ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ނައިޖީރިއާގެ އަންހެނުން ދިރިއުޅުމުގެ ގޮންޖެހުންތަކާއެކު ތައުލީމު ހާސިލުކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަނީ

ނައިޖީރިއާގައި ތައުލީމު ހާސިލުކުރުމުން މަހުރޫމްވި އަންހެނުން ދެވަނަ ފުރުޞަތެއްގެ ދަށުން އަލުން ސްކޫލްތަކަށް ދަނީ --- ފޮޓޯ: އަލްޖަޒީރާ
ނައިޖީރިއާގައި ތައުލީމު ހާސިލުކުރުމުން މަހުރޫމްވި އަންހެނުން ދެވަނަ ފުރުޞަތެއްގެ ދަށުން އަލުން ސްކޫލްތަކަށް ދަނީ --- ފޮޓޯ: އަލްޖަޒީރާ

ނައިޖީރިއާގެ އުތުރުގެ ސަރަހައްދުތަކުގައި، ތަފާތު ސަބަބުތަކާހުރެ ކިޔެވުން މެދުކަނޑާލަންޖެހުނު ގިނަ އަދަދެއްގެ އަންހެނުން، ދިރިއުޅުމުގެ ބުރަ މަސްއޫލިއްޔަތުތަކާއި ގޮންޖެހުންތަކާއެކުވެސް އަލުން ކިޔަވަން ފަށައިފިއެވެ.

ކުދިން ބެލުމާއި، ގޭތެރޭގެ މަސައްކަތްތަކުގެ އިތުރުން ދިރިއުޅުމުގެ ޚަރަދުތައް ހަމަޖައްސަމުން މި އަންހެނުން ދަނީ ތައުލީމީ މައިދާނުގައި ކުރިއެރުން ހޯދަމުންނެވެ.

މިގޮތުން ސޮކޯޓޯ ސްޓޭޓްގައި ހިންގާ "ވުމެން ސެންޓަރ ފޯ ކޮންޓިނިއުއިން އެޑިއުކޭޝަން" (WCCE) އަކީ 1997 ވަނަ އަހަރުން ފެށިގެން އަންހެނުންނަށް ޚާއްސަކޮށްގެން ބޭސިކް ތައުލީމާއި މަސައްކަތްތެރިކަން ދަސްކޮށްދޭ މަރުކަޒެކެވެ. މި މަރުކަޒުގެ ބޭނުމަކީ ތަފާތު ސަބަބުތަކާހުރެ، ޚާއްސަކޮށްޅަފަތުގެ އުމުރުގައި ކައިވެނިކުރުމާއި ފަގީރުކަމުގެ ސަބަބުން ތައުލީމުން މަހުރޫމްވެފައިވާ އަންހެނުންނަށް ދެވަނަ ފުރުސަތެއް ހޯދައިދިނުމެވެ. ޔުނިސެފްގެ ރިޕޯޓްތައް ބުނާގޮތުން އެ ސަރަހައްދުގެ އަންހެން ކުދިންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ކުދިންނަކީ ސްކޫލަށް ނުދާ ކުދިންނެވެ.

މި ސެންޓަރުގައި އާންމު ސްކޫލްތަކާ ޚިލާފަށް، ކުރު މުއްދަތެއްގެ ތެރޭގައި ޕްރައިމަރީ އަދި ސެކަންޑްރީ ތައުލީމު ނިންމާލެވޭ ގޮތަށް މުގައްރަރު ބައްޓަންކޮށްފައިވެއެވެ. ސޮކޯޓޯ ސްޓޭޓް ސަރުކާރުން މިހާރު މި ސެންޓަރުގައި ހިލޭ ކިޔެވޭނެ އިންތިޒާމް ހަމަޖައްސާފައިވީ ނަމަވެސް، ދަރިވަރުންނަށް ދަތުރުފަތުރާއި، ފޮތް ފަދަ ތަކެތި ގަތުމަށް ބޮޑެތި ޚަރަދުތަކެއް ހިނގައެވެ.

އަލުން ކިޔަވަން ފަށާފައިވާ ބައެއް އަންހެނުން ހާމަކުރި ގޮތުގައި، ކިޔެވުމާ އެކު ގޭތެރޭގެ ކަންކަން ބެލެހެއްޓުމަކީ ނުހަނު ބޮޑު ގޮންޖެހުމެކެވެ. ބައެއް ދަރިވަރުން ހެނދުނު ހަށިގަނޑަށް ވަރުބަލިކަން އިހުސާސްކުރަން ޖެހޭއިރު، އިމްތިހާން ދުވަސްވަރު ދަންވަރު ހޭލާ ހުރެގެން ކިޔަވަންޖެހެއެވެ. އަދި ދަތުރުފަތުރުގެ ޚަރަދު ހަމަޖެއްސުމަށްޓަކައި ބައެއް އަންހެނުން އަމިއްލަ ކުދި ވިޔަފާރިތައް ކުރަމުންދާކަންވެސް އެފަރާތްތަކުން ފާހަގަކުރެއެވެ.

މި މަރުކަޒުގެ މުދައްރިސުން ފާހަގަކުރާ ގޮތުގައި، ގިނަ ދުވަސްތަކަކަށްފަހު ކިޔަވަން ފެށުމުން ބައެއް ދަރިވަރުންނަށް ފިލާވަޅުތައް ދަސްކުރުމުގައި އުނދަގޫތަކާ ކުރިމަތިވެއެވެ. ނަމަވެސް، މީގެ ތެރެއިން ގިނަ ދަރިވަރުންނަކީ ވަރަށް ހިތްވަރުގަދަ، އަދި ސަރަހައްދީ ފެންވަރުގެ މުބާރާތްތަކުން ވަނަވަނަ ހޯދާފައިވާ ކުދިންނެވެ.

ކަމާބެހޭ މާހިރުން ދެކޭގޮތުގައި، ނައިޖީރިއާގައި އަންހެނުންނާއި ފިރިހެނުންގެ ތައުލީމީ ފަރަގު ކުޑަކުރުމަށްޓަކައި ޑިޖިޓަލް އަދި ރިމޯޓްލާނިން ފަދަ ލުއި ގޮތްތައް ތައާރަފްކުރަން ޖެހެއެވެ. އަންހެނުން ތައުލީމުން މަހުރޫމްވުމަކީ ފަގީރުކަން އިތުރުވެ، އަނިޔާވެރިކަމަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުވާ ކަމެއް ކަމަށާއި، އަންހެނުންނަށް ތައުލީމު ދިނުމަކީ އަންނަން އޮތް ޖީލުތަކަށްވެސް އޭގެ ފައިދާ ކުރާނެ ކަމެއް ކަމަށް މާހިރުން ބުނެއެވެ.