު ލިބެއެވެ. މީގެ އިތުރުން ސޯލާންގެ ޝަމްލެކް، އަންޖީ، އަދި ކަންޑަގަޓް ސަރަހައްދުތަކުގެ ޖަންގަލިތަކުގައިވެސް އަދިވެސް އަލިފާން ރޯވަމުންދާތީ، ފޮރެސްޓް ޑިޕާޓްމަންޓުން މިހާރު ދަނީ މި ހާދިސާގައި ލިބެމުންދާ ގެއްލުންތައް ބަލައި ވަޒަންކުރަމުންނެވެ.
Ads by MACL
