މައުންޓް އެވަރެސްޓްން ގެއްލުނު ނޭޕާލު މީހަކު ސަލާމަތުން ހުއްޓާ 6 ދުވަސްފަހުން ފެނިއްޖެ
މައުންޓް އެވަރެސްޓް ފަރުބަދައިން ގެއްލިގެން ހޯދަމުންދިޔަ އުމުރުން 52 އަހަރުގެ ނޭޕާލްގެ ތަޖުރިބާކާރު ޝެރްޕާ ގައިޑެއް ކަމަށްވާ ދާވާ ޝެރްޕާ (ހިލަރީ ދާވާ)، އެއްވެސް ކާނާއަކާއި، ފެނާއި އަދި އިތުރު އޮކްސިޖަނާ ނުލައި ހަ ދުވަސް ވަންދެން ފަރުބަދަމަތީގައި ހޭދަކުރުމަށްފަހު ފުރާނަ ސަލާމަތުން ވަނިކޮށް ފެނިއްޖެއެވެ.
"ހިލަރީ ދާވާ" ގެ ނަމުން މަޝްހޫރުވެފައިވާ މި ގައިޑް ފެނިފައިވަނީ އެވަރެސްޓްގެ ބޭސް ކޭމްޕްގެ ކުޑަ ތަންކޮޅެއް މަތީގައި އޮންނަ ނުރައްކާތެރި ޚުމްބޫ އައިސްފޯލް ސަރަހައްދުން ތިރިއަށް ފޭބުމަށް ފިރުކެމުން ދަނިކޮށް، އެ ސަރަހައްދު ސާފުކުރަން އުޅުނު "ސަގަރްމާތާ ޕޮލިއުޝަން ކޮންޓްރޯލް ކޮމިޓީ" ގެ ޓީމަކަށެވެ.
އޭނާ އެންމެ ފަހުން ފެނިފައިވަނީ މޭ މަހުގެ 29 ވަނަ ދުވަހު ޕޮލެންޑްގެ ކްލައިމްބަރަކާއެކު ފަރުބަދައިން ތިރިއަށް ފައިބަނިކޮށް 7,200 މީޓަރު އުސްމިނުގައި ހުންނަ "ޔެލޯ ބޭންޑް" ސަރަހައްދުންނެވެ. އޭނާގެ ކްލައިންޓް ބޭސް ކޭމްޕަށް ސަލާމަތުން ދެވުނު ނަމަވެސް، ދާވާ ޝެރްޕާ ގެއްލުމާ ގުޅިގެން ހެލިކޮޕްޓަރު ބޭނުންކޮށްގެން ހޯދުމުގެ މަސައްކަތް ކުރި ނަމަވެސް ފުރަތަމަކޮޅު އޭނާ ފެނިފައެއް ނުވެއެވެ. އަދި މި ދުވަސްވަރަކީ ކްލައިމްބިން ސީޒަން ނިމި ފަރުބަދައިގެ މަގުތަކުގައި ހުރި ހަރުގަނޑުތަކާއި ވަޔަރުތައް ނަގަމުންދިޔަ ދުވަސްވަރެކެވެ.
Ads by BMLދާވާ ޝެރްޕާ މަރުވެފައިވާ ކަމަށް ނިންމައި، އޭނާގެ އާއިލާއިން ދިޔައީ ކަތަމަންޑޫގައި ޖަނާޒާގެ ކަންތައްތަކާއި ދީނީ ސަގާފީ އާދަކާދަތަކުގެ ރަސްމިއްޔާތުގެ ދެވަނަ ދުވަސް ހޭދަކުރަމުންނެވެ. އޭނާ ސަލާމަތުން ހުއްޓާ ފެނުނު ޚަބަރު ލޯކަލް މީޑިއާތަކުން ލިބުމުން އާއިލާއަށް ފުރަތަމަ ގަބޫލުކުރަންވެސް ދަތިވި ކަމަށާއި، ނަމަވެސް ފޮޓޯ ފެނުމުން ބޮޑު އުފާވެރިކަމެއް ލިބުނު ކަމަށް އޭނާގެ އަންހެނުންނާއި ދަރިފުޅު ވަނީ ބުނެފައެވެ.
އެވަރެސްޓްގެ އާދަޔާ ހިލާފު ފިނިހޫނުމިނާއި ނުރައްކާތެރި މާހައުލުގައި އެހާ ގިނަ ދުވަހު އޮކްސިޖަނާއި ކާއެއްޗެއް ނެތި އަމިއްލައަށް ސަލާމަތްވުމަކީ މުއުޖިޒާތެއް ފަދަ ކަމެއްގެ ގޮތުގައި ނޭޕާލްގެ މައުންޓަނިއަރިން މުޖުތަމައުއިން ސިފަކުރެއެވެ.
މިހާރު ދާވާ ޝެރްޕާ ވަނީ ހެލިކޮޕްޓަރުގައި ކަތަމަންޑޫގެ ހާމްސް ހޮސްޕިޓަލަށް ގެންގޮސް، ފިނީގެ ސަބަބުން ލިބުނު ގެއްލުންތަކަށް (ފްރޮސްޓްބައިޓް) ފަރުވާ ދޭން ފަށާފައެވެ. އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށާއި ވާހަކަދެއްކޭ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.
Ads by MACL
