"އިންޑިއާއަކީ އެންމެ ކުނިގިނަ ގައުމު" – ޝެނާޒް ޓްރެޒަރީގެ ސްރީލަންކާ ވީޑިއޯއަކާ އެކު ބޮޑު ބަހުސެއް ފެށިއްޖެ
މަޝްހޫރު ޓްރެވަލް ވްލޮގަރެއް ކަމަށްވާ ޝެނާޒް ޓްރެޒަރީ ސްރީލަންކާގެ އެލާ ރޭލު ސްޓޭޝަނަށް ކުރި ޒިޔާރަތެއްގައި ނެގި ވީޑިއޯއެއް މީސްމީޑިއާގައި އާންމުވުމާ އެކު، ސާފުތާހިރުކަމާ ގުޅޭގޮތުން ބޮޑު ބަހުސެއް ފެށިއްޖެއެވެ.
ބޭރުގެ ގިނަ އަދަދެއްގެ ފަތުރުވެރިން ގޮސް އުޅޭ އެ ރޭލު ސްޓޭޝަނަކީ ވަރަށް ތަރުތީބުކޮށް، ސާފުތާހިރުކަމާ އެކު ބަލަހައްޓަމުންދާ ތަނެއްގެ ގޮތުގައި ވީޑިއޯއިން ފެނެއެވެ. އެ ސަރަހައްދުގެ ސާފުތާހިރުކަން ދައްކަމުން ޝެނާޒް ވަނީ އިންޑިއާއަކީ އެންމެ ކުނިގިނަ، ހަޑި ގައުމު ކަމަށް ބުނެ ފާޅުގައި ވާހަކަދައްކާފައެވެ.
މި ވީޑިއޯ މީސްމީޑިއާގެ ޚާއްސަކޮށް އެކްސް (ކުރީގެ ޓްވިޓާ) ގައި ދައުރުވާން ފެށުމުން، އިންޑިއާގެ ސާފުތާހިރުކަމުގެ މައްސަލަތަކާއި އޭގެ ސަބަބުން ގައުމުގެ އަގަށް ކުރާ އަސަރުތަކާ މެދު ގިނަ ބަޔަކު ދަނީ ޚިޔާލު ފާޅުކުރަމުންނެވެ. ބައެއް މީހުން ޝެނާޒްގެ ވާހަކައަށް ތާއީދުކޮށް ބުނެފައިވަނީ އިންޑިއާގެ ގިނަ ފަތުރުވެރި ސަރަހައްދުތަކުގައި ކުނި އެޅުމާއި، އާންމުންގެ ހޭލުންތެރިކަން ކުޑަވުމުގެ މައްސަލަ ވަރަށް ބޮޑަށް އެބައޮތް ކަމަށެވެ. އަދި ކިތަންމެ ރީތި ތާރީޚީ ތަންތަން ވެސް ކުނިގިނަވުމާއި ތޮއްޖެހުމުގެ ސަބަބުން ހަލާކުވަމުންދާ ކަމަށް އެމީހުން ފާހަގަކުރެއެވެ.
އިންޑިއާގެ އާންމުން ބޭރު ގައުމުތަކަށް ގޮސް އުޅޭއިރު ގަވާއިދުތަކަށް ބޯލަނބާ ނަމަވެސް، އަމިއްލަ ގައުމުގައި މަގުމައްޗަށް ކުޅުޖެހުމާއި ކުނި އެޅުން ފަދަ ކަންކަން ކުރާތީ ބައެއް މީހުން ވަނީ ފާޑުކިޔާފައެވެ. އަދި ކުނި އަޅާ މީހުންނަށް އަދަބެއްގެ ގޮތުން މަގުތައް ސާފުކުރުވަން ޖެހޭ ކަމަށް ވެސް ބައެއް މީހުން ބުނެފައިވެއެވެ.
ނަމަވެސް މި ވާހަކައާ ދެކޮޅު ހަދާ މީހުން ބުނަނީ މިއީ މުޅި އިންޑިއާއަށް ނިސްބަތްކޮށް ބުނެވުނު ބޭއިންސާފު ވާހަކައެއް ކަމަށެވެ. އިންޑިއާގެ ގިނަ ސިޓީތަކާއި ފަތުރުވެރި މަންޒިލްތަކަކީ ވަރަށް ސާފުކޮށް ބަލަހައްޓާ ތަންތަން ކަމަށް އެމީހުން ބުނެއެވެ. އަދި އާބާދީ ކުޑަ، ފަތުރުވެރިކަމަށް ޚާއްސަ ސްރީލަންކާގެ ކުޑަ ރޭލު ސްޓޭޝަނަކާ އިންޑިއާގެ ތޮއްޖެހިފައިވާ ބޮޑެތި ސިޓީތައް އަޅާކިޔުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ވެސް ދިފާއުގައި ވާހަކަދެއްކި މީހުން ފާހަގަކުރެއެވެ.
Ads by MACL
