ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އިންޑިއާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އުޅެފިނަމަ އެކަން އެނބުރި އަންނާނީ އެފަރާތަކަށް: ޕޫޓިން

އިންޑިއާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އުޅެފިނަމަ އެކަން އެނބުރި އަންނާނީ އެފަރާތަކަށް: ޕޫޓިން

އިންޑިއާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އެއްވެސް ގައުމަކުން އުޅެފިނަމަ އެކަން އެނބުރި އަންނާނީ އެފަރާތަކަށް ކަމަށް ޕޫޓިން ވިދާޅުވެއްޖެއެވެ.

ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ވިދާޅުވިގޮތުގައި އިންޑިއާގެ އަމިއްލަ މިނިވަންކަމާއި އިސްތިގުލާލަށް ހުރަސްއަޅާ، އެގައުމަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އެއްވެސް ފަރާތަކުން މަސައްކަތް ކޮށްފިނަމަ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވެރިކަމުގައި އެކަމުގެ ނޭދެވޭ އަސަރު އެނބުރި ކުރާނީ އެ ފިޔަވަޅެއް އެޅި ބަޔަކަށެވެ.

ސެއިންޓް ޕީޓާސްބާގް އިންޓަނޭޝަނަލް އިކޮނޮމިކް ފޯރަމްގައި ވާހަކަދައްކަމުން ޕޫޓިން ފާހަގަކުރީ ބޭރުގެ ނުފޫޒުތަކާއި ފިއްތުންތައް ހުރި ނަމަވެސް، އިންޑިއާއިން އަބަދުވެސް ނިންމުންތައް ނިންމަމުންދަނީ އެގައުމުގެ ގައުމީ މަސްލަހަތަށް އެންމެ ފައިދާހުރި ގޮތަށް ބަލައިގެން ކަމަށެވެ.

އިންޑިއާއަކީ މިނިވަން މުސްތަގިއްލު ގައުމެއްކަން ފާހަގަކުރަމުން ރަޝިޔާގެ ރައީސް ބުނީ، އެގައުމަކަށް އެންމެ އެކަށީގެންވާ އަދި އެންމެ ޒަމާނީ އުފެއްދުންތައް އިޚްތިޔާރު ކުރުމުގެ ފުރިހަމަ މިނިވަންކަން އިންޑިއާއަށް އެބައޮތް ކަމަށެވެ. އަދި ބޭރުގެ ފަރާތްތަކުން ދައްކާ ވާހަކަތަކަށް ބެލުމެއްނެތި އިންޑިއާއިން އަބަދުވެސް އަމަލުކުރަމުންދަނީ އެގޮތުގެ މަތިންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރަޝިޔާގެ އެންމެ ފަހުގެ ދިފާއީ ނިޒާމުތައް ކަމަށްވާ އެސް-500 ނުވަތަ ސުޚޯއި-57 ފަދަ ހަތިޔާރު އިންޑިއާއިން ހޯދައިފިނަމަ އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފާނެތޯ ކުރެވުނު ސުވާލަކަށް ޖަވާބުދެމުން ޕޫޓިން ވިދާޅުވީ، ނިއުދިއްލީން އަބަދުވެސް ހިފަހައްޓަމުންދަނީ ވަކިފަރާތަކަށް ނުޖެހޭ މިނިވަން ޚާރިޖީ ސިޔާސަތެއް ކަމަށެވެ. އަދި ދިފާއީ ސާމާނު ގަތުމުގައި އިންޑިއާއިން ބަލާނީ ބޭރުގެ ސިޔާސީ ފިއްތުންތަކަށް ނޫން ކަމަށާއި، ބަލާނީ އެގައުމެއްގެ އަސްކަރީ ބޭނުންތަކަށާއި އޭގެ އަގަށްކަމަށް އޭނާ ވިދާޅުވިއެވެ.

މޮސްކޯއާއި ނިއުދިއްލީއާ ދެމެދު އޮންނަ ދިފާއީ ގުޅުމަކީ ސިޔާސީ މަސްރަހަށް އަންނަ ބަދަލުތަކާއެކު ބަދަލުވާނެ އެއްޗެއް ނޫންކަން ހާމަކުރަމުން ޕޫޓިން ވިދާޅުވީ، އިންޑިއާއަށް މިވެނި އެއްޗެއް ފޯރުކޮށްނުދިނުމަށް ރަޝިޔާއަށް އަމުރުކުރުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެން ނުވާ ކަމަށެވެ. އަދި އިންޑިއާ ފަދަ އިތުބާރުހުރި ބައިވެރިންނާއެކު ވެފައިވާ އެއްބަސްވުންތަކަށް ރަޝިޔާއިން އަބަދުވެސް އިހުތިރާމްކޮށް އެގޮތުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ސުޚޯއި-57 މަތިންދާބޯޓާ ބެހޭގޮތުން ވާހަކަދައްކަމުން ޕޫޓިން ވިދާޅުވީ، އެއީ މިވަގުތު ދުނިޔޭގައި އޮތް އެންމެ ޒަމާނީ އަދި އެންމެ ފެންވަރު ރަނގަޅު ހަނގުރާމަމަތީ ބޯޓު ކަމަށެވެ. ކުރިން އެ ބޯޓު ގުޅިގެން އުފެއްދުމަށް އިންޑިއާއަށް ހުށަހެޅި ނަމަވެސް އެކަން އެގޮތަށް ކުރިއަށް ނުދިއުމުން ރަޝިޔާއިން އަމިއްލައަށް އެ މަޝްރޫއު ނިންމާލާފައިވާ ކަމަށާއި، މިހާރު އެ ބޯޓު އިންޑިއާއަށް ވިއްކުމަށް ރަޝިޔާ އޮތީ ތައްޔާރަށް ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.