ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އިންޑިއާގެ ހިމާޗަލް ޕްރަދޭޝްއަށް 5.0 ގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެ

އިންޑިއާގެ ހިމާޗަލް ޕްރަދޭޝްއަށް 5.0 ގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެ

އިންޑިއާގެ އުތުރުގެ ހިމާޗަލް ޕްރަދޭޝްގެ ކަންގްރާ އަދި ޗަމްބާ ހިމެނޭ ސަރަހައްދަށް ރޭގަނޑުގެ ވަގުތެއްގައި ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. ރިކްޓަރ މިންގަނޑުން 5.0 ގެ ބާރުމިނުގައި އައި މި ބިންހެލުމުގެ ސަބަބުން ކައިރި ސަރަހައްދުތަކަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވެއެވެ.

މެޓިއޮރޮލޮޖިކަލް އޮފީހުން މައުލޫމާތު ދޭ ގޮތުގައި މި ބިންހެލުން އުފެދިފައިވަނީ ބިމުގެ 5 ކިލޯމީޓަރު އަޑިންނެވެ. ބިންހެލުމުގެ މަރުކަޒު ހުރީ ކަންގްރާގެ ދަރު ގޮޑޯއި ކައިރީގައި، ދަރަމްސާލާއާ ގާތްގަނޑަކަށް 40 ކިލޯމީޓަރު ދުރުގައެވެ.

މި ލޮޅުންތަކާއެކު ދަރަމްސާލާ އަދި އެ ސަރަހައްދުގެ ގިނަ ރައްޔިތުން ވަނީ ބިރުން ގޭގެއިން ބޭރަށް ނިކުމެފައެވެ. ނަމަވެސް މިހާތަނަށް އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުންވި ކަމުގެ ނުވަތަ މުދަލަކަށް ބޮޑު ހަލާކެއް ލިބުނު ކަމުގެ ރިޕޯޓެއް ރަސްމީ އިދާރާތަކުން ކޮށްފައެއް ނުވެއެވެ.

ބިންހެލުން އައި ކަންގްރާ އަދި ޗަމްބާ ޑިސްޓްރިކްޓަކީ ސީޒްމިކް ޒޯން 5 ގައި ހިމެނޭ، ބިންހެލުމުގެ ނުރައްކާ އެންމެ ބޮޑު ސަރަހައްދުތަކެވެ.

މި ބިންހެލުމުގެ އަސަރު އިންޑިއާގެ ޗަންދީގަޅާއި، ޕަންޖާބު އަދި ހަރިޔާނާގެ ބައެއް ހިސާބުތަކަށްވެސް ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެ ސަރަހައްދުތަކުގެ ބައެއް ރައްޔިތުން ބުނި ގޮތުގައި ނިދަން ތައްޔާރުވަމުން ދަނިކޮށް ސިކުންތުކޮޅެއްގެ ދިގުމިނަށް ދެމިގެންދިޔަ މަޑު ލޮޅުމެއް އިހުސާސް ކުރެވުނެވެ.