ދުނިޔޭގެ ބޮކްސިން ތާރީޚު ދުށް އެންމެ ވަރުގަދަ ލެޖެންޑް، މުހައްމަދު އަލީގެ ވަކިވުމަށް 10 އަހަރު ފުރުން ފާހަގަކޮށްފި
ދުނިޔޭގެ ބޮކްސިން ތާރީޚު ދުށް އެންމެ ވަރުގަދަ ލެޖެންޑް، މުހައްމަދު އަލީ ދެމިއޮތުމުގެ އާލަމަށް ދަތުރުކުރިތާ 10 އަހަރު ފުރުން އޭނާގެ އުފަން ރަށް ކަމަށްވާ އެމެރިކާގެ ލުއިވިލްގައި ހުންނަ "މުހައްމަދު އަލީ ސެންޓަރު" ގައި ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.
އުމުރުން 74 އަހަރުގައި، ޕާކިންސަންސް ބަލީގައި 2016 ޖޫން 3 ގައި އަލީ ނިޔާވުމުގެ ހަނދާންތައް އާކުރަމުން، އޭނާގެ ހަޔާތުގެ ބައިވެރިޔާ ލޮނީ އަލީ ވަނީ މުޅި ދުނިޔެއަށް ހުޅުވާލައިގެން "ހަމްދަރުދީގެ ދުވަސް" (ޑޭ އޮފް ކޮމްޕެޝަން) އެއް އިފްތިތާހުކޮށް، އެންމެން ވެސް އިންސާނިއްޔަތަށްޓަކައި ޚިދުމަތްކުރުމަށް ގޮވާލާފައެވެ.
މި މުނާސަބަތާ ގުޅިގެން ވާހަކަދައްކަމުން ލޮނީ އަލީ ފާހަގަކުރި ގޮތުގައި، މުހައްމަދު އަލީ އަބަދުވެސް ގަބޫލުކުރި އަދި އަމަލުން ދެއްކި ފަލްސަފާއަކީ، އެހެން މީހުންނަށް ޚިދުމަތް ކުރުމަކީ މި ބިމުގައި އަހަރެމެން ދިރިއުޅޭ ކޮޓަރިއަށް ދައްކާ ކުއްޔެވެ. އޭނާ ހާމަކުރި ގޮތުގައި އަލީއަކީ ހަމައެކަނި ބޮކްސިން ރިންގެއްގެ ތެރޭގައި ކާމިޔާބު ހޯދި މީހެއް ނޫން ކަމަށާއި، އޭނާއަކީ ކޮންމެ ދުވަހަކު ވެސް ހިތްތިރިކަމާއި އޯގާތެރިކަމާއެކު ނިކަމެތިންނަށް އެހީތެރިވި އިންސާނެކެވެ.
Ads by BML1960 ގެ އޮލިމްޕިކްސް ރަން މެޑަލް ހާސިލްކޮށް، ތިން ފަހަރު ހެވީވޭޓް ޗެމްޕިއަންކަން ހޯދި އަލީއަކީ އޭނާގެ ތަރައްގީއާއި މަޝްހޫރުކަން ބޭނުންކޮށްގެން ކަޅު ނަސްލުގެ މީހުންގެ ހައްގުތަކަށާއި، ވިއެޓްނާމް ހަނގުރާމައާ ދެކޮޅަށް ފާޅުގައި އަޑުއުފުލި ކެރޭ ޝަޚުސިއްޔަތެކެވެ. މީގެ އިތުރުން ފަލަސްތީނުގެ މިނިވަންކަމަށް ތާއީދުކުރުމާއި، ބައިނަލްއަގުވާމީ ގޮތުން އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ވެސް އޭނާ ވަނީ ފާހަގަކޮށްލެވޭ ބޮޑު ދައުރެއް އަދާކޮށްފައެވެ.
އަލީގެ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން 2005 ވަނަ އަހަރު އެމެރިކާގެ ރައީސް ޖޯޖް ޑަބްލިއު ބުޝް ވަނީ އޭނާއަށް އެމެރިކާގެ އެންމެ މަތީ މަދަނީ ޝަރަފު ކަމަށްވާ "ޕްރެޒިޑެންޝަލް މެޑަލް އޮފް ފްރީޑަމް" އަރުވާފައެވެ. އަދި އޭނާ ވަކިވިތާ 10 އަހަރު ފުރުމުގެ ހަނދާނުގައި އެމެރިކާގެ ޕޯސްޓަލް ސާވިސްއިން ވަނީ އޭނާގެ ފޮޓޯ ހިމެނޭ ޚާއްޞަ ހަނދާނީ ސްޓޭމްޕެއް ވެސް މިއަހަރު ނެރެފައެވެ.
މިއަދުގެ ދުނިޔެ، ޚާއްޞަކޮށް އެމެރިކާ، ސިޔާސީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބައިބައިވަމުންދާ ދަނޑިވަޅެއްގައި، މުހައްމަދު އަލީގެ އޯގާތެރިކަމާއި އެކަކު އަނެކަކަށް އެހީތެރިވުމުގެ މެސެޖަކީ މިއަދަށް ނުހަނު ބޭނުންތެރި މެސެޖެއް ކަމަށް ލޮނީ އަލީ ފާހަގަކުރިއެވެ. އަދި ސިޔާސީ ލީޑަރުންވެސް އޯގާތެރިކަމާއެކު ގައުމު ހިންގުމަށާއި، ރައްޔިތުންގެ ވޯޓުލުމުގެ ހައްގުތައް ފަދަ އަސާސީ ހައްގުތައް ހަނިނުކުރުމަށް އޭނާ ވަނީ މި ފުރުސަތުގައި ގޮވާލާފައެވެ.
Ads by MACL
