ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އޭއައިގެ ސަބަބުން ކުޑަކުދިންނަށް ލިބޭ ނުރައްކާތަކާ ގުޅިގެން އޯޕަންއޭއައިއާ ދެކޮޅަށް ފްލޮރިޑާ ސްޓޭޓުން ދައުވާކޮށްފި

ފްލޮރިޑާގެ އެޓާނީ ޖެނެރަލް ޖޭމްސް އުތުމަޔާގެ ޕްރެސް ކޮންފަރެންސް -- ފޮޓޯ: ރޮއިޓާސް
ފްލޮރިޑާގެ އެޓާނީ ޖެނެރަލް ޖޭމްސް އުތުމަޔާގެ ޕްރެސް ކޮންފަރެންސް -- ފޮޓޯ: ރޮއިޓާސް

އޭއައި ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންނަށް ލިބޭ ނުރައްކާތަކާ ގުޅިގެން އޯޕަންއޭއައިއާ ދެކޮޅަށް ފްލޮރިޑާ ސްޓޭޓުން ދައުވާކޮށްފިއެވެ.

މިއީ އޭއައި ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންނަށް ލިބޭ ނުރައްކާތަކާ ގުޅިގެން އެމެރިކާގެ ސްޓޭޓަކުން މިފަދަ ކުންފުންޏަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅި ފުރަތަމަ ފަހަރެވެ. ފްލޮރިޑާގެ އެޓާނީ ޖެނެރަލް ޖޭމްސް އުތުމަޔާ ހުށަހަޅުއްވި މި ދައުވާގައި ބުނެފައިވަނީ ޗެޓްޖީޕީޓީގެ ސަލާމަތީ ކަންކަމާ މެދު އޯޕަންއޭއައި އިން އާންމުންނަށް އޮޅުވާލާފައިވާ ކަމަށާއި، އޭގެ ސަބަބުން ކުޑަކުދިންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށެވެ.

މި ދައުވާގައި ބަޔާންކޮށްފައިވާ ގޮތުން ޗެޓްޖީޕީޓީގެ ސަބަބުން ކުޑަކުދިންނާއި، ފުރާވަރުގެ ކުދިން އެއަށް ދެވިހިފާ، އަމިއްލަ ނަފްސަށް ގެއްލުންދިނުމުގެ މަގުތައް ދަނީ ފަހިވަމުންނެވެ. އަދި އޭގެ އިތުރުން ސްކޫލްތަކުގައި ބަޑީގެ ހަމަލާތައްދޭ މީހުންނަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމުގައި ވެސް މި ސޮފްޓްވެއާގެ ދައުރެއް އޮތް ކަމަށް ދައުވާގައި ތުހުމަތުކޮށްފައިވެއެވެ. ހާއްސަކޮށް މިދިޔަ އަހަރު ޓަލަހާސީ ޔުނިވަރސިޓީގައި ހިނގި ބަޑީގެ ހަމަލާއާ މި ޕްރޮގްރާމާ ގުޅުންހުރި ކަމަށް ފްލޮރިޑާގެ ކަމާބެހޭ ފަރާތްތަކުން ތުހުމަތު ކުރެއެވެ.

އެޓާނީ ޖެނެރަލް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ސޭމް އޯލްޓްމަންގެ މައްޗަށް އަމިއްލަ ގޮތުން ދައުވާ ކުރީ، ޗެޓްޖީޕީޓީގެ އެންމެ ގެއްލުންދެނިވި ފީޗާތައް ކުރިއެރުވުމުގައި އޭނާ އިސް ދައުރެއް އަދާކޮށްފައިވާތީ ކަމަށެވެ. މި ހަމަލާތަކުގެ ސަބަބުން މީހުންނަށް އަނިޔާވެ، ބެލެނިވެރިންނަށް އޮޅުވާލާފައިވާތީ އޯޕަންއޭއައި އިން އޭގެ ބަދަލުދޭންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ފްލޮރިޑާ އިން މި މައްސަލާގައި ބިލިއަނުން ޑޮލަރުގެ ބަދަލު ހޯދުމަށާއި، ކުޑަކުދިންނާ މުއާމަލާތްކުރާ ގޮތް ބަދަލުކުރުމަށް ކޯޓު އަމުރަކަށް އެދިފައިވެއެވެ.

މިކަމާ ގުޅިގެން އޯޕަންއޭއައި އިން އަދި ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް މީގެ ކުރިން އެ ކުންފުނިން ބުނެފައިވަނީ އަނިޔާވެރިކަމަށް ހިތްވަރުދޭ އެދުންތަކަށް ޖަވާބު ނުދިނުމަށް އެމީހުންގެ މޮޑެލްތައް ތަމްރީނުކޮށްފައިވާނެ ކަމަށެވެ. އަދި ނުރައްކާތެރި ހާލަތްތަކުގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް މައުލޫމާތު ހިއްސާކުރާ ކަމަށްވެސް އެ ކުންފުންިން ބުނެއެވެ.

އޭއައި ކުންފުނިތަކާ ދެކޮޅަށް ހުށަހަޅޭ މިފަދަ މައްސަލަތައް ދުނިޔޭގައި ދަނީ އިތުރުވަމުންނެވެ. ފްލޮރިޑާގެ އިތުރުން ކެނެޑާގައި ހިނގި ބަޑީގެ ބޮޑު ހަމަލާއެއްގެ ޝިކާރައަކަށްވި މީހުންގެ އާއިލާތަކުންވެސް ވަނީ އޯޕަންއޭއައި އާއި އޯލްޓްމަންއާ ދެކޮޅަށް ދައުވާކޮށްފައެވެ. އެ އާއިލާތަކުން ތުހުމަތުކުރާ ގޮތުގައި ހަމަލާދިން މީހާ ޗެޓްޖީޕީޓީ ބޭނުންކޮށްގެން ހަމަލާ ރާވަމުންދިޔަކަން އެ ކުންފުންޏަށް އެނގިހުރެ ފުލުހުންނަށް އަންގާފައެއް ނުވެއެވެ.