ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ދުނިޔޭގައި ފުރަތަމަ އުފެއްދި އޭއައި ވެކްސިން އިންސާނުންނަށް ޓެސްޓުކުރަން ފަށައިފި

ދުނިޔޭގައި ފުރަތަމަ އުފެއްދި އޭއައި ވެކްސިން އިންސާނުންނަށް ޓެސްޓުކުރަން ފަށައިފި

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ވައިރަސްތައް ބަދަލުވާނެ ގޮތްތައް ދުރާލާ ދެނެގަނެވޭނެ ފަދަ މުޅިން އާ "ސުޕަ އެންޓިޖަން" ވެކްސިނެއް އިންސާނުންގެ ހަށިގަނޑުގައި ޓެސްޓުކުރަން ފަށައި، ބަލިމަޑުކަންތަކުގެ ފަހަތުން ދުވަންޖެހޭ ޒަމާންވީ މައްސަލައަށް ސައިންސްވެރިން އާ ބަދަލެއް ގެނެސްފިއެވެ.

ކެމްބްރިޖް ޔުނިވަސިޓީގެ ދިރާސާވެރިން އިސްނަގައިގެން އުފެއްދި މި ވެކްސިނަކީ ކޮމްޕިއުޓަރުގެ އެހީގައި އޭގެ އެންމެ މުހިންމު ބައި ފަރުމާކޮށް، އިންސާނުންނަށް ދީގެން ޓެސްޓުކުރި ފުރަތަމަ އީޖާދެވެ. މީގެ މައިގަނޑު ބޭނުމަކީ ކުރިމަގުގައި އަތުވެދާނެ ބޮޑެތި ބަލިމަޑުކަންތައް ފެތުރުމުގެ ކުރިން، ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށް ބަލިތައް ހުއްޓުވުމެވެ.

މިހާތަނަށް ދުނިޔޭގައި އުފައްދާ ގިނަ ވެކްސިންތަކަކީ ވަކި ބާވަތެއްގެ ވައިރަހަކަށް އަމާޒުކޮށްގެން ހަދާ އެއްޗެހި ކަމަށްވިޔަސް، ވައިރަސްތައް އަވަސް އަވަހަށް އޭގެ ސިފަ ބަދަލުކުރާތީ ވެކްސިންގެ ބާރު ކެނޑުމުގެ މައްސަލަ އަބަދުވެސް ކުރިމަތިވެއެވެ. ސައިންސްވެރިން މިކަން ސިފަކުރަނީ ކުއްތާއެއް އޭގެ އަމިއްލަ ނަގޫ އަތުލަން ފަހަތުން ދުވާ އުސޫލުގެ ގޮތުގައެވެ. ނަމަވެސް ކެމްބްރިޖްގެ ޓީމުން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެނިފައިވާ ކޮރޯނާ ވައިރަސްތަކުގެ ޖެނެޓިކް ކޯޑުތައް އޭއައި މޮޑެލްއަކަށްދީ، މެޝިން ލާނިންގެ އެހީގައި އެ ހުރިހާ ވައިރަސްތަކެއްގެ މެދުގައި ހުންނަ އެއްގޮތް ސިފަތައް ހިމެނޭ "ސުޕަ އެންޓިޖަން" އެއް އުފައްދާފައެވެ. މީގެ ސަބަބުން ވައިރަހަށް ބަދަލުތަކެއް އައި ނަމަވެސް، ހަށިގަނޑުގެ ދިފާއީ ނިޒާމަށް އެ ވައިރަސް ދެނެގަނެ އެއާ ދެކޮޅަށް މަސައްކަތް ކުރަން ދަސްވެއެވެ.

މި މަޝްރޫއުގައި އިސްކޮށް އުޅުއްވާ ޕްރޮފެސަރު ޖޮނަތަން ހީނީ ވިދާޅުވި ގޮތުގައި، މި އާ އީޖާދުގެ ސަބަބުން ވެކްސިން އުފެއްދުމުގެ ދާއިރާ މިވަނީ "ފިއުޗާ-ޕްރޫފް" ނުވަތަ ކުރިމަގަށް އަމާޒުކޮށް މުޅިން ބަދަލުކޮށްލާފައެވެ. މިއީ މިއަދު ފެންނަން ހުރި ނުރައްކާތަކުގެ އިތުރުން ޖަނަވާރުންގެ ކިބައިން އިންސާނުންނަށް ފެތުރިދާނެ ވައިރަސްތަކާއި، މާދަމާ ކުރިމަތިވެދާނެ ބަލިތަކުން ވެސް ރައްކާތެރިވުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. އިނގިރޭސިވިލާތުގެ ދެ މެޑިކަލް ސެންޓަރެއްގައި 39 މީހުން ބޭނުންކޮށްގެން ކުރިއަށްގެންދިޔަ ފުރަތަމަ މަރުހަލާގެ ޓެސްޓުތަކުން މި ވެކްސިންގެ އެއްވެސް ނުރައްކާތެރި ސައިޑް އިފެކްޓެއް ފެނިފައި ނުވާއިރު، ދެން އޮތް މަރުހަލާގައި 200 އެއްހާ މީހުން ބޭނުންކޮށްގެން އިތުރު ދިރާސާތައް ކުރާނެއެވެ.

ދިރާސާވެރިން މިހާރު ދަނީ މި އޭއައި ޓެކްނޮލޮޖީގެ އެހީގައި އިންފްލުއެންޒާ އާއި އެބޯލާ ފަދަ ނުރައްކާތެރި އެހެން ބަލިތަކަށް ވެސް ކޮންމެ އަހަރަކު އާ ކުރަން ނުޖެހޭ ފަދަ ވަރުގަދަ ވެކްސިންތަކެއް ތައްޔާރުކުރަމުންނެވެ. މީގެ ސަބަބުން ވެކްސިން އުފެއްދުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަވެ، ދުނިޔޭގެ އެތައް މިލިއަން ބައެއްގެ ފުރާނަ ސަލާމަތްކުރުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ.

އިނގިރޭސިވިލާތުގެ ސައިންސް މިނިސްޓަރު ލޯޑް ވަލަންސް ވެސް ވަނީ މިއީ ސައިންސާއި އާޓިފިޝަލް އިންޓެލިޖެންސް ގުޅިގެން ކުރިމަގުގެ ބަލިމަޑުކަންތަކުން ސަލާމަތްވުމަށް ހޯދުނު ތާރީޚީ ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.