ވިނަގަނޑު ހަލާކުވެފައި އޮތުމުން ޖަޕާން ގައުމީ ޓީމުގެ ތަމްރީނުތައް ކުއްލި ގޮތަކަށް އެހެން ދަނޑަކަށް ބަދަލުކޮށްފި
ވޯލްޑް ކަޕް މުބާރާތަށް ތައްޔާރުވަމުން އަންނަ ޖަޕާނުގެ ގައުމީ ފުޓްބޯޅަ ޓީމުން މެކްސިކޯގެ މޮންޓެރޭގައި ޕްރެކްޓިސް ކުރުމަށް ހަމަޖެއްސި ދަނޑުގެ ވިނަގަނޑުގެ ފެންވަރު ވަރަށް ބޮޑަށް ދަށްވުމުގެ ސަބަބުން، ކުޅުންތެރިންގެ ރައްކާތެރިކަމަށްޓަކައި އެހެން ދަނޑަކަށް ފަރިތަކުރުންތައް ކުއްލި ގޮތަކަށް ބަދަލުކޮށްފިއެވެ.
އީއެސްޕީއެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޖަޕާން ޓީމުން އެންމެ ފުރަތަމަ ފަރިތަކުރުންތައް ކުރިއަށްގެންދަން ނިންމީ މެކްސިކޯގެ މަޝްހޫރު ކްލަބެއް ކަމަށްވާ 'ޓައިގްރެސް ޔޫއޭއެންއެލް' ގެ ދަނޑުގައެވެ.
ނަމަވެސް، މިދިޔަ ބުދަ ދުވަހު ބޭއްވި ފުރަތަމަ ޕްރެކްޓިސް ސެޝަންގައި އެ ދަނޑުގެ ވިނަގަނޑު އެއްވަރު ނޫންކަމާއި، ބައެއް ސަރަހައްދުތަކުން ވިނަ ހަލާކުވެ ވެލިގަނޑު ފެންނަން އޮތުމުގެ ސަބަބުން، ތަމްރީނުތައް ކުރިއަށްގެންދިއުމުގައި ކުޅުންތެރިންނަށް ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާންޖެހުނެވެ.
މި މައްސަލަ ބޮޑުވުމުން ޖަޕާނުގެ ވަފުދުން ވަގުތުން ފިޔަވަޅު އަޅައި، މޮންޓެރޭ ކްލަބުގެ ރަސްމީ ޓްރޭނިންގް ދަނޑެއް ކަމަށްވާ 'އެލް ބަރިއަލ' އަށް ޓީމުގެ ފަރިތަކުރުންތައް މިހާރު ވަނީ ބަދަލުކޮށްފައެވެ.
މި އިދާރީ ބަދަލާ ގުޅިގެން ޖަޕާންގެ ޓެކްނިކަލް ޑައިރެކްޓަރ މަސަކޫނީ ޔަމަމޯޓޯ ވިދާޅުވީ، ދަނޑު ބަދަލުކުރަން ޖެހުނު ނަމަވެސް ޓީމުގެ ރޫހަށް އެއްވެސް އަސަރެއް ނުކުރާ ކަމަށާއި، މި ނިންމުމަކީ ކުޅުންތެރިންނަށް އެންމެ އެކަށީގެންވާ އަދި ރައްކާތެރި މާހައުލެއް ހޯދައިދިނުމަށް ނިންމި ނިންމުމެއް ކަމަށެވެ.
މި ހާދިސާގެ ފޮޓޯތަކާއި މައުލޫމާތު ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއެކު ގިނަ ބައެއްގެ ފާޑުކިޔުންތައް ޓައިގްރެސް ކްލަބަށް އަމާޒުވެފައިވާއިރު، ވޯލްޑް ކަޕް ފަދަ ބޮޑު މުބާރާތަކަށް ތައްޔާރުވާ ބައިނަލްއަގުވާމީ ޓީމަކަށް އެފަދަ ދަށް ފެންވަރެއްގެ ދަނޑެއް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ޖަޕާން ޓީމުން ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ މެޗު އޮންނާނީ އަންނަ ޖޫން މަހުގެ 14 ވަނަ ދުވަހު ޓެކްސަސްގެ އާލިންގްޓަންގައި ނެދަލޭންޑްސްއާ ދެކޮޅަށެވެ. އޭގެ ފަހުން ޖޫން 20 ގައި މޮންޓެރޭގައި ޓިއުނީޝިއާއާ ބައްދަލުކުރުމަށްފަހު، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޖޫން 25 ގައި ސްވިޑަންއާ ދެކޮޅަށް ކުޅުމަށް އެ ޓީމު އަނބުރާ ޓެކްސަސްއަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.
Ads by MACL
