17 އަހަރުގެ މާބަނޑު ކުއްޖަކު މަރުވި އެކްސިޑެންޓަކާ ގުޅިގެން ލޯބިވެރިޔާ އަށް ބޮޑެތި ދައުވާތަކެއް އުފުލައިފި
އެމެރިކާގެ އޮހަޔޯގައި މިދިޔަ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި، މާބަނޑު 17 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ ބަނޑުގައި އޮތް ދަރިފުޅު މަރުވި މައްސަލައިގައި 33 އަހަރުގެ ހިންދުސްތާނީ ރައްޔިތެއް ކަމަށްވާ ތަރުސެމް ސިންގްގެ މައްޗަށް އެމެރިކާގެ ކޯޓެއްގައި ޖިނާއީ ބޮޑެތި ދައުވާތަކެއް އުފުލައިފިއެވެ. މި ހާދިސާގައި މަރުވެފައިވަނީ އެޝްލީ ހޯމްސް ނަމަކަށް ކިޔާ ކުއްޖެކެވެ.
މި މައްސަލައާ ގުޅިގެން މަރުވި އެޝްލީގެ މަންމަ، އަނެޓް ހޯމްސް ބުނެފައިވަނީ ސިންގް އަކީ އެމެރިކާގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ މީހެއް ކަމަށާއި، އޭނާ އަކީ އެޝްލީގެ ބަނޑުގައި އޮތް ފުރަތަމަ ދަރިފުޅުގެ ބައްޕަ ކަމަށެވެ. އަދި އެޝްލީ އެކި ފަހަރު މަތިން ސިންގްއާ އޮތް ގުޅުން ކަނޑާލަން މަސައްކަތް ކޮށްފައިވާ ކަމަށް އާއިލާއިން މީޑިއާއަށް މައުލޫމާތު ދީފައިވާއިރު، އަނެޓް ވަނީ ސިންގް ޝަރީއަތަށް ފަހު އެމެރިކާއިން ދާއިމީކޮށް ޑިޕޯޓްކޮށްލުމަށް އެދިފައެވެ.
ފުލުހުންގެ ރިޕޯޓުތަކުން އެނގޭ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ފުލުހުން ސިންގް ދުއްވަން އިން ރޭންޖް ރޯވަރު ކާރު ހުއްޓުވަން އެންގުމުން، މަޑުނުކޮށް ބާރު ސްޕީޑުގައި ފިލަން އުޅުމުގެ ތެރޭގައެވެ. އެގޮތުން 55 މޭލުގެ ސްޕީޑް ލިމިޓް އޮންނަ ސަރަހައްދެއްގައި ފުރަތަމަ 79 މޭލުގެ ބާރުމިނުގައި ދުއްވައި، ފަހުން 120 މޭލަށް ވުރެ މަތީ ސްޕީޑެއްގައި ދަނިކޮށް ކޮންޓްރޯލް ގެއްލި، މަގުގެ މެދުތެރެއިން ގޮސް ޖީޕެއްގައި ޖެހި ކާރު ވަނީ ފުރޮޅާލާފައެވެ. ކާރު ފުރޮޅާލި ވަގުތު އެޝްލީ ކާރުން ބޭރަށް އެއްލާލައި، ލިބުނު ބޮޑެތި ޒަޚަމްތަކާއެކު އޭނާއާއި ބަނޑުގައި އޮތް ދަރިފުޅު ވަނީ މަރުވެފައެވެ.
Ads by BMLމި ހާދިސާއާ ގުޅިގެން ސިންގްގެ މައްޗަށް ގަސްދަކާ ނުލައި މީހަކު މެރުމުގެ ދައުވާއާއި ، ރެކްލަސް ހޯމިސައިޑްގެ އިތުރުން އެގްރަވޭޓަޑް ވެހިކިއުލާ ހޯމިސައިޑްގެ ދައުވާ ވަނީ އުފުލާފައެވެ. އޭނާ މިހާރު 1 މިލިއަން ޑޮލަރުގެ ބޮންޑެއްގެ ދަށުން ބަންދުގައި ހުރިއިރު، އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް އިން ވަނީ އޭނާގެ މައްޗަށް ޑިޓެއިނާއެއް ނެރެފައެވެ.
ހޯމްލޭންޑް ސެކިއުރިޓީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ސިންގް އެމެރިކާއަށް އެތެރެވީ 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކެލިފޯނިއާގެ ބޯޑަރުން ގަވާއިދާ ޚިލާފަށެވެ. އެދުވަސްވަރު އޭނާ ހައްޔަރުކުރި ނަމަވެސް ފަހުން ޖަޖެއްގެ އަމުރަށް ބޮންޑެއްގެ ދަށުން ދޫކޮށްލާފައި ވަނިކޮށް، މިހާރު އުފުލާފައިވާ ޖިނާއީ މައްސަލަތަކުގެ ޝަރީއަތް ނިމުމުން އޭނާ ޑިޕޯޓްކުރުމުގެ މަރުހަލާތައް ފެށޭނެއެވެ. މި މައްސަލައިގެ ޖޫރީ ޓްރައަލް ކުރިއަށްދާނީ އަންނަ އޮގަސްޓް މަހުގެ 17 އިން 21 އަށެވެ.
Ads by MACL
