ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

މިސް ފްރާންސް 73 އަހަރަށްފަހު މިސް ޔުނިވަރސް 2026 މުބާރާތުން ވަކިވެއްޖެ

މިސް ފްރާންސް 73 އަހަރަށްފަހު މިސް ޔުނިވަރސް 2026 މުބާރާތުން ވަކިވެއްޖެ

ފާއިތުވި 73 އަހަރުގެ ތެރޭގައި މެދުކެނޑުމެއްނެތި މިސް ޔުނިވަރސް މުބާރާތުގައި ބައިވެރިވަމުން އައި ފްރާންސް، 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މިސް ޔުނިވަރސް މުބާރާތުގައި ބައިވެރިނުވާން ނިންމައި، މުބާރާތުން ވަކިވެއްޖެއެވެ.

މިސް ފްރާންސް ކޮމްޕެނީން މިގޮތަށް ނިންމާފައިވަނީ 2025 ވަނަ އަހަރު ބޭއްވުނު މުބާރާތުގައި ހިނގާދިޔަ ގިނަގުނަ މައްސަލަތަކާއި ހިންގުމުގެ ނިޒާމުގައި ހުރި އިންތިޒާމްތަކެއްގެ ސަބަބުންނެވެ.

މިސް ފްރާންސް އޯގަނައިޒޭޝަނުން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި ނިންމުމަކީ މިސް ފްރާންސްގެ އަސްލާއި، އަގުތަކާއި އަދި އެ ޖަމްޢިއްޔާއިން ދަމަހައްޓާ އުސޫލުތައް ހިމާޔަތްކުރުމުގެ ގޮތުން ނިންމި ނިންމުމެކެވެ. ބައިނަލްއަގުވާމީ މިސް ޔުނިވަރސް މުބާރާތް މިހާރު ކުރިއަށްދާ މިސްރާބާއި، ޚާއްޞަކޮށް 2025 ވަނަ އަހަރުގެ މުބާރާތުގައި ފާހަގަވި ގޯސްތަކުގެ ސަބަބުން، މިސް ފްރާންސްގެ އަގުތަކާ މިހާރުގެ މުބާރާތާ ދިމާނުވާކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މިސް ފްރާންސްގެ ރައީސް ފްރެޑެރިކް ގިލްބާޓް ވިދާޅުވި ގޮތުގައި، ބައިނަލްއަގުވާމީ މައިދާނުގައި ފްރާންސް ތަމްސީލުކުރުމަކީ އަބަދުވެސް ލިބޭ ވަރަށް ބޮޑު ޝަރަފެކެވެ. ނަމަވެސް، އެމީހުންގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ މިސް ފްރާންސްގެ މުބާރާތުގެ އަސްލާއި އަގުތައް ހިފެހެއްޓުން ކަމަށާއި، މި ފިޔަވަޅަކީ އެ މަގުސަދުގައި އެޅި ފިޔަވަޅެއް ކަމަށް އޭނާ ބަޔާންކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި މުބާރާތަށް އަންނަ ބަދަލުތައް ބަލަމުންދާނެ ކަމަށާއި، މުސްތަގުބަލުގައި އަލުން މުބާރާތުގައި ބައިވެރިވުމުގެ އުންމީދު އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.

ފްރާންސްގެ މި ނިންމުމާ ގުޅިގެން މިސް ޔުނިވަރސް އޯގަނައިޒޭޝަނުން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ 2026 ވަނަ އަހަރުގެ މުބާރާތުން ފެށިގެން "މިސް ޔުނިވަރސް ފްރާންސް" ގެ ކަންކަން އެ ޖަމްޢިއްޔާއިން ސީދާ ބަލަހައްޓާނެ ކަމަށެވެ. އަދި މިއީ ފްރާންސްގެ އަންހެނުން ބައިނަލްއަގުވާމީ މައިދާނުގައި ކުރިއެރުވުމަށް އެޅޭ އައު ފިޔަވަޅެއް ކަމަށްވެސް މިސް ޔުނިވަރސް އިން ވަނީ ހާމަކޮށްފައެވެ.