ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ބޯއިންގް ބޯޓެއްގެ ނޯސް-ގިއާ ބިންދައިގެންގޮސް މުވައްޒަފުންތަކަކަށް އަނިޔާވެއްޖެ

ބޯއިންގް ބޯޓެއްގެ ނޯސް-ގިއާ ބިންދައިގެންގޮސް މުވައްޒަފުންތަކަކަށް އަނިޔާވެއްޖެ

ޖަރުމަނުގެ ފްރެންކްފާާޓް އެއާޕޯޓުގެ ގޭޓެއްގައި އޮތް ލުފްތަންސާ އެއާލައިންގެ ބޯއިންގް 787 މަރުކާގެ މަތިންދާބޯޓެއްގެ ކުރީގެ ފުރޮޅުލީ ދަތި (ނޯސް-ގިއާ) ކުއްލިއަކަށް ބިންދައިގެން ގޮސް، ބޯޓުގެ ކުރީކޮޅު ބިމުގައި ޖެހިއް އެބޯޓްގައި މަސައްކަތްކުރާ މުވައްޒަފުންތަކަކަށް އަނިޔާވެއްޖެއެވެ.

ބުރާސްފަތި ދުވަހު ހިނގި މި ހާދިސާގައި ބޯޓު އެތެރޭގައާއި ބޭރުގައި މަސައްކަތް ކުރަމުންދިޔަ އެއާލައިންގެ ބައެއް މުވައްޒަފުންނަށް އެކިވަރުގެ އަނިޔާތައް ވެގެން މިހާރު ދަނީ ފަރުވާދެމުންނެވެ.

މި ހާދިސާ ހިނގި ވަގުތަކީ އެމެރިކާގެ ލޮސް އެންޖެލިސްއަށް ފުރުމަށް ހަމަޖެހިފައި އޮތް އެލްއެޗް450 ފްލައިޓަށް ފަސިންޖަރުން ބޯޑުކުރަން ފެށުމުގެ ކުރީގެ ވަގުތެކެވެ.

ލުފްތަންސާ އެއާލައިނުން ބުނި ގޮތުގައި ހާދިސާ ހިނގިއިރު ބޯޓުގައި ތިބީ ހަމައެކަނި ކުރޫއިންނާއި ގްރައުންޑް ހޭންޑްލިންގް މުވައްޒަފުންނެވެ. ހާދިސާ ހިނގުމާއެކު ގިނަ އަދަދެއްގެ އެމްބިއުލާންސްތަކާއި ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ އުޅަނދުތައް ވަނީ ބޯޓު އޮތް ސަރަހައްދަށް ގޮސްފައެވެ.

މިކަމާ ގުޅިގެން ބޯއިންގް ކުންފުނީގެ ތަރުޖަމާނަކު ބުނީ މި ހާދިސާގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، އެއާލައިނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. ނަމަވެސް ގިއާ ކޮލެޕްސްވާން މެދުވެރިވި ސަބަބާ ބެހޭ އިތުރު ތަފްސީލެއް އެ ކުންފުނިން އަދި ހާމައެއް ނުކުރެއެވެ.

ލުފްތަންސާ އެއާލައިނުން ބުނާ ގޮތުގައި ކަމާބެހޭ އިދާރާތަކާ ގުޅިގެން މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު ދެނެގަތުމުގެ ތަހުގީގު މިހާރު ވަނީ ފަށާފައެވެ.