ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ލޯންޗްޕެޑް މަތީގައި ބްލޫ އޮރިޖިންގެ ރޮކެޓެއް ގޮވައިފި

ރޮކެޓް ގޮވި ހާދިސާގައި އުފެދިގެން ދިޔަ ބިޔަ އަލިފާންގަނޑު -- ފޮޓޯ: ރޮއިޓާސް
ރޮކެޓް ގޮވި ހާދިސާގައި އުފެދިގެން ދިޔަ ބިޔަ އަލިފާންގަނޑު -- ފޮޓޯ: ރޮއިޓާސް

ބްލޫ އޮރިޖިން ކުންފުނީގެ އާ ރޮކެޓް، ނިއު ގްލެން، ފްލޮރިޑާގައި ކުރިއަށްދިޔަ ޓެސްޓެއްގެ ތެރެއިން ގޮވައިފިއެވެ. ޖެފް ބޭޒޯސްގެ މި ފަޒާވީ ކުންފުންޏަށް މި ލިބުނު ބޮޑު ނާކާމިޔާބީ ކުރިމަތިވީ، އީލޮން މަސްކްގެ ސްޕޭސްއެކްސްއާ ދެމެދު އޮތް ވާދަވެރިކަން ކުޑަކުރުމަށް ބާރަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ބުރާސްފަތި ދުވަހު ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ. އިންޖީނު ބިމާ ހަރުކޮށްގެން ކުރިއަށްގެންދިޔަ ހޮޓް-ފަޔަރ ޓެސްޓެއްގެ ތެރެއިން ރޮކެޓްގައި އަލިފާން ހިފައި، ބޮޑު ގޮވުމަކާއެކު ދުންގަނޑު މައްޗަށް އަރައިގެންދާ މަންޒަރު ލައިވްސްޓްރީމް ވީޑިއޯތަކުން ފެނިފައިވެއެވެ.

މި ރޮކެޓަކީ އޭގެ ހަތަރުވަނަ އުދުހުމަށް ތައްޔާރުވަމުންދިޔަ ރޮކެޓެކެވެ. މި ދަތުރުގައި އެމެޒޯންގެ 48 ސެޓެލައިޓް ފަޒާއަށް ފޮނުވުމަށް ހަމަޖެހިފައި އޮތް ނަމަވެސް، ހާދިސާ ހިނގި ވަގުތު ސެޓެލައިޓްތައް ރޮކެޓާ ގުޅާލެވިފައި ނުވާ ކަމަށް މައުލޫމާތު ލިބެއެވެ.

މި ނާކާމިޔާބީ ކުރިމަތިވީ، ހަނދަށް ރޯވަރުތައް ބޭލުމަށް ބްލޫ އޮރިޖިންއަށް ނާސާއިން 188 މިލިއަން ޑޮލަރުގެ ކޮންޓްރެކްޓެއް ދިންތާ އެންމެ ދެ ދުވަސް ފަހުންނެވެ. އަދި މިއީ ނާސާގެ އާޓެމިސް ހަނދުގެ މިޝަންތަކަށް ބޭނުންކުރަން ނިންމާފައިވާ މުހިންމު ރޮކެޓެކެވެ.

މި ހާދިސާއާ ގުޅިގެން ޖެފް ބޭޒޯސް ބުނީ މިއީ ވަރަށް އުނދަގޫ ދުވަހެއް ކަމަށާއި، ނަމަވެސް ހަލާކުވި ތަންތަން އަލުން ބިނާކޮށް އުދުހުންތައް ފަށާނެ ކަމަށެވެ. އަދި ނާސާގެ އެޑްމިނިސްޓްރޭޓަރ ބިލް ނެލްސަންގެ ބަދަލުގައި މި މިޝަންތަކުގައި އިސްކޮށް އުޅޭ ޖެރެޑް އައިޒަކްމަން ބުނީ ފަޒާގެ ދަތުރުތަކަކީ އުނދަގޫ ކަމެއް ކަމަށާއި، މި ހާދިސާ ތަހުގީގު ކުރުމުގައި އެހީތެރިވާނެ ކަމަށެވެ.

ސްޕޭސްއެކްސްގެ ވެރިޔާ އީލޮން މަސްކް ވެސް ވަނީ މި ހާދިސާގެ ވީޑިއޯއަށް ރައްދުދީ، ރޮކެޓް އުފެއްދުމަކީ ބުރަ މަސައްކަތެއްކަން ފާހަގަކޮށް ހިތާމަ ފާޅުކޮށްފައެވެ. ބްލޫ އޮރިޖިންއިން މި ރޮކެޓް އުފެއްދުމަށް ބިލިއަނުން ހަރަދުކޮށް، ދިހަ ވަރަކަށް އަހަރު ހޭދަކޮށްފައިވެއެވެ.