ގޫގުލްއިން ބެކްޓީރިއާ އަޅާފައިވާ 32 މިލިއަން މަދިރި ދޫކޮށްލަން އުޅޭތީ ކަންބޮޑުވުން ފާޅުކޮށްފި
އެމެރިކާގެ ފްލޮރިޑާ އަދި ކެލިފޯނިއާގެ ސަރަހައްދުތަކަށް ބެކްޓީރިއާ އަޅާފައިވާ 32 މިލިއަން މަދިރި ދޫކޮށްލުމަށް ޓެކްނޮލޮޖީގެ ބޮޑު ކުންފުނި، ގޫގުލްއިން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ގޫގުލްގެ "ޑީބަގް" ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، ފްލޮރިޑާއަށް 16 މިލިއަން އަދި ކެލިފޯނިއާއަށް 16 މިލިއަން މަދިރި ދޫކުރުމަށް އެމެރިކާ ސަރުކާރުގެ ހުއްދައަށް މިހާރު ވަނީ އެދިފައެވެ.
މި މަޝްރޫއަކީ ނުރައްކާތެރި ބަލިތައް ފަތުރާ މަދިރީގެ އާބާދީ މަދުކުރުމުގެ މަގްސަދުގައި ކުރިއަށްގެންދާ ކަމެއް ކަމަށް ބުނި ނަމަވެސް، މީގެ ސަބަބުން ތިމާވެށީގެ ނިޒާމަށް ކޮށްފާނެ ދިގުމުއްދަތުގެ އަސަރުތަކާ ބެހޭ އެއްވެސް ދިރާސާއެއް ހަދާފައި ނުވާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހާއްސަކޮށް އާންމުންގެ ހުރިހާ މައުލޫމާތެއް އެއްކުރަމުންދާ ކުންފުންޏަކުން މިފަދަ ގޮތަކަށް ސަރަހައްދީ ތިމާވެއްޓާ ކުޅެން އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.
މި މަސައްކަތް ކުރިއަށްދާ ގޮތަށް ބަލާއިރު، ގޫގުލްގެ ލެބްތަކުގައި ބޭނުންކުރާ ހާއްސަ ކުދި ކަށިތަކެއްގެ އެހީގައި މަދިރީގެ ބިސްތަކުގެ ތެރެއަށް ބެކްޓީރިއާ އިންޖެކްޓް ކުރުމަށްފަހު، އެ މަދިރިތައް ބޮޑުވުމުން މީހުން ދިރިއުޅޭ އަވަށްތަކަށް ދޫކޮށްލަނީއެވެ.
މި ޕްލޭންގެ މައިގަނޑު އަމާޒަކީ ޑެންގީ، ޒިކާ އަދި ޗިކުންގުންޔާ ފަދަ ނުރައްކާތެރި ބަލިތައް ފަތުރާ އޭޑީސް އީޖިޕްޓައި (Aedes aegypti) މަދިރީގެ ނަސްލު ނައްތާލުން ނުވަތަ މަދުކުރުމެވެ.
މި ހުށަހެޅުން އެމެރިކާގެ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިހާރު މުރާޖައާ ކުރަމުންދާއިރު، މިކަމާ މެދު އާންމުންގެ މެދުގައި އެއްވެސް ބަހުސެއް ނުވަތަ ދެފުށް ފެންނަ ގޮތަކަށް މައުލޫމާތު ހިއްސާކުރުމެއް ނެތި ކުރިއަށްދާތީ ގިނަ ބައެއްގެ ފާޑުކިޔުން އެމެރިކާގެ ވެރިންނަށާއި ކަމާބެހޭ މުއައްސަސާތަކަށް ވަނީ އަމާޒުވެފައެވެ.
Ads by MACL
