ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އެމެރިކާއަށް ފައިދާހުރި ގޮތަކަށް ނޫނީ އީރާނާއެކު އެއްބަސްވުމެއް ނުހަދާނެ ކަމަށް ޓްރަމްޕް ބުނެފި

އެމެރިކާއަށް ފައިދާހުރި ގޮތަކަށް ނޫނީ އީރާނާއެކު އެއްބަސްވުމެއް ނުހަދާނެ ކަމަށް ޓްރަމްޕް ބުނެފި

އީރާނާއެކު ނިއުކްލިއާ އެއްބަސްވުމެއް ގާއިމުކުރާނީ އެމެރިކާގެ ޝަރުތުތަކާ އެއްގޮތަށް، އެ ގައުމަށް އެންމެ ފައިދާހުރި ގޮތަކަށް އެކަނި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ވައިޓް ހައުސްގެ އޮފިޝަލަކު މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، ޓްރަމްޕް އެއްބަސްވުމެއްގައި ސޮއިކުރާނީ އޭނާ ކަނޑައަޅާފައިވާ ރެޑްލައިންތަކަށް އީރާނުން އިހުތިރާމް ކުރާނަމަ އެކަނި ކަމަށެވެ. މީގެ އިތުރުން އީރާނަށް ދުވަހަކުވެސް ނިއުކްލިއާ ހަތިޔާރެއް ނުއުފެއްދޭނެ ގޮތް ހެދުމަކީ އެމެރިކާގެ އެންމެ ބޮޑު އެއް ޝަރުތެވެ.

މި ނިންމުން ނިންމާފައިވަނީ ވައިޓް ހައުސްގެ ސިޗުއޭޝަން ރޫމްގައި ދެ ގަޑިއިރަށް ކުރިއަށްދިޔަ މަތީ ފެންވަރުގެ ބައްދަލުވުމަކަށް ފަހުގައެވެ. އީރާނާ އެކު ކުރިއަށްދާ ނިއުކްލިއާ މަޝްވަރާތަކުގައި އެމެރިކާ އިން ހަރުކަށި އުސޫލުތަކެއް ހިފަހައްޓަމުންދާއިރު، ޓްރަމްޕް އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ "ޓްރޫތު ސޯޝަލް" ގައި ލިޔެފައިވަނީ އީރާނާ އެކު ހިނގަމުންދާ ދެބަސްވުންތައް ނިމުމަކަށް ގެނައުމަށް ހުށަހަޅާފައިވާ އެއްބަސްވުމާ މެދު ފައިނަލް ގޮތެއް ނިންމުމަށް ވައިޓް ހައުސްގެ އޮފިޝަލުންނާ ބައްދަލުކުރާނެ ކަމަށެވެ.

އެމެރިކާ އިން ބޭނުންވާ އެއްބަސްވުމުގައި ހިމެނޭ މައިގަނޑު ކަންތައްތަކުގެ ތެރޭގައި، އީރާނުން ދުވަހަކުވެސް ނިއުކްލިއާ ހަތިޔާރު ނުއުފެއްދުމަށް ވައުދުވުމާއި، ބައިނަލްއަގުވާމީ ވިޔަފާރި އުޅަނދުފަހަރަށް ހުރަހެއް ނެތް ގޮތަށް ސްޓްރެއިޓް އޮފް ހޯމޫޒް (ހޯމޫޒް ކަނޑުއޮޅި) އަލުން ހުޅުވާލުން ހިމެނެއެވެ.

މި މަޝްވަރާތަކުގައި އީރާނާއި އެމެރިކާ ސީދާ ވާހަކަދައްކަމުން ނުދާއިރު، ދެ ގައުމުގެ މެދުގައި މީގެ ކުރިން ޕާކިސްތާނުން ވަނީ މެދުވެރިއެއްގެ ދައުރު އަދާކޮށްފައެވެ.