ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އިސްރާއީލުގެ ހަމަލާތަކުގައި ލުބުނާނުގެ 77 ކުޑަކުދިން ޝަހީދުވެ ނުވަތަ ޒަޚަމްވެއްޖެ

އިސްރާއީލުގެ ހަމަލާތަކުގައި ލުބުނާނުގެ 77 ކުޑަކުދިން ޝަހީދުވެ ނުވަތަ ޒަޚަމްވެއްޖެ

އިސްރާއީލުގެ ހަމަލާތަކުގައި ލުބުނާނުގެ 77 ކުޑަކުދިން ޝަހީދުވެ ނުވަތަ ޒަޚަމްވެއްޖެއެވެ.

ލުބުނާނުގެ ސިއްޙަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ ހަތް ދުވަހުގެ ތެރޭގައި އިސްރާއީލުން ދިން ހަމަލާތަކުގައި ލުބުނާނުގެ 77 ކުޑަކުދިން ޝަހީދުވެ ނުވަތަ ޒަޚަމްވެފައިވެއެވެ.

ލުބުނާނުގެ ދެކުނުގައިވާ ޞޫރު (ޓަޔަރ) ސަރަޙައްދުގެ މަޢުރޫފް އަވަށަށް އިސްރާއީލުން ދިން ހަމަލާއެއްގައި ރެސްކިއު ވޯކަރަކު ހިމެނޭ ގޮތަށް ހަތަރު މީހުން ޝަހީދުވެ، އިތުރު ފަސް މީހަކު ޒަޚަމްވެފައިވާ ކަމަށް ވެސް އެ ވުޒާރާއިން ބުނެއެވެ. ލުބުނާނުގެ ސިއްޙަތާ ބެހޭ ވުޒާރާއިން ބަޔާންކުރާ ގޮތުގައި، މެޑިކަލް މުވައްޒަފުން ހިމާޔަތްކުރުމަށް ގޮވާލާ އިންސާނީ ގާނޫނުތަކާ އިސްރާއީލުން ފާޅުކަން ބޮޑު ގޮތެއްގައި ޚިލާފުވަމުންދާއިރު، އެ ގައުމުން ދަނީ ސިއްޙީ ޚިދުމަތްތެރިންނަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ.

މީގެ އިތުރުން، ޞޫރު ސަރަޙައްދުގެ އަލްޢައްބާސިއްޔާ އަވަށަށް އިސްރާއީލުން ދިން ހަމަލާއެއްގައި ތިން މީހުން ޝަހީދުވެ، އެކަކު ޒަޚަމްވެފައިވާއިރު، ޠައިރް ދެއްބާ އަވަށަށް ދިން ހަމަލާގައި ހަތަރު މީހުން ޝަހީދުވެ ދެ މީހަކު ވަނީ ޒަޚަމްވެފައެވެ. ސިއްޙަތާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ރިޕޯޓްތައް ދައްކާ ގޮތުން، 2026 މާރިޗު 2 އިން މޭ 29 އާ ހަމައަށް އިސްރާއީލުން ލުބުނާނުގެ ދެކުނަށް ދިން ހަމަލާތަކުގައި ޖުމްލަ 3،355 ލުބުނާނުގެ ރައްޔިތުން ޝަހީދުވެ، 10,095 މީހުން ވަނީ ޒަޚަމްވެފައެވެ.

ޚަބަރުތައް ބުނާގޮތުން، ދެފަރާތުގެ ދެމެދުގައި ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، އިސްރާއީލުން ދަނީ ލުބުނާނުގެ ދެކުނުގެ އަވަށްތަކާއި ވާދީ ތަކަށް މެދުކެނޑުމެއްނެތި ހަމަލާދީ، އެއްބަސްވުމާ ޚިލާފުވަމުންނެވެ. އާންމުންގެ ގެދޮރަށާއި މަދަނީންނަށް އަމާޒުކޮށް އިސްރާއީލުން ހިންގަމުންދާ މި ގަތުލުއާންމު ހުއްޓުވުމުގައި ބައިނަލްއަގުވާމީ މުޖުތަމައު އޮތީ ހަނިމޭނުން ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.