ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ދެ އާއިލާއެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި 6 މީހަކު މަރުވެއްޖެ

ދެ އާއިލާއެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި 6 މީހަކު މަރުވެއްޖެ

އިންޑިއާގެ ކަރްނާޓަކާ ސްޓޭޓްގެ ވިޖަޔަޕޫރާ ޑިސްޓްރިކްޓްގައި ހިމެނޭ ދެ އާއިލާއެއްގެ ދެމެދުގައި ބަދަލުކުރި ވަރުގަދަ ހަމަލާތަކެއްގައި، ރޭގެ ވަގުތެއްގައި ހަ މީހަކު މަރާލައިފިއެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އެ ސަރަހައްދުގެ ޗަދަޗަން ފުލުސް ސްޓޭޝަންގެ ދަށުން ހިންގާ ގޯވިންދްޕޫރު އަވަށުގައި، ގިނަ ދުވަސްތަކެއް ވަންދެން ހިނގަމުންދިޔަ ބިމުގެ މައްސަލައެއްގެ ހޫނުގަނޑު ބޮޑުވެގެންނެވެ.

މި ހާދިސާގައި ލޭއޮހޮރުވުން ހިނގާފައިވަނީ އެ އަވަށުގެ ދެ އާއިލާއެއް ކަމަށްވާ ނިރާލޭ އާއިލާއާއި ގޮލާގީ އާއިލާއާ ދެމެދުގައެވެ. މި މާރާމާރީގައި މަރުވި ހަ މީހުންނަކީވެސް ނިރާލޭ އާއިލާއަށް ނިސްބަތްވާ އަދި ގޯވިންދްޕޫރު އަވަށުގައި ދިރިއުޅޭ މީހުންނެވެ. އެއީ ޗަންދޫ ނިރާލޭ، ދުންދައްޕާ ނިރާލޭ، ޝިވަޕުތުރާ ނިރާލޭ، ރާހުލް ނިރާލޭ، ސަމާތު ނިރާލޭގެ އިތުރުން އެމީހުންނާއެކު ހުރި ޝައްބީރު ނަދާފް ނަމަކަށް ކިޔާ މީހެކެވެ.

ފުލުހުންގެ ސަރަހައްދީ ހޯދުންތަކުން އެނގޭ ގޮތުގައި، ގޮލާގީ އާއިލާގެ ބަޔަކު އިސްވެ ތިބެ ދިން މި ހަމަލާގައި ނިރާލޭ އާއިލާގެ މީހުންނަށް ފުރަތަމަ ބަޑިން ހަމަލާދިނުމަށްފަހު، ތޫނު އެއްޗެހި ބޭނުންކޮށްގެން ހަށިގަނޑުގެ އެކި ތަންތަން ވަނީ ކޮށާލާފައެވެ.

އެންޑީޓީވީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިއީ އެ ސަރަހައްދުގައި ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ރަހުމުކުޑަ އެއް މާރާމާރީއެވެ.

މި ބިރުވެރި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ ހުރިހާ ދިމާލަކުންވެސް މައްސަލަ ވަރަށް ސީރިއަސްކޮށް ތަހުގީގު ކުރަމުންނެވެ. ނަމަވެސް މިހާތަނަށް މި ލޭއޮހޮރުވުމާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ފުލުހުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.